ހަބަރު

ފޯކްލިފްޓް މައްސަލާގައި ހުކުމް އައީ ސްޓެލްކޯއާ ދެކޮޅަށް

ސްޓެލްކޯއަށް ސެންޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ސަޕްލައިކޮށްދިން ފޯކްލިފްޓެއް ބަލައިގަތުމަށް ދެކޮޅު ހަދައި، އެ ފޯކްލިފްޓް ސްޓެލްކޯގެ އިމާރާތުން ނެރެދިނުމަށް އެދި ހުށަހެޅި މައްސަލާގައި ސްޓެލްކޯއާ ދެކޮޅަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.

ސްޓެލްކޯއާއި ސެންޓަ އެންޓަޕްރައިޒަސްއާ 2010 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން ސެންޓަ އެންޓަޕްރައިޒަސްއިން ވަނީ ސްޓެލްކޯއަށް ފޯކްލިފްޓް ސަޕްލައިކޮށް ސްޓެލްކޯގެ އިމާރާތުގައި ބަހައްޓާފަ އެވެ. ނަމަވެސް އެއީ އެއްބަސްވުމުގައިވާ ގޮތަށް ހަ ޓަނުގެ ފޯކްލިފްޓެއް ނޫން ކަމަށާއި އެއީ 4.6 ޓަނުގެ ފޯކްލިފްޓެއް ކަމަށް ބުނެ ފޯކްލިފްޓް ބަލައިނުގަނެ ފައިސާ ދެއްކުމަށް ސްޓެލްކޯއިން ވަނީ ދެކޮޅު ހަދާފަ އެވެ.

މި ކަމާ ގުޅިގެން ސްޓެލްކޯއިން ވަނީ ފޯކްލިފްޓް ނެރެ ދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. 2015 ވަނަ އަހަރު ސިވިލް ކޯޓުން މި މައްސަލާގައި ހުކުމް ކުރީ ފޯކްލިފްޓް ސްޓެލްކޯގެ ގޯތި ތެރެއިން ނެރެދިނުމަށެވެ. ނަމަވެސް ހައި ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ.

ހައި ކޯޓުން ކުރި ހުކުމް ސްޓެލްކޯގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަގާއި ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމުގައި ވަނީ ސްންޓަ އެންޓަ ޕްރައިޒަސްއިން ޝަރީއަތަށް ހުށަހެޅި ލިޔެކިޔުންތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް އެއީ ހަ ޓަނުގެ ފޯކުލިފްޓެއް ކަން އެނގޭ ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ފޯކްލިފްޓަކީ 4.6 ޓަނުގެ ފޯކްލިފްޓެއް ކަމަށް ބުނެ ދައްކާ ސަބަބަކީ ފޯކްލިފްޓްގެ ންބަރު ޕްލޭޓްގައި 4.6 ޓަނު ޖަހާފައިވުމެވެ. އެހެން ނަމަވެސް ފޯކްލިފްޓް އުފެއްދި ބޭރުގެ ކުންފުނީގެ ލިޔެކިޔުންތަކާއި ފޯކްލިފްޓް ގެނައުމަށްޓަކައި ސެންޓަ އެންޓަޕްރައިޒަސް އިން ކޮށްފައިވާ މުއާމަލާތްތަކުގެ ލިޔެކިޔުންތަކުން އެއީ ހަ ޓަނުގެ ފޯކްލިފްޓެއް ކަން އެނގޭ ކަމަށް ހުކުމުގައިވެ އެވެ. މި ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީއާއި ކަސްޓަމްގެ ލިޔެކިޔުންތަކުން އެއީ ހަ ޓަނުގެ ފޯކްލިޓެއް ކަން އެނގެން އޮތް ކަމަށް ހުކުމުގައިވެ އެވެ.

މީގެ އިތުރުން ފޯކްލިފްޓްގެ އަރިމަތީގާއި "06" ޖަހާފައިވާ ކަމަށާއި އެހެން ޖަހާފައި ވަނީ އެއީ ހަ ޓަނުގެ ފޯކްލިފްޓަކަށްވާތީ ކަމަށް ބެލެވޭ ކަމަށް ހައި ކޯޓުން ބުންޏެވެ. އަދި ސްޓެލްކޯގެ ފަރާތުން އެކްސްޕާޓެއްގެ ގޮތުގައި ހުށަހެޅި ފަރާތުން ވެސް ބަޔާން ދީފައި ވަނީ އެއީ ހަ ޓަނުގެ ފޯކްލިޓެއް ކަމުގައި ކަމަށް ހުކުމުގައިވެ އެވެ.

މި ހުރިހާ ކަމެއް ފާހަގަކޮށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން ނިންމެވީ ސެންޓަ އެންޓަޕްރައިޒަސް އިން ސްޓެލްކޯއަށް ސަޕްލައި ކުރި ފޯކްލިފްޓަކީ އެއްބަސްވުމުގައިވާ ގޮތަށް ހަ ޓަނުގެ ފޯކްލިފްޓެއް ކަން ޝަރީއަތަށް ސާބިތުވާތީ ސްޓެލްކޯގެ އިމާރާތުގެ ތެރެއިން ފޯކްލިފްޓް ނެރެ ދިނުމުގެ އަމުރެއް ކުރެވެން ނެެތް ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ސްޓެލްކޯއިން ސެންޓަ އެންޓަޕްރައިޒަސްއަށް ދައްކަން ޖެހޭ ފައިސާ ފާއިތުވި ނުވަ އަހަރު ނުދައްކާ އޮތުމުން، އެ އަހަރުތަކުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 40 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ސްޓެލްކޯއާ ދެކޮޅަށް ދައުވާ އެ ކުންފުނިން ދައުވާ ވެސް ކޮށްފައިވެ އެވެ.