ސިފައިންގެ 300 ފްލެޓް ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރި ކުންފުނިން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަށް އަންގައިފި އެވެ.
އެމަސައްކަތް ފުރަތަމަ ހާވާލުކުރި ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތް ކުރިއަށް ނުދާތީވެ، އެ ކުންފުންޏާއެކު ސިފްކޯއިން ވެފައިވާ އެއްބަސްވުން ވަނީ ބާތިލުކޮށްފަ އެވެ. އަދި ދެފަރާތުގެ ދެމެދުގައި ހަދާފައިވާ އެގްރީމެންޓްގެ ދަށުން އެ ކުންފުނީގެ ފަރާތުން ސިފްކޯއަށް ހުށަހަޅާފައިވާ ތިން ޕޯސްޓް ޑޭޓެޑް ޗެކް ބައުންސްވުމާ ގުޅިގެން ސިފްކޯއަށް ލިބެންޖެހޭ 92.6 މިލިއަން ރުފިޔާ އަނބުރާ ލިބިފައިއެއްނުވެ އެވެ.
އޭސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މަސައްކަތް ހަވާލުކުރެވުނު ކުންފުނިން އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކޮށްފައި ނުވާތީވެ އެގްރީމެންޓް ބާތިލްކޮށްފައިވަނީ 27 ޖަނަވަރީ 2016 ގައި ކަމަށެވެ. އަދި އެގްރީމެންޓް ބާތިލުކުރުމާއި ހަމައަށް އެކުންފުނިން ސިފްކޯއިން 92.5 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށެވެ.
އެފައިސާ ސިފްކޯއަށް އަނބުރާ ދެއްކުމަށް ތިން ޕޯސްޓް ޑޭޓެޑް ޗެކް މަސައްކަތް ހަވާލުވި ކުންފުނިން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ތިން ޗެކްވެސް އެކައުންޓުގައި ފައިސާ ނެތުމުން ބައުންސް ވެފައިވާ ކަމަށްވެސް އޭސީސީއިން ބުންޏެވެ.
އެ ފައިސާ ހޯދުމަށް ސިފްކޯއިން މަސަކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ފުލުހަށް ޗެކް ބައުންސްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްއާއެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް އޭސީސީއިން ބުންޏެވެ.
އޭސީސީގެ ބަޔާނުގައި އިތުރަށް ވަނީ، އެ ފައިސާ ހޯދުމަށް ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކާއި ގުޅިގެން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއްވާނަމަ ސިފްކޯއަށް ދަންކަންޖެހޭ ފައިސާ އުނި ކުރުމަށްފަހު އެ ކުންފުންޏަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އަދި ސަރުކާރުން އެ ކުންފުންޏަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްނެތްނަމަ، ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށްވެސް ސިފްކޯއަށް ވަނީ އޭސީސީއިން އަންގާފަ އެވެ.