ވިޔަފާރި

ލިކަމެކްން އަނެއްކާވެސް ނައިޓްމާކެޓް ބާއްވަނީ

ލިކަމެކް ޕްރައިވެޓް ލިމިޓެޑުން އަނެއްކާވެސް "ލިކަމެކް ނައިޓް މާކެޓް" ބާއްވަން ނިންމައިފި އެވެ.

ލިކަމެކް އިން ވަނީ މިދިޔަ އެޕްރީލް މަހުގައި ދަރުބާރުގޭގައި ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އިންޑޯ ނައިޓް މާކެޓް ބާއްވާފަ އެވެ. މިފަހަރުގެ ނައިޓް މާކެޓް ބާއްވަނީ މި އަންނަ އޯގަސްޓު މަހު 29 އިން ސެޕްޓެމްބަރު މަހު ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ނައިޓްމާކެޓް ބާއްވަނީ ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ.

ލިކަމެކްގެ ޗީފް އެކްސެކެޓިވް އޮފިސަރު ހަސަން ލަބީ ވިދާޅުވީ، މި ނައިޓް މާކެޓަކީ އާންމުކޮށް ބާއްވާ ނައިޓްމާކެޓު ތަކާ ތަފާތު ނައިޓް މާކެޓެއް ކަމަށެވެ. އެންމެ ހާއްސަ ކަމަކީ ރަށް ރަށުން މީހުންނަށް މުދާ ގަތުމަށް ހުޅުމާލެއަށް ދެވޭނެ މަގު ލިކަމެކް އިން ހަމަޖައްސައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސީދާ ލޯންޗުގައި ރަށުން ހުޅުމާލެ އައުމުގެ މަގު ފަހި ކޮށްދެން. އެ ބޭފުޅުން ހުޅުމާލެ އައިސް މުދާ ގަނެގެން އެނބުރި ރަށަށް ދެވޭނެ ގޮތް އަޅުގަނޑުމެން އެބަ ފަހި ކޮށްދެން."

ލަބީ ވިދާޅުވީ، ނައިޓްމާކެޓު ބާއްވަން އެއް މަހަށް ވުމާއެކު ރަށްރަށުން އަންނަން ބޭނުންވާ ފަރާތްތަކަށް ރިޒަވޭޝަން ހަދަން ހާއްސަ ހޮޓްލައިން އެއް ގާއިމްކުރާނެ ކަމަށެވެ.

ނައިޓް މާކެޓްގެ ސްޓޯލްތައް ދޫކުރާނީ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ. ޖުމްލަ 450 ސްޓޯލް ދޫކުރާއިރު ސްޓޯލެއްގެ އަގަކީ 6000 ރުފިޔާ އެވެ.