ވާހަކަ

ބޭނުންވަނީ ޔާރާ

(29 މެއި 2019 އާ ގުޅޭ)

"ޕާސްކޮއްލާ، އަހަރެން މިއަދު ވަރަށް މުހިއްމު ފޯންކޯލަކަށް އިންތިޒާރު ކުރަމުން މިދަނީ.........ވެދާނެ އެގުޅީ އެކަމާ ގުޅުން ހުރި މީހެއްކަމަށް.........ސޯ ޕާސްމީދަ ކޯލް، އޯކޭ......." ދާއިން ކުޑަކޮށް ވިސްނާލާފައި އޭނަގެ މޭޒުމަތީ ހުރި ފޯނަށް ބަލާލަމުން ބުނެލިއެވެ. ކާއިލްގެ ކޯލް ކެނޑުނު އަޑާއިއެކު އެހެންމީހަކު ހެލޯ ގޮވާލިއަޑުއިވުނެވެ. ދާއިން އަވަސް އަވަހަށް ގޮސް ފޯނުގެ އަތްގަނޑު ހިއްލާލުމާއިއެކު ކަންފަތުގައި ޖަހާ ހެލޯއޭ ބުނެލިއެވެ.

"ދާއިންތޯ...." ޝިމާދު ޔަގީންކޮއްލިއެވެ.

"ދާއިން ވާހަކަދައްކަނީ......ތީކޮންބޭފުޅެއްތޯ" ދާއިން އެއީ ކާކުކަން އޮޅުންފިލުވަން އަވަސްވެގަތެވެ.

"އަޅުގަނޑުމީ މަންހާގެ ދޮންބެ، ދާއިން އާޢި ބައްދަލުކޮއްލަން ބޭނުންވާތީ، މިގަޑި ބިޒީތޯ" ޝިމާދު އޭނަގެ ބޭނުން އޮޅުންފިލުވާދިނެވެ.

"ކޮންތާކަށްތޯ ދާންވީ" ދާއިން ކެތްތެރިކަން ކުޑަގޮތަކަށް އަހާލިއެވެ. އެއާއިއެކު ޝިމާދު ދާންވީތަން ބުނަމުން ފޯންކޯލް ކުރުކޮއްލިއެވެ. ދާއިން ފޯނުގެ އަތްގަނޑު ބާއްވަލަމުން އަވަސްވެ ގަތީ ކެބިންއިން ނުކުތުމަށެވެ.

"ކާއިލް، އައިލްބީ ބެކް.......ވަރަށް މުހިއްމު ކަމެއްޖެހިއްޖެއްޔާ ގުޅާތި" އޮފީހުން ނުކުންނަން ދިޔަ ދާއިން ކާއިލްއަށް ބަލާލަމުން ބުނެލިއެވެ.

ސީގަލް ރެސްޓޯރެންޓުގެ ފުރަތަމަ ފަންގިފިލާއަށް ދާއިން އެރުމާއިއެކު އޭނައަށް އެންމެ އެތެރެ މޭޒުގައި ތިބި ތިންމީހުން ފެންނާކަށް ސުކުންތެއްވެސް ނުނެގިއެވެ. އެހެނީ އެތަނުގައި އެމީހުންނޫން އެކަކަވެސް އެވަގުތު ނެތުމުންނެވެ.

"ވަޑައިން.......އިށިންނަވާ" ޝިމާދުއަށް ދާއިން ފެނުމާއިއެކު ކުޑަކޮށް ތެދުވެލަމުން އިޙްތިރާމާއިއެކު ބުނެލިއެވެ. އަދި އެއްފަރާތުގައި ހަމައެކަނި ހުސްކޮށް އިން ގޮނޑިއަށް އިޝާރާތްކޮއްލިއެވެ.

"އައްޞަލާމް ޢަލައިކުމް.........." ދާއިން ގޮނޑީގައި ހަމަޖެހިލުމާއިއެކު ސަޢީދު ވާހަކަދައްކަންފެށިއެވެ. އެމީހުން ދާއިން އާއި ބައްދަލު ކުރަންޖެހުނު ބޭނުން ބުނެދިނެވެ. ދާއިން އާއި މަންހާގެ ކައިވެނީގެ ވާހަކަދެއްކިއެވެ. އަދިވެސް ދާއިން ބޭނުންނަމަ އެކައިވެނި ކުރުމަށް ސަޢީދު މިހިރީ ވަލީދޭގޮތަކަން ހާމަކުރިއެވެ. ޝަރަފް އާއި ޝިމާދުވެސް އެމީހުންގެ ހިޔާލު ފާޅުކުރިއެވެ. ދާއިންއަށް މަންހާގެ އާއިލާ އޭނަދެކެ ލޯބިވާ މިންވަރު އެނގިގެންދިޔައެވެ. އަދި ކައިވެންޏާއިމެދު އޭނަގެ ވިސްނުންހުރިގޮތް ސަޢީދުއަށް ކިޔާދެމުންދިޔައެވެ.

"ހަވީރުން ވަގުތެއްވެއްޖެނަމަ އަޅުގަނޑުމެންގެ ގެއަށް ދާއިން ދުރުވަންވާނެ، މަންކޮއަށް ގަބޫލެއްވެސް ނުކުރެވޭނެ މިހާއަވަހަށް ކައިވެނި ހަމަޖެހިދާނެކަމަށް" ޝިމާދު ދާއިން އާއި ސަލާމްކޮއްލަމުން ދައުވަތު އެރުވިއެވެ. އެއާއިއެކު ކައިރީގައި ހުރި ޝަރަފްވެސް ހިނިތުންވެލިއެވެ.

"އިރާދަކުރެއްވިއްޔާ ހަވީރު ފަހެއްޖަހާލާކަން ހާއިރު ދެވޭތޯ ވަރަށް މަސައްކަތްކުރާނަން، ހުރިހާ ކަމެއް ނިމިއްޖެނަމަ އަޅުގަނޑު ދެން ގޮސްލަނީ" ދާޢިން ޝިމާދުއަށް ޖަވާބުދާރީވުމަށްފަހު ދިއުމުގެ ހުއްދައަކަށް ސަޢީދުގެ ގާތުން އެދުނެވެ.

ދާއިން އެނބުރި އޮފީހަށް ދިޔައެއްކަމަކު އެއްވެސް މަސައްކަތަކަށް ދޭންބޭނުންވި ސަމާލުކަމެއް ނުދެވުނެވެ. އޭނައަށް ވިސްނެމުންދިޔައީ މަންހާ އާއި ދޭތެރޭގައެވެ. ހަވީރު އެގެއަށް ދިއުމުގެ ފުރުޞަތު ލިބުނުކަން މަންހާއަށް ނޭންގީ ހަމަ ގަސްދުގައެވެ. މަންހާއަށް ނޭގި ބައްދަލު ކުރަން ދިއުމުން އޭނަ މާއުފާވާނެކަން ދާއިންއަށް އެނގޭތީއެވެ. އަނެއްކޮޅުން ޒަރާއަށް ކޮންމެވެސް ގޮތަކުން އޭނަ ދެވަނަ ކައިވެންޏެއް ކުރާކަން އަންގަދޭންވެސް އެބަޖެހެއެވެ. ދާއިން އޭނަގެ ސުވާލުތަކުގެ ޖަވާބެއްކަމުގައި ދެކުނީ ޒައުލްއެވެ. ހުރިހާ ކަމަކަށްވެސް ޒައުލްގެ އަތުގައި ހައްލުއޮންނާނެކަން އޭނައަށް އެނގެއެވެ. އަވަސް އަވަހަށް އޭނަ ގުޅީ ޒައުލްއަށެވެ. އޭނަގެ ކައިވެނީގެ ޚަބަރު ދޭ އެންމެ ފުރަތަމަ މީހަކީ ޒައުލް ކަމުގައިހެދިއެވެ.

"ކޮބާތަ ތިބުނަން އުޅޭ ބޮޑުވާހަކައަކީ..........އުހޫ......މަޑުކުރޭ، ލެޓްމީ ގެސް.............ހެ ހެ ހެ ހެ، ބިޓުގަނޑުގެ އާއިލާ އޯކޭވީދޯ.........." ދާޢިންގެ ކެބިންގެ ދޮރުލައްޕާލާފައި އައިސް، ދާއިންގެ މޭޒުކުރިމަތީ ހުރި ދެގޮނޑިން ކުރެ ގޮނޑިއެއްގައި ޒައުލް އިށިންނަމުން ބުނެލިއެވެ. އާދައިގެ މަތިން ސަމާސާކޮއްލީއެވެ.

"ކައިވެނި ހަމަޖެހިއްޖެ، އަހަރެން ކައިރީ ޒައްލޭ ވީ ވައުދު ހަނދާން އެބަހުރިތަ؟" ދާއިން އޭނަގެ ހަށިގަނޑު ގޮނޑީގެ ތެރެއަށް ދޫކޮއްލަމުން ބުނެލިއެވެ. ޒައުލް ފެނުމުން އޭނައަށް ހަމަޖެހުން ލިބިގެންދިޔައެވެ.

"ހަނދާން އެބަހުރި، ދާއިންލައްވާ އިތުރު ކައިވެންޏެއް ކުރުމަށް އެދުވަހު އެހެން ބުނީ، އެކަމަކު ވަޢުދެއްވާނީ ހަމަ ވަޢުދަކަށް، އަދި ކައިވެނި ކުރެވުނީކީ ނޫނެއްނު، ދާއިން އަނބިގަބޫލުކޮއްފީމޭ ބުނާ ވަގުތުން ފެށިގެން އަހަންނަށް ދުންފަތް ހަރާމް ވާނެ..........އަދި އެވަގުތު ޖެހެންދެން އޭގެން އަރާމު ހޯދި ދާނެ..........."ޒައުލް ހީލާފައި ބުނެލިއެވެ.

"އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ، އަހަރެން މިއުޅެނީ ދެވަނަ ކައިވެންޏެއް ކުރަންކަމެއް، ދެއަންބިން ގެންގުޅޭނީ ކިހިނެތްކަމެއްވެސް ނޭގެ، ދެއަންބިންނަށް އެވަރަކަށް ލޯބި ދެވޭނެބާއޭ ހިތަށް އަރާ..........ކައިވެނީގެ ތާރީޙު ކަނޑައެޅުނެއްކަމަކު އަހަރެން އެންމެ ހާސްވަނީ ކައިވެންޏަށްފަހު ދެންވާނެ ގޮތަކާއިމެދު............" ދާއިން އޭނަގެ ސިކުނޑިއަށް އަރަމުންދިޔަ ހިޔާލުތައް ޒައުލްއަށް ކިޔާދިނެވެ.

"ކޮންކަމަކާ ހާސްވަނީ، ނުލާހިކު ރީތި ޅަ އަންބަކު ގާތުގައި އޮންނައިރު އިތުރު ކަންތައްތަކާ ނުވިސްނޭނެ...........ހަމަގައިމުވެސް މަށަކަށް ނުވިސްނޭނެ އެހެންއެއްވެސް ކަމަކާ..............ކޮޓަރިންވެސް ނުނިކުންނާނަން ހަފްތާއެއް ފަހުން ނޫނީ..........ޝީޒް ސޯ ހޮޓް........" ޒައުލްގެ ސަމާސާ ކުރުމުގެ އާދައަކީ ކަށީގައި ހިފާފައިވާކަމެކެވެ.

"ޒައްލޭވެސް މީހަކާ އިންނަންވީނު، އަހަރެން ކައިވެނި ނުކޮއްގެން އުޅޭނެ، އެކަމަކު ތިމާ މީހާ މިހުންނަނީ ހަމަ ހުއްހަށް............ރީތި އަންހެން ކުދިން ފަހަތުން އަބަދަކު ނުދުވެވޭނެ، އުމުރުގަ ތަންއޮއްވަ ރަނގަޅު ކައިވެންޏެއް ކުރުމުން، މުސްކުޅިވާދުވަހު އެކުގައި އުޅޭނެ ބައިވެރިއަކު ވާނެކަން ޔަގީން..........އޭ ހޮޓް ވިޔަސް އެއީ މިހާރު އަހަރެންގެ ވާންއުޅޭ އަނބިމީހާ...........ހެ ހެ ހެ............ޒައްލޭ..........އަހަންނަށް ޒާރާ އާއިމެދު އަދިވެސް ވިސްނެނީ، މަންހާ ގެއަށް ގެންނަތަނުން އޭނަ ހިޔާލު ބަދަލުވެއްޖެޔާ ދެން ހަދާނީ ކިހިނެތް..........." ދާއިން ވާހަކަދެއްކިއެވެ.

ދުވަހުގެ ބާކީ އޮތްތަނުގައި ދާއިން އޭނަގެ ވަގުތުތައް ދުއްވާލީ ޒައުލް އާއިއެކުގައެވެ. އަދި ހަވީރު އޮފީސްގަނޑި ނިމި ހުރިހާ މުވައްޒަފުން އޮފީހުން ނުކުތުމާއިއެކުހެން އޮފީސް ތަޅުލައިފިއެވެ. އޭރުވެސް ޒައުލް ދާއިން އާއިއެކު ހުއްޓެވެ. އެދެމީހުންވެގެން ގޮސް ދާއިންގެ އެޕާރޓްމެންޓަށް ވަނުމުން ޒާރާއަށް ޒައުލްފެނި ފިލަން ދުއްވައިގަތެވެ.

"ޔަގީން، އެހީކުރީ އަހަރެން ޒާރާ ބަލަންވެގެން އައިކަމަށް، ޑޮކްޓަރު ކަށިގަނޑު ދެކެ ނިކަން ރުޅިއާދެއެއްނު..........." ޒައުލް ހިނިއައިސްފައި ދާއިންއަށް ބުނެލިއެވެ.

"އިމީ.......ކޮބާ މަންމަ.........." ދާއިންއަށް މޫމިނާ ނުފެނުމުން އިމީގެ ގާތުން އަހާލިއެވެ.

"ކޮޓަރީގަ.......ގޮވާލަނީތަ" އިމީ މޫމިނާއަށް ގޮވާލަ ދެންތޯ އަހާލިއެވެ.

"ނޫން، މަންމަ އަރާމުކޮއްލަނީކަމަށްވެދާނެ...........، ޒައުލްއަށް ކޮފީ ގެނެސްދީ، އަދި ހަވީރު ސައިބޯން ހުރި އެއްޗެއްވެސް.............އޭ ޒައްލޭ މަމިދަނީ ފެންވާރަލަން، މިހާރު ލަސްވެސް ވެއްޖެ.........." ދާއިން އޭނަގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ.

މަންހާގެ ކޮޓަރީގައި ޖޫން އިންއިރު އޭނައަށްވެސް މަންހާއަށް އައިސްފައިވާ ބަދަލު ފާހަގަކުރެވުނެވެ. ދާއިންގެ އެކިވާހަކަތައް އޮޅުންފިލުވަމުން ޖޫން ދިޔައިރު އޭނައަށް ކަމެއް ފާހަގަކުރެވުނެވެ. އެއީ މަންހާއަށް ދާއިން އާއި ބެހޭގޮތުން މާބޮޑު އެއްޗެއް ނޭގޭކަމެވެ. އެހެންނަމަވެސް އޭނަ ދާއިންއަށް ވަރަށް އިތުބާރުކުރެއެވެ.

"މަންމަ މިއަދު އެއްގޮތަކަށްވެސް ވާހަކައެއްނުދައްކާ، އެހެންނޫނި އަޅުގަނޑު ތިރިއަށް ފައިބާއިރަށް ކާންގޮވާނެ.........ދޮންބެދައްތާ، އަޅެ މަންމަދެން ވާހަކައެއް ނުދައްކާނެތަ؟ މަންމަ އެހެން ބުނާކަށް ނުވާނެއެއްނު..........ބައްޕަވެސް ބުނުއްވި އެކަމާ ނުވިސްނާށޭ، މަންމަ އެހެން ބުނިއެއްޗެއް ނޫނޭ އެއީ..........އަޅުގަނޑަށް ހަމަ ހީވަނީ މަންމަ އަސްލުވެސް މީންކޮށްފަ ބުނި އެއްޗެއްހެން އެއީ" މަންހާ ސުވާލުގެ ނަޒަރަކުން ޖޫންއަށް ބަލާލިއެވެ.

"ބައްޕަ ބުނުއްވީ ތެދެއް، މަންމަ ރުޅިއައިސްފައި ހުއްޓަސް ދެތިންދުވަހެއްގެ ތެރޭ އެރުޅިގަނޑު މައިތިރިވެ ހަމައަކަށް އެޅިދާނެ.........މަންކޮ އެކަމާ ނުވިސްނާ..........މިހާރު ދެން ވިސްނަންވީ ބައްޕަ ދާއިންއަށް އެޚަބަރު ދިނީމަ ވާނެގޮތަކާއިމެދު........." ޖޫންގެ އަތުގައި އޮތް މޯބައިލް ފޯނު ރިންގުވީ އެވަގުތުއެވެ.

"ޝަރަފް........." ޖޫން ފޯނު ނެގިގޮތަށް ބުނެލިއެވެ.

"ހެލޯ........ދޮންބެދައްތާ، މަންކޮ އެބަހުރި ތަ ކައިރީ، އެހެންވެއްޖެޔާ ދުރަށް ޖެހިލަބަލަ، ވާހަކައެއް ބުނަންވެގެން.........." ޝަރަފް ފޯނުގެ އަނެއްކޮޅުން ބުނިއަޑު ޖޫންއަށް އިވުނެވެ.

"ހޫމް، ދެން ބުނެބަލަ" ޖޫން ބުނެލިއެވެ.

"ވަރަށް އަވަހަށް ސައިތައްޔާރު ކޮއްލަބަލަ، އަޅުގަނޑާ ދޮންބެއާ މިދަނީ މެޙެމާނެއް ގޮވައިގެން.........މަންކޮއަށް ސަޕްރައިޒެއް ދޭންވެގެން..........މަންކޮ ކައިރި ނުބުނައްޗޭ........ދާއިން މިހާރު ނައްޓާލައިފި ގެއަށް ދިއުމަށް، އަޅުގަނޑާ ދޮންބެސް މިއުޅެނީ ގެއަށް ދިއުމުގެ މަގުމަތީ......އަވަސް ކުރައްޗޭ......." ޝަރަފްގެ ވާހަކަތަށް އަޑުއިވުނު ޖޫންގެ ތުންފަތަށް ވެރިކުރުވި ހިނިތުންވުމާއިއެކު ހުދުހުދު ދަތްތައްވެސް ފެނިގެންދިޔައެވެ.

"މައްސަލައެއް ނޯންނާނެ، ހަމަ މިހާރު މިއުޅެނީ ތިކަމާ.........." ޖޫން އެހެން ބުނެލަމުން ފޯނުބޭއްވިއެވެ.

"ކިހިނެއްވީ؟" މަންހާ ސުވާލުކުރިއެވެ.

"ތިއްތޭ މޮޅުވާހަކައެއް ބުނެލީ، ގެއަށް އަންނައިރު ވަރަށް މީރުކޮށް ސައި ހަދާފަ ބަހައްޓައްޗޯ.......މަންކޮ އިނދޭ.........މިހާ ލަސްވީމަ ނޭގެ ގްރީންވިލްގަ ހެދިކާ ހުންނާނެކަމެއްވެސް، އެހެންވިޔަސް އަންނާނަން ކޮންމެވެސް ގޮތަކުން އެމީހުންނަށް ސައިތައްޔާރުކޮއްފަ" ޖޫންގެ ވާހަކަތުގައި ހާއްޞަކަމެއްނެތެވެ. މަންހާ އޭނަގެ ކޮމްޕިއުޓަރ ކައިރީ އިށީނީ ޖޫން ނުކުމެގެން ދިއުމުންނެވެ. އޭނަ ދަމުންދިޔައީ މަންހާގެ ކޮޓަރި ދޮރުވެސް ލައްޕާފައެވެ.

މަންހާ ކޮމްޕިއުޓަރ މޭޒުގެ ކުރިމަތީ ހުރި ބޮޑުގޮނޑީގައި އިށީނދެއިންއިރު ދެފައިވެސް އިނީ ގޮނޑިއަށް ނަގައިގެންނެވެ. އެއްއަތުން މޭޒުގައި ހިފަހައްޓާލައިގެން އިނދެ އެއްވަރަކަށް ގޮނޑި އަނބުރާލަ އަނބުރާލަ އިނެވެ. އެއީ މިހާރު ކުރީގެ މަންހާކަން ކޮންމެ މީހަކަށްވެސް ފާހަގަވާނެއެވެ. ކޮމްޕިއުޓަރުން ފޭސްބުކްއަށްވަދެ ރަޙުމަތްތެރިންނަށް ޕްރައިވެޓް މެސެޖަކުން އޭނަގެ އުފާވެރިކަން ހިއްޞާކޮއްލިއެވެ. އަލީޝާ އާއި އަމާނީގެ ފޭސްބުކް ވޯލްގައި އިނގިރޭސިބަހުން އެކުވެރިކަމާއި ބެހޭ ރީތި ބަސްކޮޅެއް ލިޔެލިއެވެ. އަނެއްކޮޅުން ވިންއެމްޕް ހުޅުވާލުމަށްފަހު އޭނަގެ ހިތާ ގުޅިފައިވާ ޙާއްޞަލަވަ ޖަހާލިއެވެ.

ކޮޓަރީގެ ދޮރުހުޅުވި ކަމެއް މަންހާއަކަށް ނޭގެއެވެ. އޭނައަށް ހައިރާތެއްވީ ޝަރަފް ގޮވާލުމުންނެވެ. އަވަސް އަވަހަށް ލަވަ ނިއްވާލާފައި ގޮނޑިއަނބުރާލިއެވެ. ގޮނޑީގައި އިން ދެފައި ވަގުތުން ތިރިކޮއްލެވުނީ އެކޮޓަރީގައި އޭނަގެ ކުރިމަތީ ތިބީ ހަމައެކަނި ޝަރަފް އެކަނިނޫންވީމައެވެ. ލުއިލުއި ހިނިތުންވުމަކާއިއެކު މަންހާއަށް ބަލަހައްޓައިގެން ޝަރަފްގެ އެއްފަރާތުގައި އޭނަގެ ފަހަތަށް ވާގޮތަށް ހުރި ދާއިން ފެނުމުން މަންހާގެ ނޭވާ ހުއްޓެން އުޅުނުހެން ހީވިއެވެ. ދެމީހުންނަށް އަވަސް ނަޒަރެއްދެވުނީ ލިބުނު ހައިރާންކަމުންނެވެ. އަވަސް އަވަހަށް ލައިގެން ހުރި ހެދުމަށް ދަމާލަމުން އިސްތަށިގަނޑު ރީތިކޮއްލެވުނީ އިޙްތިޔާރަކާއި ނުލައެވެ. ދާއިންގެ ކުރިމަތީގައި އަބަދުވެސް ރީތިވެލައިގެން ހުރުމަށް އޭނަ ބޭނުންވާތީއެވެ.

"ސޮރީ......" ޝަރަފު މަންހާގެ ދާދިގާތުގައި ހުއްޓި އޭނަގެ އަމިއްލަ ކަންފަތުގައި ހިފާލަމުންބުނެލިއެވެ. ޝަރަފްގެ އެޢަމަލުން މަންހާ ކައިރިއަށް ހިނިއައެވެ. އަދި ޝަރަފްގެ ދެއަތުގައި ހިފާ ތިރިކޮއްލިއެވެ.

"ޔޫ ވިލް އޯލްވޭސް ބީ މައި ބޭބީ ސިސްޓަރ، ތިއްތޭ މަސައްކަތްކުރީ ދާއިން އާއި މަންކޮ ދުރުކޮއްލުމަށް، އެކަމަކު އެއީ އަދި އެންމެ ރަނގަޅު ގޮތް ނޫންކަން މިހާރު ވިސްނިއްޖެ، މިއައީ ދާއިން ގޮވައިގެން......." ޝަރަފް ފަހަތަށް އެނބުރި ދާއިންއަށްވެސް ބަލާލިއެވެ. މަންހާގެ އަތުގައި ހިފައިގެން ހިނގައިގަތީ ދާއިންގެ ކައިރިއަށެވެ.

"މަންކޮ ދާއިން އާއި ހަވާލު މިކުރަނީ ދުވަހަކުވެސް އޭނަ ދެރަވާނެކަހަލަ ކަމެއް ދާއިން ނުކުރާނެކަމަށް އުއްމީދުކުރަމުން" ޝަރަފް މަންހާގެ އަތްތިލަ ދާއިންއަށް ދިއްކޮއްލަމުން ބުނެލިއެވެ.

"މިއަތުގަ ހިފަން ނިންމީ ދުވަހަކުވެސް ދޫކޮއްނުލާގޮތަށް، އަޅުގަނޑާއި ހަވާލުތިކުރެއްވި އަމާނާތައް ރައްކާތެރިވާނަންކަމުގެ ޔަގީންކަންދެން" ލުއި ހިނިތުންވުމަކާއިއެކު މަންހާގެ މޫނަށް ބަލާލަމުން ދާއިން ބުނެލިއެވެ.

ޝަރަފް އެކޮޓަރިން ނުކުންނައިރަށް ދާއިން މަންހާގެ އަތުން ދޫކޮއްލައިފިއެވެ. އޭނައަށް މަންހާ ފެނުމުން އުފާވިއެވެ. ހިތަށް ހަމަޖެހުން ލިބި މަންހާ އާއި ވާހަކަދައްކާލުމަށް ބޭނުންވިއެވެ. އެހެންނަމަވެސް އަހާލާނީ ކީކޭކަމެއް ނުވިސްނުނެވެ. މަންހާ އޭނަގެ ކޮމްޕިއުޓަރ ކައިރީ ހުރި ގޮނޑި ދާއިން އިށީނުމަށް ދައްކާލިއެވެ. ދާއިން މަޑުމަޑުން އައިސް އެގޮނޑީގައި އިށީނެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ މަންހާއަށެވެ. އެނދުގައި އިށިންގޮތަށް މަންހާއަށްވެސް އިސްޖަހާލެވުނީއެވެ. ދެމީހުން ބައްދަލުވާ ކޮންމެ ފަހަރަކު އެދެމެދަށް ނޭގޭ ހިމޭންކަމެއް ވެރިކުރުވަނީ ކީއްވެކަމެއްނޭގެއެވެ. ދެހިތުގައި ޖަހަމުންދިޔައީ ތަފާތު ވިންދެއްކަންނޭގެއެވެ. އެހެންނޫނީ ގައިމުވެސް ދެމީހުން ދުރުގައި އުޅެންޖެހުމުން ކުރެވުނު ހިތި އިޙްސާސްތައް ބަންޑުންކޮއްލީހެވެ. އެކަކު އަނެކަކަށްޓަކައި ހިތްހުޅުވާލަން މިފަދަ ރަނުގެ ފުރުޞަތެއް ކޮބާހެއްޔެވެ.

"މަންކޮ.......ދާއިން ގޮވައިގެން އާދޭ ސައިބޯން" ކުއްލިއަކަށް ހުޅުވާލި ކޮޓަރީގެ ދޮރާ ދިމާލަށް މަންހާ އާޢި ދާއިންއަށް ބަލާލެވުނެވެ. ދޮރުމަތީ ހިނިތުންވެލައިގެން ހުރި ޖޫން ވާހަކަދެއްކީ މަންހާ އާއިއެވެ. އަދި މަންހާ ބޯޖަހާލުމާއިއެކު އަވަސް އަވަހަށް ހިނގައްޖެއެވެ.

"ހިނގާ ސައިބޯން" މަންހާ އެނދުންތެދުވެ ދާއިންއަށް ބުނެލިއެވެ. އެވަގުތު ދާއިން މަންހާއަށް އެއް އަތްދިއްކޮލިއެވެ. މަންހާ ކުޑަކޮށް އަތްހިއްލާލުމާއިއެކު ދާއިންގެ އަތްތިލައިގައި ހިފާލިއެވެ. ދާއިން މަޑުމަޑުން އޭނަގެ ކައިރިއަށް މަންހާ ގެނައެވެ.

"މަންހާ ރަނގަޅަށް ވިސްނާފަތަ އަހަންނަށް ޖަވާބެއްދިނީ، މަންހާއަށް ހީވޭތަ އަހަންނާއި އިނދެގެން މަންހާއަށް އުފަލުގަ އުޅެވިދާނެހެން........" ދާއިން ޔަގީންކުރަން އަދިވެސް ބޭނުންވާ ކަހަލައެވެ.

"އަހަރެންގެ މިނިންމުން ދުވަހަކުވެސް ބަދަލެއްނުވާނެ، އަމިއްލަ ހިތްހަމަޖެހުމާ އުފަލައްޓަކައި ކައިވެންޏެއް ކުރާނަމަ، އަހަރެން އެކައިވެނި ކުރާނީ ދާއިން އާއި، ހަމައެކަނި ދާއިން އާއި...............ދާއިންގެ ހިޔާލު ބަދަލުވީތަ؟ މިހާރު ދެވަނަ ކައިވެންޏެއް ކުރުން މުހިއްމު ނޫނީތަ؟" ކަންބޮޑުވުމާއިއެކު މަންހާއަށް އަހާލެވުނެވެ. އަދި ދާއިންގެ އަތުގެ ތެރޭއޮތް މަންހާގެ އަތްތިލަ ދަމައިގަންނަމުން ދެއަތުން ދާއިންގެ މޫނުގައި ހިފާ އޭނަ އާއި ދިމާލަށް އުފުލާލެވުނެވެ. ދާއިން މަންހާގެ ތޫނުފިލި އެބޮޑު ދެލޮލަށް ބަލާލުމަށްފަހު އޭނަގެ އުނަގަނޑުގައި ދެއަތްވަށާލުމާއިއެކު މޫނުފޮރުވާލިއެވެ.

"އަހަރެންގެ ހަޔާތަށް އިތުރުބައިވެރިއަކު ބޭނުންވޭ، އެބައިވެރިއަކީ މަންހާކަމުގައިވުން އަހަންނަށް އެދެވެނީ ކީއްވެކަމެއްނޭގެ.........އަހަރެންގެ ޒަމީރު މަންހާއަށް އިތުބާރު ކުރަންވީ ސަބަބެއްވެސް ނުވިސްނުނު............އަހަރެންނަށް ޒާރާ ވަރަށް މުހިއްމު ވަރަށް ލޯބިވެސްވޭ......އެކަމަކު މަންހާއަށް ދެރަގޮތެއް ހަދާކަށް ނުކެރޭނެ، ބިރުގަންނަނީ ދިރިއުޅުމުގައި ކަތި ފިޔަވަޅެއް އެޅިދާނެތީ......."ދާއިން ލޯމަރާލައިގެން އިނދެ ބުނެލިއެވެ.

"ޒާރާހާ އަހަރެން ހާއްޞަނުވިޔަސް، ދާއިންގެ ދިރިއުޅުމުން އަހަންނަށް ޖާގައެއްލިބުންވެސް އެއީ އަހަންނަށް މިންވަރުކުރެއްވި ހާދަ ބޮޑުނިއުމަތެކޭ.......ދާއިން އަހަރެންދެކެ ލޯބިނުވިޔަސް އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް، ދުވަހަކުވެސް އިރާދަ ކުރެއްވިއްޔާ އެޝަކުވާއެއް ނުކުރާނަން...........އަހަރެންގެ މަގާމު އަހަންނަކަށް ނޯޅޭނެ........ދާއިން..........އަހަންނާއި ކައިވެނިކުރުމަށްފަހު ދެން ދުވަހަކުވެސް އަހަރެން ދާއިންގެ ހަޔާތުން ބޭރުކޮއްނުލައްޗޭ...........ޕްލީޒް، އަހަރެންނާއި ކައިވެނި ކުރަން ބޭނުންވާނަމަ ހަމައެކަނި އެކަމަށް ވަޢުދުވެދީ، ޕްލީޒް ދާއިން، ބުނެބަލަ...........ކައިވެންޏަށްފަހު ދުވަހަކުވެސް އަހަރެން ވަރިނުކުރާނަންކަން..........ޖަސްޓް ޕްރޮމިސްމީ.........ޕްލީޒް" މަންހާ ބުނެލިއެވެ. އަދި ގުދުވެލަމުން ދާއިންގެ ބޮލުގައި ބޮސްދިނެވެ.

"އައި ޕްރޮމިސް، އަހަރެން މަންހާ އާއި ކައިވެނިކުރާނީ ދުވަހަކުވެސް ވަރިނުކުރާގޮތަށް.......ކިތަންމެ ބޮޑުއިމްތިހާނެއް ކުރިމަތިވިކަމުގައިވިޔަސް އަހަރެން މަންހާ ވަރިއެއްނުކުރާނަން..........އައި ޕްރޮމިސް ޑިއަރ......." ދާއިންވެސް މަންހާގެ އުނަގަނޑުގައި ވަށާލެވިފައިވާ ދެއަތަށް ބާރުލަމުން އޭނަގެ މޫނުބޮޑަށް ފޮރުވާލިއެވެ.

"ބައްޕަ ބުނުއްވީ ކީކޭކަމެއް އަދި ނުބުނަމެއްނު........"މަންހާ އަހަން ބޭނުންވެފައި ހުރި ސުވާލެއް އަހާލިއެވެ.

"އަހަރުމެންގެ ކައިވެނި ހަފްތާއެއްގެ ތެރޭ ކުރެވޭނެޔޭ ބުނެފިއްޔާ އުފާވާނެތަ؟" މިހެން އަހާލަމުން ދާއިން މަންހާގެ މޫނަށް ބަލާލާފައި ހިނިތުންވެލިއެވެ.

"ހޫމް......." މަޑުމައިތިރިކަމާއިއެކު މަންހާ ހޫލައްވާލިއެވެ.

"މަންހާގެ ބައްޕަ އެދިލެއްވީ ކައިވެނި ކުރުމަށްފަހު ނޫނީ މިގެއިން ބޭރަށް މަންހާ ނުގެންދެވޭނެކަމަށް، ކައިވެނި އަވަސް ކުރަން އަހަރެން އެދުމުން އެކަމާ ދެކޮޅެއް ނުހެދި، އަހަންނަށް އެހާ ފަސޭހައެއް ނޫން މަންހާ އާއި ބަދަލު ކުރުމަށް މިގެއަށް އަންނާކަށް، އަނެއްކޮޅުން މަންހާގެ މަންމަ ނުގަބޫލުކަން އަހަންނަށް އެނގޭ.........." ދާއިންގެ ވާހަކަ މެދުކަނޑާލަން ޖެހުނީ އަނެއްކާވެސް ޖޫން ދޮރުހުޅުވާލުމުންނެވެ. ދާއިން އަވަސް އަވަހަށް މަންހާގެ އުނަގަނޑުން ދޫކޮއްލާ ގޮނޑީގައި ހަމަޖެހިލިއެވެ. މަންހާއަށްވެސް ފަހަތަށް ފިޔަވަޅު އަޅާލެވުނީ ދާއިން އާއި ދުރަށް ޖެހިލުމަށެވެ.

"ސައި ޖޯޑު މިހާރު ހިހޫވެއްޖެ، ހާދަ ލަސްވަނީ، ބައްޕަވެސް އެބަ އިންނެވި............" މިފަހަރުވެސް ޖޫން ބުނަންބޭނުންވި ވާހަކަ ބުނެވުމާއިއެކު ދިޔައެވެ. އޭނައަށް މަންހާ އާއި ދާއިންގެ ހަރަކާތްތައް ފާހަގަވިއެއްކަމަކު އެކަން އެމީހުންނަށް ސިއްރުކުރިއެވެ.

ކާމޭޒު ފެންނަ ހިސާބަށް ކީއްކުރަން ކޮޓަރިން ބޭރަށްވެސް ވަސީމާ ނުނިކުތެވެ. ތުންދަމާ ދެލޯހިމަކޮއްލައިގެން އެނދުގައި އިނީ ހިތާހިތާ ދާއިންއަށް އެއްޗެހި ކިޔަމުންނެވެ. އަދިވަކިން ރުޅިގަދަވަނީ އާއިލާގެ ދެންތިބި މީހުން އޭނައަށް އެއްބާރުލުން ނުދޭތީއެވެ. ޓީވީ ހުޅުވައިގެން އިނެއްކަމަކު އެއަށްވެސް ސަމާލުކަމެއް ނުދެވެއެވެ. އިރިއިރުކޮޅާ ރިމޯޓަށް އޮބާލަމުން ޗެނެލް ބަދަލުކޮއްލާނެއެވެ. ސަޢީދު ކޮޓަރިއަށްވަނުމުންވެސް ކުދިކިޔާލިއެވެ.

ސައިބޮއެ ނިމިގެން ދާއިން ކުޑައިރުކޮޅަކު މަންހާގެ ގާތުގައި މަޑުކޮއްލިއެވެ. އޭނައަށް ގެއަށް ދެވުނުހާ އަވަހަކަށް އާއިލާއަށް މިއުފާވެރި ޚަބަރު ދޭނަންކަމުގައި ބުންޏެވެ. އަދި ކައިވެނީގެ އެކިއެކި ވާހަކަދެއްކިއެވެ. ދާއިން ކައިވެނީގެ ހަފްލާ ބާއްވަން ހަމަޖެހިފައިވާ ގޮތް މަންހާއަށް ކިޔާދެމުންދިޔައެވެ. މަންހާއަށް ދާއިންގެ ކޮންމެ ހުށަހެޅުމެއްވެސް ކަމުދިޔައެވެ. ދާއިން ބޭނުންވަނީ ކައިވެނީ ހަފްލާ ވީހާވެސް ކުޑަކޮށް ބޭއްވުމަށެވެ. ދެފަރާތުގެ އާއިލާ އާއި ގާތް ރަޙުމަތްތެރިންގެ މެދުގައި ބޭއްވުމަށެވެ. މަންހާއަށް އެގޮތްވެސް ރަނގަޅުވީ އެއީ ދާއިން ބޭނުންވާ ގޮތްކަމުގައި ވީމައެވެ. އެގެއިން ނުކުމެގެން ދަމުން ދާއިން މަންހާގެ ކޯތާފަތުގައި ފިރުމާލިއެވެ. ކިތަންމެ އިރެއްވިޔަސް މަންހާ ދާއިން ފޮނުވާލާކަށް ބޭނުމެއްނުވެއެވެ. ވާހަކަތަކެއް ނުދެއްކިކަމުގައިވިޔަސް ކައިރީގައި ފެންނަ ހިސާބުގައި އިނަސް އެވަރުންވެސް މަންހާގެ ހިތްހަމަޖެހެއެވެ. އެހެންނަމަވެސް ދާއިންގެ ނިންމުންތަކަށް އޭނަގެ އެއްވެސް ބާރެއްނެތެވެ. ދާއިން ދާންބޭނުންވުމުން އޭނަ ނުހިއްޓުވީވެސް އެހެންވެއެވެ. ދާއިން އޭނަގެ ކާރަށް އަރާ ދުއްވާލަންދެން ދޮރާށި ދޮށުގައި މަންހާ މަޑުކޮއްލައިގެން ހުއްޓެވެ.

"ދަރިފުޅު ތިއައީތަ؟ ކާންވީނު......." ރޭގަނޑު އަށެއްގެ ޚަބަރު ބަލަން އިން މޫމިނާއަށް ދާއިން ފެނުމުން ބުނެލިއެވެ.

"އަޅުގަނޑު ކައިފިން، މަންމާ.......ކުރިއަށް މިއޮތް ހަފްތާގެ ތެރޭ އަޅުގަނޑު ކައިވެނި ކުރަން ނިންމައިފިން" ދާއިން މޫމިނާގެ ގާތުގައި ސޯފާގައި އިށިންނަމުން ބުނެލިއެވެ.

"ކޮންކުއްޖަކާ......މަންހާ އާއިތަ؟" މޫމިނާ ސުވާލުގެ ނަޒަރަކުން ދާއިންއަށް ބަލާލަމުން އަހާލިއެވެ. އެއާއިއެކު ދާއިން ހުރިހާ ވާހަކައެއް މޫމިނާއަށް ކިޔާދިނެވެ. މަންހާގެ ބައްޕަ އާއި އޭނަގެ އެއްބަނޑު އެއްބަފާ ކުދިން ދެއްކި ވާހަކަތަކެވެ. މޫމިނާގެ މޫނުމަތިން އުފާވެރި ހިނިތުންވުމެއް ފާޅުވެގެންދިޔައެވެ. އޭނައަށްވެސް ރަނގަޅީ ދާއިން އިތުރު ކައިވެންޏެއް ކުރަންޔާ މަންހާ އާއި ކުރުން ކަމުގައި ބުނެލިއެވެ. މަންހާގެ ގައިގާ ހިތްހެޔޮ އޯގާތެރިކަން އެކުލެވިފައިވާކަން މޫމިނާ ފާހަގަކުރިއެވެ. އަދި ދާއިންއަށް އަޅާލާ ލޯބިދޭނެ އޯގާތެރި އަންބެއްކަމުގައި މަންހާވާނެ ކަން މޫމިނާގެ ހިތްބުނަމުންދިޔަކަންވެސް ދާއިން ކައިރީ ހާމަކުރިއެވެ.

ކައިވެނީގެ ވާހަކަ މިހާ އަވަހަށް ދެކެވޭނެކަމަކަށް މަންހާ ހިއެއްނުކުރެއެވެ. ލިބުނު ހައިރާންކަމަށްވުރެ އަމިއްލަށް ހިތަށާ ރޫހަށް ވެރިވި އުފާވެރިކަން މާބޮޑެވެ. އެކުވެރިންގެ ޚަބަރެއް ވާނެއިރެއްގެ އިންތިޒާރުގައި މަޑުކުރަންވީބާއޭ މަންހާގެ ހިތަށް އަރަމުންދިޔައެވެ. އޭނަގެ އިންތިޒާރު ނިމުމަކަށް އަންނަނީކަން ޔަގީންކުރެވުނެވެ. އަދި ހިތާހިތާ ދުޢާކޮއްލެވުނީ ކައިވެނި ކުރަން ހަމަޖެހިފައިވާ ތާރީޚު ޖެހެންދެން ހުރިހާ ކަމެއްވެސް އެންމެ ފުރިހަމަ ގޮތުގައި ވުމަށެވެ. މަންހާ ވިޝާލްގެ މަތިން ހަނދާނެއް ނުނެތެއެވެ. އެހެންނަމަވެސް އޭނައަށް ގުޅަން ފަސްޖެހެވެނީއެވެ. ވިޝާލްއަށް މިޚަބަރު ލިބުމުން ދެރަވާނެވަރު އަންދާޒާކޮއްލެވުނީއެވެ. މަންހާ އަތުގައި އޮތް ކުޑަކުޑަ ފޯނަށް ބަލަހައްޓައިގެން އިނެވެ.

ދުވަސްތައް ވޭތިވަމުންދިޔައީ މާއަވަހަށެވެ. މަންހާ އާއި އޭނަގެ އެކުވެރިންގެ އިތުރުން ޖޫން އާއި ޖެނީގެ އެހީތެރިކަން ވަރަށް ބޮޑެވެ. ކައިވެނި ހަފްލާއަށް ލާންހަމަޖެހިފައިވާ ހެދުން ފެހުމާއި ހެދުން ހެޔޮވަރު ކުރުންފަދަ ކަންތައްތަކުގައި މަންހާ އަވަދިނެތި އުޅެއެވެ. ހުރިހާ ކަމަކައިގެން އެންމެން އުޅޭއިރުވެސް ވަސީމާއަށް ގޭތެރެގައި ކަމެއްވާހެންވެސް ހީނުވެއެވެ. މަންހާ ނޫން އެހެން ދަރިންނާއި ވާހަކަދައްކާ ހަދައެވެ. އޭނަ ފެނުމުން ވަސީމާގެ މޫނު އަނބުރާލަނީ އޭނައަށް ބަލާވެސް ނުލުމަށެވެ. އެކަމާ ދެރަވިއެއްކަމަކު އެކަން މަންހާ ފާޅެއްނުކުރެއެވެ. ހަމައެގޮތަށް ވިޝާލްގެ ފަރާތުން އެއްވެސް އިޝާރާތެއް މަންހާއަށް ނުލިބެއެވެ. އެކަން އެގޮތަށް ވާކަށް އޭނަ ބޭނުމެއްނުވިއެވެ. ކައިވެނި ކުރުމަށް އެންމެ ދެދުވަހަށް ވެފައިވަނިކޮށް މަންހާ ވިޝާލްއަށް ގުޅިއެވެ. ބައްދަލު ކުރުމަށް އެދުނެވެ. ގިނަ ބަހަނާތަކެއް ދެއްކުމަށްފަހުވެސް އެއްބަސްވީ މަންހާ ކުރި އާދޭހުންނެވެ.

(ނުނިމޭ)