ރައީސް މުހައްމަދު ނަޝީދު

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ނަޝީދުގެ ފަރާތުން ޖޭއެސްސީއަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ރައީސް ނަޝީދު ޖޭއެސްސީއަށް ދެ މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ ގޮތުން ފުރަތަމަ މައްސަލައަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބައްލަވައިދެއްވުން އެދިވަޑައިގެން އެމަނިކުފާނު ހުށަހެޅުއްވި މައްސަލައެއް ކަމަށެވެ.

"ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފުވެވަޑައިގެންފައިވާކަމަށް ބަޔާންކުރައްވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީގެ މައްސަލަ ބައްލަވައިދެއްވުން އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސިޓީފުޅެއް ފޮނުއްވާފައި." ނިއުޝާ ވިދާޅުވި އެވެ.

ނަޝީދު ޖޭއެސްސީއަށް ހުށަހެޅުއްވި ދެވަނަ މައްސަލައަކީ ޖޭއެސްސީގެ މައުލޫމާތުތައް ގަވާއިދުން އާންމު ކުރުމަށް އެދިވަޑައިގެން ހުށަހެޅުއްވި މައްސަލައެކެވެ. އެ ގޮތުން ޖޭއެސްސީއަށް ހުށަހެޅިފައިވާ މައްސަލަތާކައި މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ގޮތެއް ނިންމާފައި ނުވާ މައްސަލަތަކާއި މައްސަލަތައް ގޮސްްފައިވާ ހިސާބުތައް އެނގޭނެ ގޮތަށް މީޑިއާ މެދުވެރިކޮށް އާންމު ކުރުމަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

ޖޭއެސްސީ އެކުލެވިފައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަންނަވާ މެންބަރު ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އައްޔަން ކުރަން ޖެހޭނެ އެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ކަމަށް މިދިޔަ އަންގާރަ ދުވަހު ނަޝީދު އިންތިހާބުވެވަޑައިގަތުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނަޝީދު ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.