ވިކްޓަރީ

ޝިމޯނާގެ މުސާރައިގެ މައްސަލަ ވިކްޓަރީން ހައްލުކޮށްފި

ވިކްޓަރީއަށް 2016 ވަނަ އަހަރު ކުޅުނު ޖަޕާންގެ މިޑްފީލްޑަރު އަޓްސުޝީ ޝިމޯނާއަށް ދޭން ޖެހޭ މުސާރައިގެ މައްސަލަ އެ ކުލަބުން ހައްލު ކޮށްފި އެވެ.

ޝިމޯނާގެ ފަރާތުން ފީފާއަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު، ފީފާއިން ވަނީ އޭނާއަށް މުސާރަ ދިނުމަށް ވިކްޓަރީއަށް އަންގާފަ އެވެ. ފުރަތަމަ ދިން މުއްދަތު ފަހަނައަޅައި ދިއުމުންވެސް މުސާރަ ނުދީ އޮތުމުން ފީފާއިން ވަނީ، ވިކްޓަރީން ތިން ޕޮއިންޓް އުނިކޮށްފަ އެވެ.

ތިން ޕޮއިންޓް އުނި ކުރީ، މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގްގައި ވިކްޓަރީން ހޯދި 10 ޕޮއިންޓްގެ ތެރެއިންނެވެ. އަށް ޕޮއިންޓަށް ތިރިވިއިރުވެސް ވިކްޓަރީން އޭނާ އަށް މުސާރަ ނުދިނުމުން، ފީފާއިން ވަނީ އޭނާއަށް މުސާރަ ދިނުމަށް އެންމެ ފަހުގެ ފުރުސަތު ދީފަ އެވެ. ފަހުން ދިން މުއްދަތުގައި އޭނާގެ މުސާރަ ހައްލުކޮށް ނުދީފިނަމަ، އެޓީމަށް ރެލިގޭޝަންގެ ބިރު ކުރިމަތިވުމުން ވިކްޓަރީން ވަނީ އޭނާގެ މުސާރައި އެއްބައި ފީފާއަށް ފޮނުވާފަ އެވެ.

"ފީފާއިން އެންގީ 18000 ޑޮލަރު ދިނުމަށް، އެ މުއްދަތުގައި އެ އަދަދު މުޅިން ހަމަ ނުވިނަމަވެސް ބޮޑުބައެއް އަދާ ކުރެވޭ ވަރަށް ލާރިކޮޅެއް ހޯދައި ފީފާއަށް ފޮނުވިން، ދެން ފީފާއިން އޭނާއަށް އެންގީ އޭނާގެ ފަރާތުން އިތުރު ޝަކުވާއެއް އުޅޭ ކަމަށްވާނަމަ އެކަން އަންގަން،" ތަފްސިލާއެކު ވިކްޓަރީގެ ސީނިއާ އޮފިޝަލަކު ވިދާޅުވި އެވެ. "ދެން އޭނާގެ ފަރާތުން އިތުރަށް މައްސަލަ ފާހަގަ ނުކުރުމުން، މިހާރު އެ މައްސަލަ ވަނީ ނިމިފައި."

އޮފިޝަލް ވިދާޅުވީ ބިދޭސީ އިތުރު ކުޅުންތެރިޔެއްގެ މައްސަލަތައްވެސް ފީފާއަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންނަމަވެސް އެ މައްސަލަ ހައްލު ކުރަން އިތުރު ވަގުތު ލިބޭނެ ކަމަށެވެ.

މިހާރު ވިކްޓަރީއަށް އޮތީ ދިވެހި ކުޅުންތެރިންގެ މައްސަލަ ހައްލު ކުރުމެވެ. އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ މައްސަލަތައް ހައްލު ނުކޮށްފިނަމަ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަންގައި ވިކްޓަރީއަށް ނުކުޅެވޭނެ އެވެ.