ހަބަރު

ވޯލްޑް ޓްރެވަލް އެވޯޑުގައި ރާއްޖެއަށް ތިން އެވޯޑެއް

Jun 3, 2019

ވޯލްޑް ޓްރެވަލް އެވޯޑްސް 2019 ގެ އިންޑިއާ ކަނޑުގެ ކެޓަގަރީން ތިން އެވޯޑެއް ރާއްޖެ ހޯދައިފި އެވެ.

މޮރިޝަސްގެ ޝުގަ ބީޗު ރިސޯޓުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި "ވޯލްޑް ޓްރެވަލް އެވޯޑްސް އެފްރިކާ އެންޑް އިންޑިއަން އޯޝަން ގަލާ" އިވެންޓުގައި ރާއްޖެއަށް ލިބިފައިވަނީ އިންޑިއާ ކަނޑުގެ އެންމެ މަގުބޫލް ބީޗު މަންޒިލުގެ އެވޯޑާއި މި ސަރަހައްދުގެ އެންމެ މަގުބޫލު ހަނީމޫން މަންޒިލްގެ އެވޯޑް އަދި ފީނުމުގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑެވެ.

ރާއް ޖެއަށް މީގެ ކުރިން ވެސް ގިނަ އަހަރުތަކެއްގައި ލިބިފައިވާ މި އެވޯޑުތައް މި އަހަރުވެސް ދިފާއު ކުރިއިރު، އޭގެ ތެރެއިން، އިންޑިއާ ކަނޑުގެ އެންމެ މަގުބޫލް ބީޗު މަންޒިލްގެ އެވޯޑު ދަނީ ރާއްޖޭން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ރާއްޖެއިން ހޯދަމުންނެވެ.

ޓޫރިޒަމް ސިނާއަތުގެ "އޮސްކާ" ގެ ގޮތުގައި ބަލާ ވޯލްޑް ޓްރެވަލް އެވޯޑަކީ 1993 ވަނަ އަހަރުން ފެށިގެން ދެމުން ގެންދާ އެވޯޑެވެ. މި އެވޯޑު ގައުމުތަކުގެ އިތުރުން ވަކިވަކި ޓޫރިޒަމް ޕްރޮޕަޓީތަކަށް ވެސް ދެ އެވެ.