ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ބައިނަލްއަގްވާމީ ތަޖުރިބާކާރު ފަނޑިޔާރަށް ކުޑައިމީސްކޮށް އަދި އޭނާގެ ނަމަށް ހުތުރުވާ ގޮތަށް ސުޕްރީމް ކޯޓުން ނޫސް ބަޔާން ނެރުނު ނަމަވެސް ފަނޑިޔާރުގެ އިސްލާހުވި ކަމަށް ނުވާނެ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމު ދިރާސާ ކުރެއްވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ސައުތް އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް، ޔޮހާން ކްރީގްލާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ވަނީ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކްރީގްލާ ކޯޓުގެ ފަނޑިޔާރުން ވަކިކުރާނެ ކަމަށް ވިދާޅުވެ ފަނޑިޔާރުންނަށް އިންޒާރު ދެއްވައި ބިރު ދައްކަވާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އޭޖީ ރިފްއަތު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ މި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި އެންމެ އިސްކަމެއް ދޭނެ ކަންތައް ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ޝަރުއީ ކޯޓުތައް އިސްލާހު ކުރަން ޖެހޭ ކަމަށް ބުނެ އދ. އާއި ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ އިތުރުން ބައިނަލްއަގްވާމީ ގިނަ ޖަމިއްޔާތަކުން ތަކުރާރުކޮށް ގޮވާލަމުން ގެންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރު ފެބްރުއަރީ މަހު ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވެސް އެ ކޯޓުގެ މައްޗަށް އެކި ސިފަސިފާގައި އެކި މިންވަރަށް ނުފޫޒު ފޯރާފައިވާ ކަން އެނގެން އެބަ އޮތް ކަމަށެވެ. އެ އަމުރުގެ ފަހުން ހިނގާ ދިޔަ ކަންތައްތަކާއި އެކެއް ފެބްރުއަރީގެ އަމުރުގެ ބައެއް ބައިތައް ފަހުން ބާތިލުކުރުން ފަދަ ކަންކަން ކުރުމުން ވެސް އެކަން އެނގެން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް އެހީދޭ އދ. ގެ ޖަމްޢިއްޔާ ޖަމާއަތްތައް މެދުވެރިވެގެން ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅެއްގައި ބައިނަލްއަގްވާމީ ފެންވަރުގަ އިހްތިރާމް ހޯދާފައިވާ ތަޖުރިބާކާރު ފަނޑިޔާރުންގެ ނަންފުޅަށް ހުތުރުވާގޮތަށް ސުޕްރީމް ކޯޓުން ނޫސް ބަޔާން ނެރެ ވާހަކަ ދެއްކުމަކީ ހިތާމަކުރައްވާކަމެއްކަމަށް ރިފްއަތު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ މިފަދަ އަމަލުތަކުގެ ސަަބަބުން ރައްޔިތުންގެ ތެރޭގައި ގެއްލިފައިވާ އިތުބާރު ނުހޯދޭނެ ކަމަށާއި ފަނޑިޔާރުންގެ ގެއްލިފައިވާ އިތުބާރު އިޔާދަ ކުރެވޭނެ ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށް ރިފްއަތު ވިދާޅުވި އެވެ. އަދި ވިދާޅުވީ ހެޔޮ ނިޔަތެއްގައި ފަނޑިޔާރުގެ އިސްލާހު ކުރަން އެކަށީގެންވާ ވަގުތު ސުޕްރީމް ކޯޓަށާއި އެހެން ޝަރުއީ ކޯޓުތަކަށް ވެސް ލިބިއްޖެ ކަމަށެވެ. ނަމަވެސް ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކޯޓުން ކުރާ ކޮންމެ މަސައްކަތަކަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.