ހަބަރު

މަޖިލިސް ގަވާއިދަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ގަވާއިދަށް ގެންނާނެ އިސްލާހުތަކާ ގުޅޭ ގޮތުން ހިޔާލު ހުށަހަޅަން ފުރުސަތު ހުޅުވާލައިފި އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަން 11 މެންބަރުން ހިމެނޭ ވަގުތީ ކޮމިޓީއެއް ހޮވައި މަސައްކަތް އެ ކޮމެޓީއަށް ފޮނުވާފަ އެވެ. ކޮމިޓީގެ މަސައްކަތްތައްކޮށް ނިންމަން ދީފައި ވަނީ އެއް މަސް ދުވަހެވެ.

ކޮމިޓީގެ މެންބަރުން

  • ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް (ޖޭޕީ)
  • މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް (ޕީއެންސީ)
  • ނައިފަރު ދާއިރާގެ މެމްބަރު އަހުމަދް ޝިޔާމް (ޕީޕީއެމް)
  • ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދް އާމިރު (އެމްޑީއޭ)
  • ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން (އަމިއްލަ)
  • ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފު (އެމްޑީޕީ)
  • އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (އެމްޑީޕީ)
  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު (އެމްޑީޕީ)
  • މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (އެމްޑީޕީ)
  • ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު (އެމްޑީޕީ)
  • ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރް މޫސާ (އެމްޑީޕީ)

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އާންމު ރައްޔިތުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަށާއި ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ހިޔާލު ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު އަމަލު ކުރަމުން ދަނީ 2010 ވަނަ އަހަރު ފާސްކުރި ގަވާއިދަކަށެވެ. ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް އޮތް އިރު މަޖިލިސް އިންތިހާބުގެ ކެމްޕޭން ތެރޭގައި އެމްޑީޕީން ވަނީ މަޖިލިސް ގަވާއިދަށް ގިނަ އިސްލާހުތަކެއް ގެންނަން ވައުދު ވެފައެވެ.