ރިޕޯޓް

އޭޑީކޭން ނިކަމެތި އާއިލާއަކަށް ގެއެއް!

May 31, 2019
8

ކޮންމެ ރޯދަމަހަކާއި ދިމާކޮށް އޭޑީއޭއިން އަންނަނީ ސީއެސްއާރު ޕްރޮގްރާމެއް ހިންގަމުންނެވެ. ކޮންމެ ފަރަކުވެސް ހިންގާ ޕްރޮގްރާމްތަކަކީ ނަމޫނާ ޕްރޮގްރާމް ތަކެކެވެ. މިފަހަރުވެސް އޭޑީކޭއިން ހިންގި ސީއެސްއާރް ޕްރޮގްރާމަށް އެތައް ބައެއްގެ ތައުރީފް ދަނީ ލިބެމުންނެވެ. އޭޑީކޭއިން މިފަހަރު އެހީތެރުވެދީފައިވަނީ އަސާސީ ހިދުމަތްތަކުންވެސް މަހުރޫމްވެފައިވާ އާއިލާއަށެވެ.

މި ޕަރޮގްރާމް ކުރިއަށް ގެންދިޔަ ގޮތް "އަވަސް"އާ ހިއްސާ ކުރަމުން އޭޑީކޭ ކޮމްޕެނީގެ ސީނިއާ މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ، އެންމެ ހާލުގައި ޖެހިފައިވާ އާއިލާތައް އެކި ގޮތްގޮތުން ހޯދައިގެން ބެލުމަށްފަހު އެއާއިލާތަކާއި އެކުންފުނިން ބައްދަލު ކުރީ ކަމަށެވެ. އެގޮތުން ދެ އާއިލާއަކާއި ބައްދަލު ކުރުމަށްފަހު ތިން ވަނަ އާއިލާއާ ބައްދަލު ކުރުމަަށް ލ. ހިތަދޫއަށް ދިޔައީ ކަމަށެވެ.

އެއާއިލާއާ ބައްދަލުވުމުން އިނގުނީ ވަރަށްވެސް ހާލުގައި އުޅޭ އާއިލާއެއް ކަމެވެ. ފުރަތަމަ އެޕްރޮގްރާމް ރާވާފައިވަނީ ތަންކޮޅެއްފަހުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެއާއިލާގެ ހާލަތު ފެނުމުން ނިންމީ ވީހާވެސް އަވަހަކަށް އެކަން ކުރުމަށް ކަމަށް ޖިނާން ވިދާޅުވި އެވެ.

ޖިނާން ވިދާޅުވީ، އާއިލާއާ ބައްދަލު ކުރުމަށްފަހު އެނބުރި މާލެ އައިސް 10 ދުވަހުގެ ތެރޭގައި ސާމާނާއެކު އެރަށަށް ދިޔަ ކަމަށެވެ. އަދި ރޯދަމަހަށްވެސް ބެލުމެއްނެތި ބެލީ އަވަހަށް އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މަސައްކަތް ފެށީ ކަމަށެވެ.

އޭޑީކޭއިން ވަނީ އެއާއިލާގެ ވާހަކަ އާއި އޭޑީކޭއިން ކުރިއަށް ގެންދިޔަ މަސައްކަތްތައް ދައްކުވާދޭ ވީޑިއޯއެއް މިއަދު އާންމުކޮށްފަ އެވެ. އަށް މިނެޓްގެ އެވީޑިއޯއިން އެތަށް ބަޔަކަށް އަސަރު ކޮށްލި އެވެ. ވަރަށްވެސް ހާލުގައި އުޅެމުންދިޔަ އާއިލާއެކެވެ.

އާއިލާގައި ހަތް ކުރިން ތިބޭއިރު މަންމައާއެކު ފަސް ކުދިން ދިރިއުޅެމުންދެއެވެ. ކުޑަ ފަސް ކުުދިންނެވެ. އެކުދިންވަނީ ބައްޕައެއްގެ ލޯބިން މަހުރޫމުވެފަ އެވެ. ވީޑިއޯގައި ސުކޫލަަށް ނުދާ ސަބަބު އޭގެ ތެރެއިން އެއް ކުއްޖެއްގެ ކައިރީ ސުވާލު ކުރުމުން ދިން ޖަވާބު ވަރަށްވެސް ހިތްދައްޗެވެ. މަލާމާތާއި ފުރައްސާރައިގެ ތެރެއަށްދާން ބޭނުން ނުވަނީ ކަމަށެވެ.

އޭނާގެ މަންމައަކީވެސް މަލާމާތާއި ފުރައްސާރަ އަދި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. މަޖުބޫރު މައެއްގެ ހިތްދަތިކަން މޫނު މަތިން ވަރަށް ރީތިކޮށް ސިފަވެގެންދިޔަ އެވެ. މޮޅިވެރިކަމާއި މާޔޫސްކަން ވީޑިއޯގެ އެކުޑަ މިނެޓް ކޮޅުންވެސް ފެނިގެން ގޮސްފި އެވެ.

އާސާސީ ހިދުމަތްތަކުންވެސް މަހުރޫމްވެފައިވާ އެއާއިލާއިން ފާހަނާ ކުރުމަށް ދާންޖެހެނީ އަތިރިމައްޗަށެވެ. ދޭހާ އަތްވެއްގައި ވެހޭހާ ވާރޭގައި އެނޫން އެހެން ގޮތެއް އެއާއިލާއަކަށް ނެތެވެ. އެއްވެސް ނިވާކަމެއްނެތި އެވެ.

ފަސް ކުދިންނާއި މަންމައަކު ދިރިއުޅެމުންދިޔަ އެގޭގައި ނިދުމަށް އޮތީ އެންމެ ގޮދަޑި އެކެވެ. ތުއްތު ދެކުދިން ނިދާފައިވާ މަންޒަރުތައް ފެނުނަށް ހިތް ފަޅައިގެންދާ ވަރުވެ އެވެ. އެންމެ ތުއްތު ކުއްޖާ ނިދާފައި އޮތް ވަގުތު ގޮދަޑި މަތިން އޭނާގެ ގައިގައި ހިންޔާއި ކަނޑާ ހަފަމުންދިޔަ މަންޒަރު ފެނުމުން ކޮންމެ މީހަކުވެސް ހިތަށް އަސަރު ކުރުވާނެ އެވެ.

އޭޑީކޭއިން އެމަސައްކަތް ފަށާފައިވަނީ މިމަހު ކުރީކޮޅެވެ. އަދ މަސައްކަތް ފަށައިގެން 13 ދުވަސް ތެރޭގައި އެގޭގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފަ އެވެ. އެންމެ އަސާސީ ހިދުމަތްތަކާއި ފަރުނީޗަރާއި ގެއެއް ފުރިހަމަވާނޭ ހުރިހާ ކަމެއް ވަނީ ކޮށްދީ ނިންމާލާފަ އެވެ.

އޭޑީކޭއިން ވަނީ އެއާއިލާއަށް ވަރަށްވެސް އުފާވެރި ދުވަސްތަކެއް ގެނެސްދީފަ އެވެ. މަސައްކަތް ނިމި އެއާއިލާ ގެއަށް ދިއުމުން އެކުދިންގެ މޫނު މަތިން ފެނިގެންދިޔަ ހިނިތުންވުމާއި އުފާވެރިކަން ކޮންމެ މީހަކުވެސް އުފާކޮށްލަދޭނެ އެވެ. އޭޑީކޭއިން ވަނީ 13 އަހަރުގެ ކުއްޖާއަލުން ސުކޫލަށް ކިޔަވަންވެސް ފޮނުވާފަ އެވެ.

ޖިނާން ވިދާޅުވީ، ހުރިހާ މަސައްކަތެއްވެސް ކޮށްފައިވަނީ އޭޑީކޭގެ މުއައްޒަފުން ކަމަށެވެ. އެމަސައްކަތުގައި އޭޑީކޭގެ 20 މުއައްޒަފުން ބައިވެރިވި ކަމަށެވެ. އުންމީދަކީ އަންނަ އަހަރުވެސް މިފަދަ ޕްރޮގްރާމެއްގެ ދަށުން ހާލުގައި ޖެހިފައިވާ އާއިލާއަކަށް އުފާވެރިކަން ގެނެސްދިނުން ކަމަށެވެ.