ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ދެ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުކަން ދިނުމުގެ ބިލު، އަންނަ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެއް ރިޔާސީ ކޮމިޝަނަކީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް އެމަނިކުފާނު އުފެއްދެވި ކޮމިޝަނެކެވެ. އަނެއް ރިޔާސީ ކޮމިޝަނަކީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް އެމަނިކުފާނު އުފެއްދެވި ކޮމިޝަނެކެވެ.
ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމުގެ ބިލު މި މަޖިލީހަށް ވެސް ހުށަހެޅުއްވީ މިދިޔަ މަޖިލީހުގައި ވެސް ބިލު ހުށަހެޅުއްވި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އަންނަ ހޯމަ ދުވަހު ބާއްވާ ޖަލްސާއަށް ތަވާލުކޮށްފައި ވަނީ ބިލުގެ ފުރަތަމަ ކިއުން އިއްވުމެވެ.
މިދިޔަ މަޖިލީހުގައި ވެސް ހުށަހަޅުއްވާފައިވާ މި ބިލު އަލުން އާ މަޖިލީހަށް ވެސް ހުށަހަޅުއްވަން ޖެހުނީ މިދިޔަ މަޖިލީހުގައި އެ ބިލު ފާސްނުވެ އޮށްވައި މަޖިލީހުގެ ދައުރު ހަމަވުމުންނެވެ. މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ބިލަކަށް މަޖިލީހުގައި މަސައްކަތް ކުރަމުން ދަނިކޮށް ދައުރު ނިމޭއިރު ބިލު މަޖިލީހުން ފާސްނުވެ އޮވެއްޖެނަމަ ކުރިން ބިލުގައި ކުރި ހުރިހާ މަސައްކަތެއް އުވޭނެ އެވެ. އަދި އާ މަޖިލީހުގައި ބިލުގެ މަސައްކަތް ކުރަން ބޭނުންވާނަމަ ބިލު ޖެހޭނީ އަލުން ހުށަހަޅާށެވެ.
މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ކޮމިޝަންތްކުގެ ބިލަށް ވޯޓަށް އަހަން އެކި ޖަލްސާތަކުގައި އެޖެންޑާ ކުރި ނަމަވެސް ގާނޫނީ ގޮތުން ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވާތީ ބިލަށް ވޯޓަށް އެހޭ ގޮތެއް ނުވި އެވެ. ރައްޔިތުން އެ ކަމެއްގެ މައްޗަށް އަމަލު ކުރުން ލާޒިމު ބިލުތަކަށް ވޯޓަށް އެހެން އޮންނަނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުން މަޖިލީހުގައި ހާޒިރުވެ ތިއްބަވާނަމަ އެވެ.
އޭގެ ފަހުން ކޮމިޓީން ނިންމި ގޮތާ ހިލާފަށް ބިލުގައި ބައެއް ކަންކަން ހިމޭނެ ކަމަށް ވިދާޅުވެ ބައެއް މެންބަރުން ހުށަހަޅުއްވާފައިވާ ކަމަށް ބުނެ މަޖިލީހުގެ ރިޔާސަތުން ވަނީ ބިލު އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާފަ އެވެ. މަޖިލީހުގެ ރައީސް ކަމުގައި އެއިރު އިންނެވި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ފަހުން ވަނީ ބިލަށް ފާޑުވިދާޅުވެ ވާހަކަފުޅު ވެސް ދައްކަވާފަ އެވެ.
އެންމެ ފުރަތަމަ ބިލު މަޖިލީހަށް ހުށަހެޅިއިރު، އެ ބިލުގައި ގާނޫނު އަސާސީއަށް ފުށުއަރާ ކިތަންމެ ކަމެއް ހިމެނޭ ކަމަށް ބުނެ މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ ބޭފުޅުންގެ އިތުރުން ގާނޫނީ ދާއިރާގެ ބައެއް އިސް ބޭފުޅުން ކަންބޮޑުވުންް ފާޅުކުރެއްވި އެވެ. ކޮމިޓީ މަރުހަލާއަށްފަހު މަޖިލީހުގެ ތަޅުމަށް ބޮލު ފޮނުއްވީ ބިލުގައި ކުރިން ކޮމިޝަންތަކަށް ދޭން ބުނާ ގިނަ ބާރުތަކެއް އުނި ކުރުމަށް ފަހު އެވެ.