ހަބަރު

ކެމްޕެއިންގައި އިބޫ މިފަހަރު ލަންކާއަށް ފުރާވަޑައިގެންފި

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ތާއިދު ހޯއްދެވުމަށް އަވަށްޓެރި ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފި އެވެ.

އިދިކޮޅަށް ނިސްބަތްވާ ގިނަ ބޭފުޅުންތަކެއް ވެސް ދިރިއުޅުއްވާ ލަންކާއަށް މިއަދު ވަޑައިގަންނާއިރު، މާދަމާ ލަންކާގައި އުޅޭ ދިވެހިންނާ ބައްދަލުކުރައްވާނެ އެވެ.

މާދަމާ ހަވީރު ފަށާ އެ ހަރަކާތް ރޭގަނޑާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ބައްދަލު ކުރެއްވުމުގައި އިބޫއާއެކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެ ބައްދަލުވުމަށް މިހާރު ވަނީ ދައުވަތު ވެސް ފޮނުވާފަ އެވެ.

ތިން ދުވަހުގެ ލަންކާ ދަތުރު ނިންމަވާލެއްވުމަށްފަހު އިބޫ މާލެ ވަޑައިގަންނަވާނީ އަންގާރަ ދުވަހު އެވެ. އެއަށްފަހު އަނެއްކާވެސް ރާއްޖޭގެ އެހެން ހިސާބަކަށް އިބޫ ކެމްޕެއިނަށް ވަޑައިގަންނަވާނެ އެވެ.

އިބޫ މީގެކުރިން ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ބ. އަތޮޅު، ތ. އަތޮޅު، ލ. އަތޮޅު، ހދ. އަތޮޅު، ނ. އަތޮޅު އަދި ރ. އަތޮޅުގެ ރަށްރަށަށް ޒިޔާރަތް ކުރައްވައި ކެމްޕެއިން ކުރައްވާފަ އެވެ.