ހަބަރު

ކިނބިދޫ ސްކޫލުގައި ޑިޖިޓަލްކޮށް ރިޕޯޓް ފޮތް ދީފި

ތ. ކިނބިދޫ ސްކޫލުން ރަށު ސްކޫލްގެ ދަރިވަރުންނަށް މިދިޔަ ޓާމުގެ ރިޕޯޓް ފޮތް ޑިޖިޓަލްކޮށް ދީފި އެވެ.

ކިނބިދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ވިދާޅުވީ ޑިޖިޓަލް ރިޕޯޓް ފޮތް ދިނީ ސްކޫލްގައި ކަރުދާހަށް ކުރާ ހޭދަ ވީހާވެސް ކުޑަ ކުރުމަށައި އެޑިއުކޭޝަން މިނިސްޓްރީން އެ ކަމުގެ ހުއްދަވެސް ދީފައި އޮތުމުން ކަމަށެވެ.

ކިނބިދޫގައި އެލްކޭޖީއާއި ޔޫކޭޖީ ފިޔަވައި ހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުންނަށް މިދިޔަ ޓާމުގެ ރިޕޯޓް ފޮތް ދޫކުރީ ޑިޖިޓަލްކޮށެވެ. އެއީ ގާތްގަނޑަކަށް 190 ދަރިވަރުންނެވެ. ކުރިއަށް އޮތް ތަނުގައި ވެސް ރިޕޯޓް ފޮތް ދޫކުރަން ނިންމާފައި ވަނީ ޑިޖިޓަލްކޮށެވެ.

"ކަރުދާސް މުޅިން ދޫކޮށްލީ މި. މީގެ ފަހުން އިރާދަ ކުރެއްވިއްޔާ ހަމަ މި ގޮތަށް [ޑިޖިޓަލްކޮށް] އަޅުގަނޑުމެން ރިޕޯޓް ފޮތް ގޮތަށް ހަމަޖައްސާފައި ވަނީ." ޕްރިންސިޕަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރިވަރުންގެ ޓެބްލެޓްތަކުން އޮންލައިންކޮށް އަަދި އޮފްލައިންކޮށް ވެސް ބޭނުން ވަގުތެއްގައި އެ ރިޕޯޓް ބަލައިލެވޭނެ ކަމަށެވެ. ނިމިދިޔަ ޓާމުގެ ރިޕޯޓް ފޮތް، 10 ސްކޫލެއްގައި ޑިޖިޓަލްކޮށް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ކިނބިދޫ ސްކޫލަކީ އޭގައި ހިމެނޭ ސްކޫލެއް ނޫނެވެ.