ވިކްޓަރީ

ހައްލު ހޯދަން ވިކްޓަރީއަށް ހަ ދުވަސް

މުސާރަ ނުދިނުމުގެ މައްސަލައިގައި، ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް މައްސަލަ ހުށަހެޅި ކުޅުންތެރިންގެ މައްސަލަ ކުރިއަށް އޮތް ހަ ދުވަހުގެ ތެރޭގައި ހައްލު ކޮށް ނުދީފިނަމަ ކުރިއަށް އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަންގައި އެ ޓީމަށް ނުކުޅެވުމުގެ ބިރު ކުރިމަތި ވެއްޖެ އެވެ.

މިދިޔަ ސީޒަންގައި، މުސާރަ ނުދީގެން ވިކްޓަރީއަށް ކުޅުނު ދިވެހި ބައެއް ކުޅުންތެރިންގެ ފަރާތުންވެސް ވަނީ އެ މައްސަލަ އެފްއޭއެމް އަށް ހުށަހަޅާފައެވެ. މި އަހަރުގެ ދިވެހި ލީގްގައި ކުޅެވޭނީ އޭއެފްސީ ކުލަބު ލައިސެންސަށް އެދި ހުށަހެޅުމުން ކަމަށް އެފްއޭއެމުން ވަނީ ކުލަބުތަކަށް އަންގާފަ އެވެ. އެފްއޭއެމުން އެގޮތަށް މިފަހަރު ހަމަޖެއްސީ މި އަހަރު އޭއެފްސީ ކުލަބު ލައިސެންސް ރާއްޖޭގެ ކުލަބުތަކަށް ނުލިބުމުގައި ކުލަބުތަކުން ހުށަހަޅަން ޖެހޭ މައުލޫމާތު ފުރިހަމަ ނުވެ، މި އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކުލަބުތަކަށް ފުރުސަތު ގެއްލުމުންނެވެ.

ކުލަބު ލައިސެންސަށް އެދުމުގެ ސުންގަޑި މިރޭ 12:00 ގައި ހަމަވާނެ އެވެ. އޭގެ ދަށުން ހައްލު ކުރަން ޖެހޭ މުސާރައިގެ މައްސލަ ހައްލު ކުރުމުގެ އެންމެ ފަހު ދުވަހަކީ، މި އަންނަ ހޮނިހިރު ދުވަހެވެ.

ވިކްޓަރީގެ އޮފިޝަލަކު ވިދާޅުވީ، ކުޅުންތެރިންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ކުޅުންތެރިންނަށް ނުދީއޮތް މުސާރަތަކުގެ 50 ޕަސަންޓް ދޭ މަތިން މައްސަލަ ގެންދިއުމަށް ގިނަ ކުޅުންތެރިން އެއްބަސްވެފައިވާ ކަމަށެވެ.

"ގިނަ ކުޅުންތެރިން ބުނަނީ 50 ޕަސަންޓް އާދާ ކޮށްދީފިނަމަ މައްސަލަ ނަގާނެ ކަމަށް، އެ މައްސަލަ ހައްލު ކުރަން އަނެއްހެން މިއޮތީ ފަސް ދުވަސް،" ވިކްޓަރީގެ އޮފިޝަލް ވާހަކަ ދެއްކި އެވެ. "މި ފަސް ދުވަސްތެރޭ ފައިސާ ކޮޅެއް ހޯދައިގެން ކުޅުންތެރިންނަށް އެކަން ކޮށްދެވޭތޯ މަސައްކަތް ކުރަމުން މިދަނީ."

އޮފިޝަލް ވިދާޅުވީ، މި ވަގުތަށް ބިދޭސީ ކުޅުންތެރިންޔެއްގެ މައްސަލަ ނެތް ކަމަށާއި، ފީފާއަށް މައްސަލަ ހުށަހެޅި ޖަޕާންގެ މިޑްފީލްޑަރު އަޓްސުޝީ ޝިމޯނާގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

ދިވެހި ކުޅުންތެރިންގެ މައްސަލަ، މިއަންނަ ހޮނިހިރު ދުވަހާ ހަމައަށް ދާއިރު ހައްލުކޮށް ނުދީފިނަމަ، އާ ސީޒަންގައި ވިކްޓަރީވެސް ފެނުމުގެ ފުރުސަތެއް ނޯންނާނެ އެވެ. ވިކްޓަރީގެ ކުރީގެ ވާދަވެރިޔާ ނިއު ރޭޑިއަންޓްގެ ކުޅުންތެރިންނަށްވެސް މުސާރަ ނުދީ އޮތުމުން، އެފްއޭއެމްގެ ކޮންގްރެސްއިން ވަނީ އެ ޓީމާ ދެކޮޅަށް އަޅާފައިވާ ސަސަޕެންޝަން ދެމެހެއްޓުމަށް ތާއީދު ކޮށްފަ އެވެ. އެހެންވެ މި އަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއު ރޭޑިއަންޓްވެސް ނުފެންނާނެ އެވެ.