ހަބަރު

ތުހުމަތު ކުރެވޭ ފަނޑިޔާރު ޒިންމާއިން ދުރުވާންޖެހޭ: ސުއޫދު

ފަނޑިޔާރެއްގެ ކޮރޮޕްޝަންގެ ތުހުމަތުގެ މައްސަލައެއް ބަލަމުންދާ ނަމަ މައްސަލަ ބަލާ ނިމެން ދެން އެ ފަނޑިޔާރަކު ޒިންމާއިން ދުރުކުރަންޖެހޭ ކަމަށް މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުގެ ރައީސް އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވިއްޖެއެވެ.

ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖޭއްސީން ފަނޑިޔާރަކާމެދު ކޮރޮޕްޝަން ނުވަތަ އެހެނިހެން ތުހުމަތެއްގެ ތަހުގީގު ކުރަމުން އަންނަ ނަމަ އެ މީހަކު އެ މައްސަލަ ނިމެންދެން ޒިންމާއިން ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

ހުސްނުއްސޫދުގެ ޓްވީޓް

ސުއޫދު މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އިއްވަން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރުގެ ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އަބްދުﷲ ދީދީ ނެންގެވި ކަމަށް ތުހުމަތުކޮށްފައި ވަނިކޮށެވެ.

އަބްދުﷲ ދީދީ އަކީ ރައީސް ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ. ޖޭއްސީގެ މެމްބަރު އަދި ރައީސް ނަޝީދު ވަނީ އެ މައްސަލަ ސުލޫކީ މައްސަލައެއް ގޮތުގައި ބަލަން ޖޭއްސީ އަށް ހުށަހަޅާފައެވެ.

މީގެ ކުރިން މި މައްސަލަ ވަނީ އޭސީސީ އަށް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އެ ކޮމިޝަނަށް އެ މައްސަލާގެ ތަހުގީގު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.