އަބްދުﷲ ޝާހިދު

ހަ ގައުމެއްގެ ފޮރިން މިނިސްޓަރުންނާ ޝާހިދު ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަ ގައުމެއްގެ ފޮރިން މިނިސްޓަރުންނާ މިއަދު ބައްދަލު ކުރައްވައި ގުޅުންތައް ވަރުގަދަ ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ސައުދީއަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދާ އޯއައިސީގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު ޝާހިދު ބައްދަލު ކުރެއްވީ، ބޫރޫނާއީ އާއި މިސްރާއި އިންޑަނޭޝިއާ އާއި ސައުދީ އަރަބިއްޔާ އާއި ޖޯޑަންގެ އަދި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރުންނާ އެވެ.

ހުރިހާ ގައުމެއްގެ ފޮރިން މިނިސްޓަރުންނާ ބައްދަލުކުރައްވާ ޝާހިދު ވަނީ އެ ގައުމުތަކާއި މިހާރު އޮތް ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މީގެ އިތުރުން ސައުދީ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ފޯރުކޮށްދޭ އެހީތަކާއި ބެހޭގޮތުން މިނިސްޓަރު ޝާހިދު ވަނީ ވަރަށް ފުޅާކޮށް އެ ގައުމުގެ ފޮރިން މިނިސްޓަރާއި މަޝްވަރާ ކޮށްފަ އެވެ.

ސައުދީގައި 14 ދުވަހަށް ކުރިއަށްދާ އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ މިއަދު ސައުދީ ވަޑައިގެންފައެވެ.