މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ޖަލު އޮޑިޓް ރިޕޯޓް ތަންފީޒުކުރޭތޯ ބަލަން ކޮމެޓީއެއް

ޖަލު އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ހުރި ކަންކަން ތަންފީޒު ކުރޭތޯ ބަލަން ހޯމް މިނިސްޓްރީން މިއަދު ކޮމިޓީއެއް އެކުލަވާލައިފި އެވެ.

"ޕްރިޒަންސް ރިފޯމް މޮނިޓަރިން ކޮމެޓީ" ގެ ނަމުގައި އެކުލަވާލި މި ކޮމިޓީގައި ފަސް މެމްބަރުން ހިމެނި ވަޑައިގަންނަވަ އެވެ.

ކޮމިޓީގެ ހިމެނި ވަޑައިގަންނަވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދާއި ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފް އަދި ފުލުހުންގެ ތަރުޖަމާނު އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރެވެ. ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރު އިމްރާނެވެ.

މިދިޔަ އެޕްރީލް މަހު ނެރުނު ޖަލު ރިޕޯޓުގައި، ޖަލަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އިސްލާހު ކުރަންޖެހޭ 180 އަށްވުރެ ގިނަ ކަންތައްތައް ފާހަގަ ކޮށްފައި ވެ އެވެ. އަދި އެއީ އިންސާނުން ބަންދު ކޮށްގެން ގެންގުޅެން އެކަށީގެންވާ ތަންތަން ނޫން ކަމަށްވެސް އެރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ވެސް ހޯމް މިނިސްޓްރީން ވަނީ އެދިފަ އެވެ.