ހަބަރު

ރައީސް ނަޝީދު މި މަހު ލަންކާއަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މި މަހުގެ 15 ވަނަ ދުވަހު ސްރީލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ ޕާޓީގެ ރައީސް ނަޝީދާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ އިތުރުން ސަރުކާރު ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް މިނިސްޓަރުންނާ އެކު މި މަހުގެ 15 ވަނަ ދުވަހު ލަންކާގައި އޮންނަ ހަފްލާއެއްގައި ބައިވެރިވެޑައިގަންނަވާނެ އެވެ. ހަފްލާއާ ބެހޭ ތަފުސީލުތަކެއް ބަޔާނަކު ނެތެވެ.

މިއީ މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނަވުމަށްފަހު ރައީސް ނަޝީދު ލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އެމްޑީޕީން ބުނީ ލަންކާއަކީ އެ ޕާޓީއަށް އެންމެ ބޮޑު ރައްކާތެރި ކަމެއް ބޭނުންވި ދުވަހު އެ ކަމުގައި އެހީތެރިވެދިން ގައުމު ކަމަށެވެ. މިދިޔަ ސަރުކާރުގެ ދުވަސްވަރު ރައީސް ނަޝީދު ގައުމުން ބޭރުގައި އަރުވާލެވިގެން ހުންނެވިއިރު ލަންކާ ސަރުކާރުން އެމަނިކުފާނަށް ވަނީ ރައްކާތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން ވެސް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވެސް މިދިޔަ ސަރުކާރުގެ ދުވަސްވަރު ލަންކާގައި އަރުވާލައިގެން ތިއްބެވެ.

މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، ގައުމުގެ ސަލާމަތީ ކަންކަން ކަމާ ބެހޭ މުއައްސަސާތަކުން ބަލަހައްޓާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ލަންކާއަށް ދިމާވާ އެފަދަ ކޮންމެ ހިތާމަވެރި ހާލަތެއްގައި ދިވެހިރާއްޖެއާއި އެމްޑީޕީ އަބަދުވެސް އޮންނާނީ ލަންކާއާ އެކުގައި ކަމަށް އެމްޑީޕީގެ ނޫސް ބަޔާނުގައިވެ އެވެ.