ޕީޕީއެމް

ކޮމިޓީތައް އެކުލަވައިލުމުގެ މަޝްވަރާއެއް ނުކުރޭ: ޕީޕީއެމް

މިދިޔަ އަންގާރަ ދުވަހު ހުވާ ކުރި ނަވާރަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމިޓީތައް އެކުލަވައިލުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް އެމްޑީޕީން ބުނި ނަމަވެސް އެ މަޝްވަރާތައް ފެށިކަން އެނގިފައި ނުވާ ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށާއި މަޝްވަރާތައް ކުރިއަށް ދަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުގެ ލަފާގެ މަތިން ކަމަށެވެ.

ނަމަވެސް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ އެފަދަ މަޝްވަރާއެއް ފަށާފައިވާކން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އޮންނަނީ ދާއިމީ 13 ކޮމިޓީއެކެވެ. އެއީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ގައުމީ ސަލާމަތުގެ ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީ އާއި އާންމު ކޮމިޓީ އާއި ގައުމީ ތަރައްގީގެ ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީ އާއު އިމްތިޔާޒު ކޮމިޓީގެ އިތުރުން ސުލޫކު ކޮމިޓީ އަދި ގަވާއިދު ކޮމިޓީ އެވެ.

މިދިޔަ އަންގާރަ ދުވަހު ހުވާ ކުރި ރައްޔިތުންގެ މަޖިލީހުގައި 65 ގޮނޑިއާއެކު ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީޕީ އަށެވެ. އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަން ތަމްސީލު ކުރަނީ އަށް މެންބަރުންނެވެ.