މެސީ

މެސީ، ނޭމާ، ސުއަރޭޒްގެ ވަޓްސްއެޕް ގުރޫޕްގެ ވާހަކަ

ދެ އަހަރު ކުރިއަށް ޖެހިލާއިރު، ބާސެލޯނާގެ އެންމެ އިސް އެޓޭކިން ޓްރިއޯ ލިއޮނަލް މެސީ އާއި ނޭމާ ޖޫނިއާ އަދި ލުއިސް ސުއަރޭޒްއަކީ އެއްކޮށް ކުޅެ، އެއްކޮށް ޕްރެކްޓިސް ކުރަމުން ދިޔަ ކުޅުންތެރިންނެވެ.

ކޮންމެ ކުލަބެއްގައިވެސް ކުޅުންތެރިންގެ ވަޓްސްއެޕް ގުރޫޕެއް އޮވެ އެވެ. ބާސެލޯނާގެ ޓީމުގައި ވަޓްސްއެޕް ގުރޫޕްގެ އިތުރުން، ނޭމާ އާއި މެސީ އަދި ސުއަރޭޒް ހިމެނޭ ވަކި ވަޓްސްއެޕް ގުރޫޕެއް އޮވެ އެވެ.

ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު ނޭމާ ޕީއެސްޖީއަށް ބަދަލުވުމަކީ ބާސެލޯނާއަށް ވެސް ލިބުނު ޝޮކެކެވެ. ޕީއެސްޖީއަށް ނޭމާ ބަދަލުވީ އެ އަހަރުގެ ހޫނު މޫސުމުގެ ޕްރީސިޒަން ޓްރެއިނިންގައި ބާސާގެ ޓްރެއިނިން ކޭމްޕްގައި ބައިވެރިވުމަށް ފަހު އެވެ.

މެސީ އާއި ނޭމާ އަދި ސުއަރޭޒްގެ ކޮމިބޭނޭޝަންއަށް ނިމުން އައި ނަމަވެސް، އެ ތިން ކުޅުންތެރިންގެ ވަޓްސްއެޕް ގުރޫޕަށް ނިމުމެއް ނާދެ އެވެ. އާޖެންޓީނާގެ ގައުމީ ޓީމާއެކު މިވަގުތު ހުރި، މެސީ ފޮކްސް ސްޕޯޓްސް އަށް ދިން އިންޓަވިއުގައި މެސީ ވަނީ އޭނާ އާއި ނޭމާ އަދި ސުއަރޭޒް ހިމެނޭ ހާއްސަ ވަޓްސްއެޕް ގުރޫޕްގެ ވާހަކަ ދައްކާފަ އެވެ. އެ

"ނޭމާއަކީ ވަރަށް ރަނގަޅު ކުޅުންތެރިޔެއް،" މެސީ ވާހަކަ ދެއްކި އެވެ. "އަދިވެސް އަހަރެމެން އެކަކު އަނެކަކަށް ވާހަކަ ދައްކަން، އަހަންނާއި އޭނާ އަދި ސުއަރޭޒް ހިމެނޭ ވަޓްސްއެޕް ގުރޫޕެއް އޮވޭ މިހާރުވެސް އެކްޓިވް ގުރޫޕެއް."

މެސީ ބުނީ އެ ވަޓްސްއެޕް ގުރޫޕްގެ ނަމަކީ "ސައުތު އެމެރިކަންސް" ކަމަށެވެ.