ބާސެލޯނާ

ޔުނައިޓެޑްގެ ސީއީއޯއަށް ފުޓްބޯޅައެއް ނޭންގެ: ވެންހާލް

އަންނަ ސީޒަންގައި ބާސެލޯނާއަށް ބަދަލު ވުމަކީ، އަޔެކްސްގެ މިޑްފީލްޑަރު ފްރޭންކީ ޑި ޔޯންގް ހެދި ގޯހެއް ކަމަށް، ބާސެލޯނާގެ ކުރީގެ ކޯޗް ލުއިސް ވެންހާލް ބުނެފި އެވެ.

އަޔެކްސް އާއި ބާސެލޯނާއަށް ކޯޗް ކޮށްދިން، ވެންހާލްގެ ނަޒަރުގައި މިވަގުތު ޑި ޔޯންގް ބާސެލޯނާއަށް ބަދަލު ވުމަކީ އޭނާއަށް އުނދަގޫ ވާނެ ކަމެކެވެ. ވެންހާލް ބުނީ ތަފާތު މަގާމަކަށް، ޑިޔޯންގް ކުޅުނު ނަމަވެސް ބާސެލޯނާގެ ފުރަތަމަ 11 ގައި މިހާރުވެސް ކުޅޭ ކުޅުންތެރިންނާ ދެކޮޅަށް ވާދަ ކުރަން ޖެހުމަކީ އުނދަގޫ ކަމަކެވެ.

ވެންހާލް ބުނީ، ޗެމްޕިއަންސް ލީގް ސެމީ ފައިނަލުން ބާސާ ކަޓައިގެން ދިއުން އެއީ އެއްގޮތަކުން ޑި ޔޯންގްއަށް ރަނގަޅެއް ކަމަށެވެ.

"ސަބަބަކީ ކުލަބާ މެދު ކުރެވޭ އުންމީދުތައް ވަކި ހިސާބެއްގައި ހުރުން އަދި ކުޅުންތެރިން ވެސް ތަފާތު ވުން." ވެންހާލް ބުންޏެވެ.

ބާސެލޯނާގެ މިޑްފީލްޑްގައި ޑިޔޯންގް ވާދަ ކުރަން ޖެހޭނީ އީވާން ރެކިޓިޗް އާއި ވިޑާލް އާ އެވެ. ވެންހާލްއަށް އޮތް ސުވާލަކީ އެ ކުޅުންތެރިން ތިބިއިރު ހުރިހާ މެޗެއްގައި ކުޅެން ޑި ޔޯންގްއަށް ފުރުސަތު ލިބިދާނެ ކަމާމެދު އެވެ.

"އަހަންނަށް ހީވާ ގޮތުގައި އޭނާއަށް އެއަށް ވުރެ ރަނގަޅު ކުލަބެއްވެސް ހޯދޭނެ،" ވެންހާލް ވާހަކަ ދެއްކި އެވެ.
"ކުޅުންތެރިޔެއްގެ ގޮތުގައި ބަލަންވާނީ ކުޅެން ފުރުސަތު ލިބޭ ކުލަބަކަށް، ސުވާލަކީ ބާސެލޯނާގައި އޭނާއަށް އެ ފުރުސަތު ލިބޭނެ ތޯ، އެކަމަށް އުންމީދު ކުރަމާ އެ އުމުރުގައި އޭނާ ބަލަން ޖެހޭނީ ހުރިހާ މެޗެއް ކުޅެވޭނެ ގޮތަކަށް ބަލަން."

ޔުނައިޓެޑްގެ އެޑްވުޑް ވާޑްސް އަށް ފުޓްބޯޅައެއް ނޭންގެ

ވެންހާލް ވަނީ، އެންމެ ފަހުން އޭނާ ކޯޗް ކޮށްދިން، މެންޗެސްޓާ ޔުނައިޓަޑްގެ ޗީފް އެގްޒެކެޓިވް އެޑްވުޑް ވާޑްސްއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އޭނާ ބުނީ ފުޓްބޯޅައިގެ ނަޒަރުން އެއްވެސް ކަމެއް އެޑްވުޑްވާޑްސް އަށް ނޭންގޭ ކަމަށެވެ.

ވެންހާލް ބުނީ، އެޑްވުޑް ވާޑްސް ކުލަބު ހިންގަނީ ހަމައެކަނި ވިޔަފާރީގެ ނަޒަރުން ކަމަށާއި، އޭނާ ވަކިކޮށް މޮރީނިއޯ ކޯޗް ކަމަށް ހަމަޖެއްސީ ވެސް ވިޔާފީރީގެ ނަޒަރަކުން ކަމަށެވެ.

"ބަޔާން [މިޔުނިކު] ގައި އަބަދުވެސް ހަވާލުވެ ހުންނާނީ ފުޓްބޯޅައިގެ މީހެއް، އެއީ އަހަރެން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް،" ވެންހާލް ބުންޏެވެ. "އަނެއް ކޮޅަށް ބަލަންޏާ މެންޗެސްޓާ ޔުނައިޓަޑްގައި މިހުރީ ސީއޯއޯ އެޑް ވުޑްވާޑްސް އަކީ ފުޓްބޯޅަ އެނގުމުގައި އެއްވެސް ވަރަކަށް ރޯފިލާފައިވާ މީހެއް ނޫން، އޭނާ އަކީ ކުރީގައި އިންވެސްޓްމެންޓް ބޭންކެއްގައި މަސައްކަތް ކުރި މީހެއް."

ވެންހާލް ބުނީ ވިޔާފަރީގެ އުސޫލުން ކުލަބު ހިންގަން އުޅޭނަމަ އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.