ހަބަރު

ތަސްދީގު ނުކުރެއްވި އިނާޔަތް ބިލުތައް އެޖެންޑާކޮށްފި

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ނުކުރެއްވި ދެ ބިލެއްގެ މައްސަލަ އަންނަ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ރައީސް ސޯލިހް ތަސްދީގު ނުކުރެއްވި ދެ ބިލަކީ ރައްޖޭގައި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމުގެ ބިލާއި ކުރީގެ އުއްތަމަ ފަނޑިޔާރު ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް އިނާޔަތް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

އަންނަ ހޯމަ ދުވަހު ބާއްވާ ޖަލްސާގެ ފުރަތަމަ ކަމަކަށް އެޖެންޑާ ކޮށްފައި އޮތީ ރައީސް ސޯލިހް ތަސްދީގު ނުކުރައްވާ އަލުން މަޖިލީހަށް ފޮނުއްވާފައިވާ ދެ ބިލާ މެދު މަޖިލީހުން ގޮތެއް ކަނޑައެޅުމުގެ މައްސަލަ އެވެ. ރައީސް އޮފީހުން މީގެ ކުރިން ބުނި ގޮތުގައި މި ދެ ބިލު ރައީސް ތަސްދީގު ނުކުރެއްވީ އެ ބިލުތަކުގައި ގާނޫނު އަސާސީގެ ރޫހާ ހިލާފު ބައެއް ކަންކަން ފާހަގަކުރެވިގެނެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ނައިބު ރައީސް ކަން ކުރެއްވި ބޭފުޅުންނަށް އިނާޔަތް ދިނުމުގެ ބިލު ހުށަހެޅުއްވީ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. އެ ގޮތުން މަޖިލީހުން ފާސްކުރީ ކުށްވެރިނުވެ ނައިބު ރައީސްގެ މަގާމުން ވަކިވާ ކޮންމެ ބޭފުޅަކަށް ދައުލަތުން މަހަކު 35000 ރުފިޔާގެ އިނާޔަތެއް ދިނުމަށެވެ.

އަމަލު ކުރަމުންދާ ގާނޫނު އަަސާސީގެ ކުރިން އުއްތަމަ ފަނޑިޔާރުކަން ކުރެއްވި މުހައްމަދު ރަޝީދު އިބްރާހިމަށް އިނާޔަތް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމުގެ ބިލު ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ އެއިރުގެ މެންބަރު ރިޔާޒު ރަޝީދެވެ.

ރައީސް ތަސްދީގު ނުކުރެއްވި ދެ ބިލަށް ވެސް އެމްޑީޕީގެ މަޖިލިސް މެންބަރުން ފާޑުވިދާޅުވި އެވެ. އެއިރު އެމްޑީޕީއަށް މަޖިލިސް އަޣުލަބިއްޔަތު ނެތް ނަމަވެސް މިދިޔަ އަންގާރަ ދުވަހު ރޭ ހުވާ ކުރެއްވި މަޖިލީހުގައި އެމްޑީޕީއަށް ސާފު އަޣުލަބިއްޔަތު އޮވެ އެވެ.