(30 މެއި 2019 އާ ގުޅޭ)
"ސިއްތާ، އަޑުގަދަ ނުކުރޭ... އެ އިފްރީތާ ކުރިމަތިލާހާ ބާރެއް އަހަރެމެންނަށް ލިބިފައެއްނުވޭ" ހިލިހިލާގަނޑު ތެޅިގަތް އަޑުފަށްގަނޑު ގުގުމާލުމުން ޠަބަލް ބުނެލިއެވެ.
"މީ ކޮންތަނެއް؟" ސިއްތާ ވެސް ވާހަކަދެއްކީ ސިއްރުންނެވެ.
"ޖަލެއްހެން ހީވަނީ" ޠަލަބް ބުނެލިއެވެ. އަދި އޭނާ ރައުލްގެ މޫނާ ގާތްވެލައި މޫނުގެ ދެފަރާތުން މަޑުމަޑުން ޖަހާލައި ދެތިން ފަހަރަށް ގޮވާލިއެވެ. ނަމަވެސް ޚަބަރު ހުސްވެފައި އޮތް ރައުލްގެ ފަރާތުން އިޝާރާތެއް ނުވުމުން ޠަލަބް ދެން އަވަސްވެލީ ރައުލްއަށް ލިބިފައިވާ ޒަޚަމްތައް ބެލުމަށެވެ.
"ސިއްތާ، ކަލޭ އަތުގައި މިތަނުގައި އަޅާނޭ ބޭހެއް ހުންނާނޭތަ؟" ވައަތްފަރާތަށް ވާހެން ރައުލް އަރިއަށް ޖަހާލައި އޭނާގެ އަރިކަށިން ޒަގަން ޒަޚަމްކޮށްލި ދިމާ ރަނގަޅަށް ބަލަމުން ޠަލަބު ވާހަކަދެއްކިއެވެ. ހަމައެވަގުތު ބުރަކަށިން ރައުލްގެ ލިބާސް ވިރިގެން ގޮސް ހިލަހިލާގެ ނިޝާނަށް ފިހިފައިވާ ބައެއް ޠަލަބްއަށް ފެނުނެވެ. އޭނާގެ ގާތުގައި އައިސް ހުއްޓިލި ސިއްތާގެ އުނަގަނޑުގައި އަބަދުހެން އައްސައިގެން ގެންގުޅޭ ކޮތަޅު ހުޅުވާލިއެވެ. އޭގެ ތެރޭގައި ބަންދުކޮށްފައި ހުރި ޕެކެޓުތަކެއް ނަގައި ނޭފަތާ ކައިރިކޮށް ވަސް ބަލަން ފެށިއެވެ. އޭގެ ތެރެއިން ސިއްތާ ދެ ޕެކެޓެއް ވަކިކޮށް ޠަލަބްއަށް ދިނެވެ. އެއީ ފަތްޕިލާވެލީގެ ބާވަތްތަކެވެ. ބައެއް އެއްޗެހިވަނީ ހިއްކައި ކުނޑިއަށް ހަދާފައެވެ.
"ފެންފޮދެއް ބޭނުންވާނެ" ސިއްތާ ބުންޏެވެ.
"މިތަނުގައި ފެންހުރެދާނޭ ހީވަނީތަ؟ މިތަނުން ބޭރަށް ބަލާބަލަ.... އެ ތިބަ ޤައިދީންނަށް ފެންފޮދެއް ލިބިފައިވާހެން ހީވޭތަ؟، އަހަރެމެންގެ ފައިތިލަ ދަށުގައިވާ ގާތައް ދޮންވެފައިވާވަރު އިޙްސާސް ނުކުރެވޭތަ؟، އޭގެ ދަށުގައިވަނީ ހިނގަހިނގާ ހުރި އަލިފާނުގެ އާރެއް، މިތަނުގެ ވަސް ވަނީ ނުބައިވެފަ، މިއީ އެންމެ ބޮޑެތި ކުށްވެރީން ލާފަދަ ޤައިދުޚާނާއެއް، މަރުވެގެން ދިއުމަށް ދޫކޮށްލެވޭ އެމީހުންގެ އެންމެފަހު މަންޒިލްކަން ޔަގީން" ޠަލަބްގެ އަޑުގައި އާދަޔާ ޚިލާފު ހިތްދަތިކަމުގެ އަސަރެއް އެކުލެވިފައި ވިއެވެ. ހިމޭނުން އިރުކޮޅަކު ހުރެފައި ސިއްތާ އެ ގޮޅީގެ ބޭރުގައި ހިނގާ ކަންކަން ބަލާލިއެވެ.
"ޤަލްޤިޔާންގެ ކިބައިން އަހަރެމެން ފިލާރައްކާނުވިނަމަ މިއަދު އަހަރެމެންގެ ފަހު ނޭވާ ވެސް ދާނީ މިފަދަ ތަނެއްގައި، އެމީހުންނަށް އެވަނީ ކޮންފަދަ ހާލެއް ޖެހިފައި، އަހަރެމެން ފަދައިން ޢާއިލާއެއްނެތްތަނުގައި އަޅާލާނޭ މީހަކު ވެސް ނެތް ބަޔަކު ފަދަ" ޤައިދީންގެ ހާލާމެދު ހަމްދަރުދީ އުފެދިފައިވާ ހާލު ސިއްތާ ބުންޏެވެ.
"ސިއްތާ، ހަމްދަރުދީވާކަށް އަދިނުވޭ، އެމީހުންގެ ތެރޭގައި ކުށެއްނުކުރާ މީހަކީ ކާކުކަމެއް ނޭނގޭ، އެހެންވީމަ އެއިން މީހަކަށް ނުފެންނާތި... އާދޭ!... އަހަރެންނަށް މިކަމުގައި އެހީވެދީ" ޠަލަބް ގޮވާލިއެވެ.
"ރައުލް ހޭނާރާހާ ހިނދަކު އަހަރެމެން މިތާ ތިބޭނީތަ؟ އޭނާ ސަލާމަތްކުރެވޭނޭ ގޮތެއް ހޯދަން ނުނިކުންނާނަންތަ؟ އަހަރެމެން އީޝަލްއަށް ވަޢުދުވީމެންނު، ލުގަލް އަހަރެމެން ރައުލްގެ ގާތަށް ފޮނުވީ އެހެންވެއެއްނު" ޠަލަބް ރޭވުމެއް ރާވަފައި އޮވެދާނޭކަމަށް ސިއްތާ ބުންޏެވެ.
"އީޝަލްއަށް ވީ ވަޢުދު އުވައެއްނުލާނަން، އެކަމަކު އެ އަންހެންކުއްޖާއާ މެދު އަހަރެންގެ ކަންބޮޑުވުން ފިލައިގެނެއް ނުދޭ.... އޭނާގެ ބުރަކަށިން ފާޅުވި އަލިކަން ނެތިގެން ދިޔަތަން އަހަރެން ދުށީން، އިވުނީ ލުގަލްގެ އަޑުކަމެއް އަދިވެސް ޔަގީނެއްނުވޭ، ނަމަވެސް ގާތުގައި ފެންނަން ހުރީ އޭނާ... ސިފަ ވަކިނުވާ ބޯ ދުންގަނޑަކަށް އޭނާ ބަދަލުވީ ކިހިނެއް ކޮންއިރަކުކަމެއް އަހަރެން ވެސް ނުދެނަހުރިން، އެވަގުތު ރައުލްގެ ގާތަށް ދިއުމަށް ގޮވާލީ އެ ކަޅު ދުންގަނޑުގެ ތެރެއިން... އީޝަލްއަށް ޓަކައި ރައުލް ރައްކާތެރިކުރަން ބުނި، ތަނެއްނުފެނުނު ކަމުގައި ވިޔަސް އެ އަޑު އައީ ހުރަހެއްނެތި ސާފުކަމާއެކު، އަހަރެމެންގެ ހަލުވިކަން އެއްބާރުލުން ދިން ވަގުތަކީ އެއީ... އެ އިފްރީތު ދިމާނުކުރިނަމަ ޒަގަންގެ އަތްދަށުން އަހަރެމެންނާއެކު ރައުލް ގެންދެވުނީސް... ރައުލްގެ ލިބާހުގެ ތެރެއަށް ވަދެ ފިލަން އުޅުނު ވަގުތު އަހަރެން ދުށީން އީޝަލްގެ ބާރު ކެނޑިފައިވަނިކޮށް... އަހަރެން ކަންބޮޑުވަނީ އޭނާގެ ފުރާނަ ހުރިކަމެއް ޔަގީންނުވާތީ، ރައުލް ގޮވައިގެން އެނބުރި ދެވޭއިރު މާބޮޑަށް ލަސްވެދާނޭތީ... އާދެވިފަ މިތިބީ ފަސޭހަ ރަޙުމަތެއްގައި ދެވޭނެ ފަދަ ތަނަކަށްނޫން، ފުރަތަމަ ކަމަކަށް މިތަނުން ނުކުންނާނޭ މަގެއް ހޯދަން އެބަޖެހޭ، އެއްވެސް މީހަކަށް އަހަރެމެން ފެނިގެންނުވާނެ، އަނެއްކޮޅުން ރައުލް ނުފެންނަ ހިސާބު ދުރަށް އަހަރެމެން ދިއުން ރަނގަޅެއްނުވާނެ، އޭނާއަށް ވާގޮތެއް ވެސް ބަލަންޖެހޭ... މިތަނަށް އައި ހަޤީޤީ ބޭނުމަކީ އޭނާ... އީޝަލްގެ ގާތަށް އޭނާ ސަލާމަތުން ގެންދިއުން، ރައުލް ހޭއަރަންދެން އަހަރެމެން ކެތްތެރިވާން ޖެހޭނެ، އެކަމަކު އަހަރެމެން ވަގުތު ހިނގާގޮތް ބަލަންޖެހޭނެ، މިތަނުގައި އަހަރެމެންގެ ބުއްދިއަށް އެންމެ އަވަހަށް އޮޅުވާލާނޭ އެކައްޗަކީ އެއީ، ފަހަރެއްގައި ރައުލް ހޭއެރުމުން އަހަރެމެންނަށް މިބަންދުކަމުގެ ތެރެއިން ސަލާމަތުގެ ދޮރެއް އޭނާ ހުޅުވައިދީފާނެ" ރައުލްގެ ޒަޚަމްތަކުގައި ބޭސްއަޅައި ނިންމާލައި އޭނާގެ ގާތުގައި ޠަލަބް އިށީނެވެ.
* * * * *
ޒަގަން އައިއިރު އޭނާ މަޑުކުރަން ބުނި ތަނުގައި އިފްރީތު ނެތްތަން ފެނުނެވެ. ވަށައިގެން ހޯދާލައި ބިންގަރާހަށް ވަދެގެން އައި މަގުން ކުރިއަށް ހިނގައިގަތް ވަގުތު ތަންކޮޅެއް ދުރުގައި އިފްރީތު މަޑުކޮށްލައިގެން ހުއްޓާ ފެނުނެވެ.
"ކޮންތާކަށް ގޮސްފައި ތިއައީ؟" ވަގުތުން ޒަގަން ސުވާލުކުރިއެވެ.
"އެއްވެސްތާކަށް ނުދަން، ކޮބާ ރައުލް؟" އިފްރީތު ވަގުތުން ޖަވާބުދިނެވެ. ނަމަވެސް ޒަގަންއަށް އޭނާގެ ވާހަކައިން ހަމަޖެހުމެއް ނުލިބުނެވެ.
"އަހަރެންނާ ސުވާލުކުރަން ކަލޭތީ ކާކު؟" ޒަގަން މިހެން ބުނުމާއެކު އެ އިފްރީތު ނިކަން އަވަހަށް މަޢާފަށް އެދެފިއެވެ. އަދި ޒަގަންއާއެކު ކުރިއަށް ހިނގައިގަތެވެ.
އިފްރީތުންނަކީ މަކަރުވެރި އިންތިހާއަށް ދޮގު ހަދާ ބައެއްކަން ޒަގަންއަށް އެނގެއެވެ. ބޭރީތަށް ޚަބަރު ދިނުމަށް އޭނާ ދިޔައީއޭ ޒަގަންގެ ހިތަށް އެރިއެވެ. އަނެއްކޮޅުން ރައުލްއަށް ވީގޮތެއް އެހުމުން އިފްރީތާމެދު ޒަގަންގެ ޝައްކު އިތުރުވެއްޖެއެވެ. އެ ޚިޔާލުތަކުން އުފެދުނު ވަސްވާސްތައް ޒަގަންގެ ބުއްދި ގޯސްކުރިއެވެ. އެހެންވެ ކުއްލިއަކަށް އިފްރީތަށް ގޮވާލައި ޒަގަންގެ ކުރިއަށް ނުކުމެ އޭނާއަށްވުރެ ކުރިން ދިއުމަށް އަމުރުކުރިއެވެ. ކިޔަމަންތެރިކަން އަދާކުރާ ފަދައަކުން ބޯޖަހާލައި އިފްރީތު ކުރިއަށް ނުކުތެވެ. ބިންގަރާހުގެ ތެރެއިން ނުނިކުމެވެނީސް ޒަގަންގެ އަތަށް ހެޔޮވަރުކޮށްލި ކަނޑިން އިފްރީތުގެ ފުރަގަހުން ހަމަލާދީފިއެވެ. ފުރަތަމަ އެތިފަހަރު ދިނީ އިފްރީތުގެ ދެފަޔާއި ދެއަތަށެވެ. އެއާއެކު ބަންލާފައި ދެކަކު މައްޗަށް އިފްރީތު ވެއްޓިއްޖެއެވެ. ނަމަވެސް ކުރިއަށް ވެއްޓުމުގެ ކުރީން ދެއަތް ވިއްދާލިއެވެ. ގައިން ހުޅުފަޅައިގެން ދިޔައެވެ. ދޮންވަމުން އައި ހިލަހިލާގަނޑާއެކު އިފްރީތުގެ އެއްއަތް ހިއްލާލީ ޒަގަންއަށް ހަމަލާދޭށެވެ. ނަމަވެސް އޭނާގެ ބުރަކައްޓަށް ވަން ޒަގަންގެ ކަނޑި ނުކުތީ މެއިންނެވެ. ކަނޑީގައި ހިފުމަށް އިފްރީތު އުޅުނު ހިނދު ޒަގަންގެ ހަރަކާތް މާ އަވަހެވެ. ނުވިސްނާ ހުރި އިފްރީތުގެ މެއިން ނުކުމެފައި ހުރި ޒަގަންގެ ކަނޑި ކޮނޑާ ދިމާލުން އަރައިގެން ދިޔައީ މޭ އިރާލާފައެވެ. އިފްރީތުގެ ފުރާނަ ހަށިގަނޑާ ވަކިވެ އަޅިތަކެއް ފަދައިން ބުރައިގެން ދިޔައީ ވެސް އެވަގުތެވެ.
"އެތަނުން އެކަކުގެ ފުރާނަ ވެސް ސަލާމަތްވެގެން ނުވާނެ" ޒަގަން އަމިއްލަ ނަފްސަށް ބުނެލިއެވެ. އަދި އަވަސްވެލީ ހަނގުރާމައިން އެނބުރި އައި ޖިންނީން ހޯދުމަށެވެ. އެތަނުން ކޮންމެ ޖިންނިއެއްގެ ދޫ ބަންދުކުރަން ޒަގަން ބޭނުންވެއެވެ. އެހެން އެކަންވާނޭ އޮތް ހަމައެކަނި ގޮތަކީ ޤަތުލުކުރުމެވެ. އެހެންވެ ބޭރީތުގެ ގާތަށް ދިއުމުގެ ކުރީން އެންމެ ފުރަތަމަ ކަމަކަށް އޭނާ ނިންމީ އެނބުރި ސަލާމަތުން އައި ދެ އިފްރީތުގެ ތެރެއިން މިހާރު ސަލާމަތުން ހުރި ހަމައެކަނި އިފްރީތުގެ ދުވަސް ދުއްވާލުމެވެ. އެކަން ކުރަންޖެހޭނީ ވަރަށް ވިސްނައިގެންކަން ޒަގަންގެ ޟަމީރު ހަނދާންކޮށްދިނެވެ.
ރާވިން ގޮވައިގެން ދުރުގައި މަޑުކުރަން ބުނި ޖިންނީން ޒަގަންއަށް ފެނުމުން އޭނާ އިޝާރާތްކޮއްލީ އޭނާގެ ގާތަށް އައުމަށެވެ. އަދި ފަހަރަކު ޖިންނިއަކު ގޮވައިގެން ބިންގަރާހުގެ ތެރެއަށް އޭނާ ގޮސް އެ މީހަކު ޤަތުލުކުރަނީއެވެ. ގެންދަނީ އެތަނުގައި އެމީހުންގެ ޚަބަރު އޮޅުން ފިލުވަން ބޭރީތުގެ އިސް ވަޒީރަކު ހުރިކަމުގައި ބުނަމުންނެވެ. އަދި ފަހަރަކު މީހަކު ގެންދަނީ އެއިން ކޮންމެ މީހަކާ ވަކި ސުވާލުކުރަން ކަމުގައި ޒަގަން ބުނެ އެންމެންނަށް އޮޅުވައިލިއެވެ. އިފްރީތުގެ ދުވަސް ދުއްވާލީ ލަޝްކަރުގައި ބައިވެރިވި ޖިންނީންނަށްވުރެ ކުރީންނެވެ. އެކަމުގައި ޒަގަންގެ އަތް ޒަޚަމްވިއެވެ. އޭނާ އެނބުރި އައިސް ބަހަނާއަކަށް ދެއްކީ ރައުލް ހޭއެރީ ކަމުގައެވެ. އަދި ހަމަލާ ދިނުމުން އިފްރީތު އޭނާގެ ކަންތައް ނިންމައިލައިފި ކަމެވެ.
ލަޝްކަރުން އެކަކު ވެސް ސަލާމަތްނުވީ ކަމަށް ހަދައި ޒަގަން ޤަތުލުކުރި ޖިންނީންގެ ނިޝާންތައް ނައްތާލީއެވެ. އަދި ރާވިން ގޮވައިގެން އޭނާ ގަނޑުވަރުގެ މައިދޮރާ ދިމާއަށް އައެވެ. އެތަނުގައި ތިބި ސިފައިންނަށް ޒަގަން ފެންނަންވީއިރަށް އޭނާގެ ޚަބަރު ރަސްގެފާނަށް އަރުވާނޭ ޖިންނިއަކު އެ މީހުންގެ ތެރެއިން ފޮނުވައި ދެންތިބި ސިފައިން އަވަހަށް ގަނޑުވަރުގެ މައިދޮރު ހުޅުވައިފިއެވެ.
ގަނޑުވަރަށް ވަދެގެން އައި ޒަގަންއާ އެންމެ ފުރަތަމަ ވެސް ބައްދަލުކުރީ ކަސްދިޔާއެވެ. ވަގުތުން އައިސް ދަރިފުޅުގެ ގައިގާ އޭނާ އޮޅުލައިގަތެވެ. އަދި ޒަގަންގެ އަތުގައި އެލިފައި އޮތް ޒުވާނާއަށް ކަސްދިޔާ ބަލާލިއެވެ. އެހިނދު އޭނާގެ މޫނުން މާޔޫސްކަން ފާޅުވިއެވެ.
"ހަތޯރު ކޮބާ؟" ކަސްދިޔާއަށް އަހާލެވުނެވެ.
"އޭނާ މަރުވެއްޖެ" ޒަގަން ބުންޏެވެ. ކަސްދިޔާއަށް ފަހަތަށް ފިޔަވަޅު އަޅާލެވުމާއެކު ލިބުނު ސިހުމުގައި އާހުގެ އަޑު ނުކުތް އަނގަމަތީ ކަނާއަތްތިލަ ޖައްސާލެވުނެވެ. އެ ދެ ލޯ ފެންކަޅިވެގެން ދިޔައެވެ.
"ޒަގަން" އިވިގެން ދިޔައީ ބޭރީތުގެ އަޑެވެ. އޭނާ ވިސްނުންތެރިކަމާއެކު ޒަގަންއަށް ބަލާލިއެވެ. ބޭރީތުގެ ގާތުގައި ހުރި ލާވީއަށް ރާވިންގެ ނަމުން ގޮވާލެވުނީ ބޭއިޚްތިޔާރުގައެވެ. އަދި ހަލުވިކޮށް އައިސް ޒަގަން ދޫކޮށްލުމުން ތަޅުމުގެ މައްޗަށް ވެއްޓުނު ރާވިންގެ ހަށިގަނޑު ކައިރީ އިށީނދެ އޭނާ ނަގައި ލާވީގެ ގައިގާ ޖައްސާ ހިފަހައްޓާލިއެވެ. ރާވިންގެ ފުރާނަ ހުރިތޯ ލާވީ ޔަގީންކޮއްލީ ވެސް ހަމަ އެވަގުތެވެ.
"އެކަކުވެސް ސަލާމަތެއްނުވިތަ؟" ބޭރީތު އެއްސެވެ. އެއާއެކު ޒަގަން ދެފަރާތަށް ބޯހޫރުވާލީއެވެ.
"ކަލޭގެ ކޮޓަރިއަށް ދޭ، ޒަޚަމްތަކުގައި ބޭސް އަޅައިގެން އަހަރެންގެ ގާތަށް އާދޭ... ތި ކުރިމަތިލުން ހިނގައިދިޔަ ގޮތް އެނގެން އަހަރެން ބޭނުން" ބޭރީތު ބުންޏެވެ.
"ރައުލް... ރައުލް މަރާލައިފިން" ޒަގަން ބުންޏެވެ. އޭނާގެ ނަޒަރު ހުރީ ސީދާ ބޭރީތާ އަމާޒުވެފައެވެ. އެ ބައްޕަގެ މޫނުން ފާޅުވަނީ ކޮންކަހަލަ އަސަރެއްކަން ދެނެގަންނަން އޭނާ ބޭނުންވެފައި ހުރި ކަހަލައެވެ. ކަސްދިޔާގެ ސަމާލުކަން އެވަގުތު ޒަގަންއަށް ހުއްޓުނެވެ.
"ހުރިހާ ވާހަކައެއް ކިޔައިދޭން ތި ޒަޚަމްތަކަށް ފަރުވާދިނުމަށްފަހު އާދޭ" ބޭރީތު މިހެން ބުނެ އައިކޮޅަށް އެނބުރިލިއެވެ. ނަމަވެސް ހިނގައިގަތުމުން ކުރީން ލާވީ ގާތު އޭނާގެ ދަރިފުޅާއެކު ދިއުމުގެ ހުއްދަ ދިނެވެ. ރާވިންއަށް ފަރުވާކުރުމަށް ގަނޑުވަރުގެ ޙަކީމުންގެ ތެރެއިން ބަޔަކު ފޮނުވާނަން ކަމުގައި ބުންޏެވެ. އެންމެންނަށް ފުރަގަސް ދީގެން ހުރެ ބޭރީތު ހިނގައިގަތީ ދެނެވެ. އެ މޫނުން ޒަގަންއަށް އެއްވެސް ޝުޢޫރެއް ފާޅުވީތަނެއް ނުފެނުނެވެ.
"ރައުލް... އޭނާ މަރުވީތަ؟" ކަސްދިޔާ މަޑުމަޑުން އަހާލިއެވެ. އެއާއެކު ޒަގަން ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.
"ރަނގަޅު... ކިތަންމެހާ ވެސް ރަނގަޅު... އަހަރެންގެ ހަތޯރުގެ ފުރާނަ ދިއުމުގެ ބުރަކަން ފިލައިފި، ކަލޭގެ ކޮއްކޮގެ ފުރާނައިގެ ބަދަލު ތިހިފީ ހިފަންޖެހޭ ގޮތަށް، މި ގަނޑުވަރުގެ ނަޖިސްކަން ފިލައިފި، ކަލޭގެ މަންމައަށް އަހަރެން ވީތީ އެކަމާ މިއަދު ފަޚުރުވެރިވާނޭ ފުރުޞަތެއް ތިދިނީ، ބޭރީތުގެ ރަސްކަން ވާރުތަވާނީ އަހަރެންގެ ދަރިއަކަށް، ހުރިހާ ބުރަކަމެއް ފިލައިފި... ޒަގަން!... ދަރިފުޅާ އަވަހަށް ހިނގާ... ކަލޭގެ މިހުރި ޒަޚަމްތައް ސާފުކޮށްދޭނަން، ތީ އަހަރެންގެ ހުރިހާ އުންމީދެއް" ޒަގަންގެ މުލައްދަނޑީގައި ހިފައިލައި އޭނާގެ ގައިގާ ފިރުމަމުން ޒަގަން ގޮވައިގެން ކަސްދިޔާ ހިނގައިގަތެވެ. ކަރުނައިގެ ތެރެއިން ހިނިތުންވަމުންނެވެ. އެތައް އަހަރަކަށްފަހު އޭނާގެ ހިތަށް ހަމަޖެހުން ލިބިފައިވާ ކަހަލައެވެ.
"ކިޔައިދީބަލަ ދަރިފުޅާ... ކަލޭތަ އޭނާ މަރާލީ؟... ކިހިނެއްތަ؟... އަވަސް މަރެއްތަ؟ ނޫނީ މަރަށް ތެޅެން ދޫކޮށްލީތަ؟... އެ އަންހެންކުއްޖާއާމެދު ކަލޭ ޝައުގުވެރިވިކަން ނަސީބޭ މިހާރު ހިތަށްއަރާ" ޒަގަންގެ ޒަޚަމްތައް ސާފުކުރުމަށް އޭނާގެ ކޮޓަރީގައި އިން ކަސްދިޔާ ސުވާލުކުރިއެވެ.
"މަންމަ ހިތްހަމަޖެހޭ ގޮތަކީ ކޮބާ؟" މަންމަގެ ރުހުން ހޯދާ ފަދައިން ޒަގަން އަހާލިއެވެ.
"އަނިޔާވެރި މަރަކުން އޭނާ މަރުވުން، މަރަށް ތެޅިތެޅި އޮވެ" މޫނުމައްޗަށް ވެރިވެގެން ދިޔަ ނަފުރަތުގެ ކުލަވަރަކާއެކު އެއްދިމާއަށް ގެއްލި އިނދެ ކަސްދިޔާ ބުނެލިއެވެ. އެހިނދު ޒަގަންގެ ލުއި ހީނލުމުގެ އަޑު އިވުނެވެ.
"ތިޔަހެން ކަންތައް ހިނގީ" ހިނިއައިސްފައި އިނދެ ޒަގަން ބުންނެވެ. އެ ހިނިތުންވުމުގައި ކަސްދިޔާ ބައިވެރިވިއެވެ.
* * * * *
ރައުލްގެ ގާތުގައި މަޑުކޮށްލައިގެން އިނދެފައި ޠަލަބް ތެދުވިއެވެ. ދޭތެރެއަކުން އަންހެނަކު މަދަހައެއް ކިޔާ އަޑުއިވެއެވެ. އޭނާގެ ކިޔުމުގައި ދަންނަގޮތެއް ހުރީތީ އެކަމާމެދު ޠަލަބް ވިސްނާލިއެވެ. ހަނދާނަށް އައީ އީޝަލްގެ ބޮޑުބޭބެ ޒިޔަޒެލްއެވެ. އޭނާގެ ވާހަކަދެއްކުމުގައި ހުންނަ ފަދަ ރާގެއްވިއެވެ. މީކާޢިލްއާއި އީޝަލްގެ ވެސް ވާހަކަދެއްކުމުގައި ޚާއްޞަކޮށް ލަފުޒުކިޔުމުގައި އެފަދަ ރީތި މަޚުރަޖެއް ހުންނަކަން ޠަލަބްއަށް ފާހަގަވިއެވެ. އެއީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަމުގައި ރައުލް އޮތް ގޮޅިން ޠަލަބް ނުކުތީ ސިއްތާ ގާތު މަޑުކުރުމަށް ބުނެފައެވެ.
ޤައިދީންގެ ގޮޅިތައް ބަލަމަމުން ޠަލަބް ދިޔައިރު ކޮންމެ ޖިންނިއަކަށް ވެސް ގާތުން ފިނިކަމެއްގެ އިޙްސާސް ކުރެވި އެކަކުއަނެކަކަށް ބަލާލައެވެ. ނަމަވެސް އެ މީހުންގެ ލޯތަކަށް ޠަލަބްއެއް ނުފެނެއެވެ. ހުރިހާ ގޮޅިއެއް ބެލިއިރު އެތަނުގައި އިނީ މުސްކުޅިވެފައިވާ އެންމެ އަންހެނެވެ. އޭނާ ތަކުރާރުކޮށް ކިޔަނީ އެއް މަދަހައެކެވެ. އޭގައި އޭނާ ކިޔަނީ، ދިގުދެމިގެންދިޔަ ހަނދުކޭތައެއް ހިފި ރެއެއްގެ ވާހަކައެކެވެ. އެރޭ އުދަރެސް އަލިކޮށްލި ފުރާނައެއް އުފަންވީ ކަމެވެ. އަނދިރިކަން ނެތިކޮއްލާނޭކަމުގެ ހެކި އެ ފުރާނައިގެ ބުރަކަށިން ﷲ ފާޅުކުރެއްވިކަމޭ. ވާހާއި ކަނޑުތަކުން ޝިކާރަކުރާނޭ ބޮޑުބާޒެއް ކަމަށް ސިފަކުރިއެވެ. އެކަމަށް ބިރުން ކަނޑު ކެކިގަތް ވާހަކައެކެވެ. އެ ދުވަހަށްފަހު ރަންތޮށިގަނޑުގެ ތެރޭ ބަހުރުގެ ހިލިހިލާގައި އެ ފުރާނަ ޣަރަޤުވަމުންދާކަމެވެ. މަގުދައްކާނޭ އަލިގަދަ ދަންމަރެއް ފާޅުވަންދެނެވެ. އޭނާއާ ބައްދަލުވަންދެން ﷲގެ ހިމާޔަތުގައި އިންކަމެވެ. އެވަގުތާ ބައްދަލުވަންދެން އަޖަލުގެ ވަގުތު ލަސްކޮށްދެއްވުން އެދި އޭނާ އާދޭސް ކުރެއެވެ.
"ކާކު؟" ދޮރަށް ފުރަގަސްދީގެން ފާރުގައި އަރިއަކަށް ޖެހިލައިގެން އިން އަންހެންމީހާ ސުވާލުކުރިއެވެ. މަޑުކުރެވުނީ މާގިނައިރުކަން ޠަލަބްއަށް ރެއަކާލީ ދެނެވެ. އޭނާ ދަގަނޑު ދޮރުގެ ތޭރިތަކުން ނެއްޓި ނިވާވެލިއެވެ. މަޑުމަޑުން އެ އަންހެންމީހާ އެނބުރިލިއެވެ. އެހިނދު ޠަލަބް ދިޔައީ ސިއްސައިގެންނެވެ.
(ނުނިމޭ)