މުހައްމަދު ސަލާހް

މިހިސާބަށް އާދެވުނީ ގިނަ ގުރުބާންތަކެއް ވެގެން: ސަލާހް

އޭނާގެ ފުޓްބޯޅަ ކެރިއަރު ބިނާ ކުރުމަށްޓަކައި ގިނަ ކަންތައްތަކެއް ގުރުބާން ކުރި ކަމަށް ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް ބުނެފި އެވެ.

ޗެމްޕިއަންސް ލީގް ފައިނަލުގައި، ރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި، ލިވަޕޫލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ސަލާހެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރެވުން އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

"އަހަރެންގެ ފުޓްބޯޅަ ކެރިއަރަށް އަހަރެން ގިނަ ކަންކަމެއް ގުރުބާން ކުރިން،" އޭނާގެ ފައިނަލު ހަގީގަތަކަށް ވެއްޖެތޯ ސުވާލު ކުރުމުން ސަލާހް ޖަވާބު ދިނެވެ. "މިސްރުގެ މީހެއްގެ ގޮތުގައި ފުޓްބޯޅައިގެ މި ހިސާބަށް އާދެވުމަކީ އަހަންނަށް ވަރަށް ބޮޑު ކާމިޔާބެއް."

މިދިޔަ އަހަރުގެ ފައިނަލުގައި، ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީ ކޮޅު ސަލާހްއަށް ލިބުނު އަނިޔާއެއްގައި އޭނާ ޖެހުނީ ބަދަލު ކުރާށެވެ. އޭނާ ބުނީ ޖެހިޖެހިގެން ދެ ވަނަ ފައިނަލުގައި ކުޅެން ލިބުމަކީ ވަަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރޭ މެޗުގެ މެޗު ފެށިގެން ނިމެންދެން ކުޅެން ލިބުމަކީވެސް ބޮޑު އުފަލެއް ކަމަށް ސަލާހް ބުންޏެވެ.

މެޗުގެ ނަތީޖާ ލިވަޕޫލު އަތުގައި ބޭއްވުމަށް ސަލާހް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެހެން ނަމަވެސް އޭނާ ބުނީ، ކާމިޔާބު ލިބުމުގައި އެއްވެސް ކުޅުންތެރިޔެއްގެ ފަރުދީ މަސައްކަތެއް ނެތް ކަމަށާއި ކާމިޔާބު ލިބުނީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށެވެ.