ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ފައިނަލުގައި އޭނާގެ ޓީމު ކުޅުނު ދެ ފަހަރުވެސް، ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް އަށް ކުރިމަތިވީ ނާކާމިޔާބެވެ. މިރޭ ޓޮޓެންހަމްއާ ދެކޮޅަށް، ތިން ވަނަ ފައިނަލަށް ނިކުންނައިރު ކުރީގެ ފައިނަލުގެ ހަދާންތައް އާވެ އެވެ.
ބަޔާން މިޔުނިކާ ދެކޮޅަށް 2013 ވަނަ އަހަރު ކުޅުނު ފައިނަލުގައި ކްލޮޕް ކޯޗް ކޮށްދިން ބުރޫޝިއާ ޑޯޓަމުންޑުން ފައިނަލުގައި ބަލިވީ މެޗުގެ އެންމެ ފަހު ވަގުތުގައި ބަޔާންގެ އާރެން ރޮބެން ކާމިޔާބު ކުރި ލަނޑުންވެ. މިިދިޔަ އަހަރުގެ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ބަލިވީ ރަނގަޅަށް ކުޅުނު ނަމަވެސް ބައިކޮޅަށް ވަން ފީކަޅާ ދެ ގޯލުންނެވެ. ކްލޮޕް ބުނީ ސެމީ ފައިނަލުގައި އެންމެ ގިނައިން ވާދަ ކުރި މީހަކަށް އޭނާ ވާނެ ކަމަށާއި ތައްޓާ ހަމައަށް ނުދެވުނަސް އެއީ އޭނާގެ ބަދު ނަސީބު ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
"އަހަންނަކީ ނާކާމިޔާބު މީހެއް ކަމަށް ގަބޫލު ކޮށްފިއްޔާ އަހަންނަކަށް ކުރިއަކަށް ނުދެވޭނެ،" ކްލޮޕް ބުންޏެވެ. "އަހަރެން ކުރިމަތިލި ހަ ފައިނަލުން ބަލިވުމުގައި އަހަރެން ސަބަބަކަށް ވާނަމަ ހުރިހާ އެންމެންވެސް އެކަމާ ކަންބޮޑުވާނެ، މިދިޔަ އަހަރުވެސް އަހަރެމެންނަށް ފުރުސަތު އޮތް، އަހަރެމެން ވަރަށް ރަނގަޅަށް ކުޅުނިން، ބަލިވީ ބައިކޮޅަށް ވަން އުނދަގޫ ތިން ގޯލުން. އަހަރެމެން ކުރިމަތި ލަނީ އެކަހަލަ ހާލާތްތަކަށްވެސް ފިލާވަޅު ހަދައިގެން."
ފާއިތުވި ދެ އަހަރަށް ބަލާއިރު، ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ބޮޑު ހަރަދުތަކެއް ކުރި އެވެ. އެހެންނަމަވެސް ޓޮޓެންހަމްއަށް ބަލާއިރު ޓްރާސްންފާ މިދިޔަ ހޫނު މޫސުމުގައިވެސް އެ ޓީމުން އެކްޓިވްކޮށް ފެނިފަ އެއް ނުވެ އެވެ. މާ ބޮޑު ހޭދައެއް ކޮށްފައެއް ނުވެ އެވެ. އެ ޓީމުގެ ކޯޗް މައުރީޝިއޯ ޕޮޗެޓީނޯގެ ބަހުންނަމަ ޓޮޓެންހަމްއަށް މިހާހިސާބަށް އާދެވުމުގެ އެންމެ ބޮޑު ސިއްރަކީ ދޫދިނުމެއް ނެތި އެ ޓީމުން ކުރި މަސައްކަތެވެ.
މިރޭގެ ފައިނަލު ވެގެންދާނީ، ޓޮޓެންހަމްގެ ތާރީޙްގައި، އެ ޓީމު ކުރިމަތިލާ އެންމެ މުހިންމު 90 މިނެޓަށެވެ. "އަހަރެމެން މިތިބީ ތައްޔާރަށް، ކުރިމަތިލާން ތައްޔާރަށް، ވާދަ ކުރަން ތައްޔާރަށް، އަދި ކާމިޔާބު ހޯދަން ތައްޔާރަށް، އަހަރެމެންގެ ތާރީހް ލިޔަން އަހަރެމެން ބޭނުންވާނަމަ އަހަރެމެންނަށް އެނގޭ މޮޅުވަން ޖެހޭނެކަން، މީ ތާރީހާ ގުޅިފައިވާ މެޗެއް."
މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންޗަރު 12:00 ގަ އެވެ.