އިމިގްރޭޝަން

އިމިގްރޭޝަންގެ އެސިސްޓެންޓް ކޮންޓްރޯލާ ވަޒީފާއިން ވަކިކޮށްފި

އިމިގްރޭޝަންގެ އެސިސްޓެންޓް ކޮންޓްރޯލާ މަގާމުގައި ހުންނެވި ހާމިދު ފަތުހުﷲ އެ މަގާމުން ވަކިކޮށް، އެސިސްޓެންޓް ކޮންޓްރޯލާގެ މަގާމަށް އިމްގްރޭޝަންގެ ޒިންމާދާރުވެރިޔާ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު މޫސާ ރަމީޒު އައްޔަންކޮށްފި އެވެ.

އޭނާ އެމަގާމުން ވަކިކުރީ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ސަސްޕެންޝަންގައި ހުންނަވަނިކޮށް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން އިމިގްރޭޝަނުން ބުނެފައެއް ނުވެ އެވެ.

ސީއެސްސީއިން ހަމީދުގެ މައްސަލައެއް ބަލަމުންދަނީ އިމިގްރޭޝަނުން އަންގައިގެންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުސޫލުން ބޭރުން ގިނަ ކަންކަން ހިންގާފައިވާތީ، އިމިގްރޭޝަން ހިންގުމަށް ދިމާވާ ދަތިތަކަށް ހައްލު ގެނައުމުގެ ގޮތުން އިމިގްރޭޝަންގެ ތެރެއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.