އެމެރިކާއިން އެގައުމަށް އިހްތިރާމް ކުރަން ތައްޔާރަށް އޮތްނަމަ އިރާނުން ވެސް އެގައުމާއެކު މަޝްވަރާ ކުރެވިދާނެ ކަމަށާއި ގަދަ ބަދަވިކަން ދައްކައިގެން ކުރި ނުލިބޭނެކަމަށް އިރާނުގެ ރައީސް ހަސަން ރޫހާނީ ހޮނިހިރު ދުވަހު ވިދާޅުވެއްޖެ ކަމަށް ރޮއިޓާޒް އިން ރިޕޯޓުކޮށްފި އެވެ.
އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާއިން ވަކިވިތާ އަހަރެއް ފާއިތުވެގެން ދިޔައިރު އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާނުލަނީސް އެގައުމާމެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލާނެކަމަށް އެމެރިކާއިން ބުނުމާއި ގުޅިގެން ދެ ގައުމުގެ މަޝްރަހު ވަނީ ގޯސްވެފަ އެވެ.
އިރާނާމެދު ދަތިކުރުމުގެ ފިޔަވަޅުތައް މިދިޔަ އަހަރު އަޅަން ފަށާފައިވާއިރު މިދިޔަ މަހު އެ ފިޔަވަޅުތައް އިތުރުކޮށް އެހެން ގައުމުތަކުން އިރާނުގެ ތެޔޮ ގަތުން ހުއްޓާލުމަށް އެމެރިކާއިން ގޮވާލާފައި ވެއެވެ. އަދި އެކަމަށް އިޖާބަ ނުދޭ ގައުމުތަކާމެދު އެމެރިކާއިން ފިޔަވަޅު އަޅާނެކަމަށް ވަނީ އިންޒާރުކޮށްފަ އެވެ.
ފާއިތުވީ ހަފްތާތަކުގެ ތެރޭގައި މެދު އިރުމައްޗަށް އިރާނުގެ ބިރު ބޮޑުކަމަށް ބުނެ އެމެރިކާގެ އަސްކަރީ ބާރުތައް ގަލްފުގެ ސަރަހައްދަށް ވަނީ ފޮނުވާފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަނީ 2015 ގައި އޮބާމާގެ ސަރުކާރުން އެކުލަވާލާފައިވާ ނިއުކްލިއާ އެއްބަސްވުމަކީ އެހާ ވަރުގަދަ އެއްބަސްވުމެއް ނޫން ކަމަށާއި މަޖުބޫރުކޮށްގެން ވިޔަސް އާ އެއްބަސްވުމެއްގެ މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ.
ރީތިގޮތުގައި އިހްތިރާމާއެކީ މަޝްވަރާގެ މޭޒުދޮށަށް އައިސްފި ނަމަ މަޝްވަރާކުރަން ތައްޔާރަށް ތިބި ކަމަށާއި ނަމަވެސް ބައިނަލް އަގްވާމީ ގަވާއިދުތަކާއި ދެކޮޅުހަދާ އަމުރުކުރަން ފަށައިފި ނަމަ އެކަމުން ފައިދާއެއް ނުކުރާނެ ކަމަށް އިޜާނުގެ ރައީސް ރޫހާނީ ވިދާޅުވި އެވެ.
އިރާާނުގެ ވެރިކަން ބަދަލުކުރައްވަން ނުއުޅުއްވާކަމަށް މިދިޔަ ހޯމަ ދުވަހު ރައީސް ޓްރަމްޕް ވިދާޅުވެފައި ވާއިރު މިދިޔަ އަހަރު އިރާނުގެ ވެރިކަން ބަދަލުކުރަން އެމެރިކާއިން ވަނީ ބާރު އަޅާފަ އެވެ.