މާޒިޔާ

ވެޓަރަންސް ކަޕުގެ ޗެމްޕިއަންކަން މާޒިޔާއަށް

މޯލްޑިވްސް ސޮކާ މޭޓްސް އިން އިންތިޒާމު ކުރި، ރަމްޟާން ވެޓަރަންސް ކަޕުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދައިފި އެވެ.

މާޒިޔާއިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާ ދެކޮޅަށް ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީން ނަތީޖާ ނެރެން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތު 1-1 ން އެއްވަރު ވެގެން ނިމުމުންނެވެ.

މެޗުގައި، ފުރަތަމަ ލީޑް ނެގީ، ޑީއެސްސީން ނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 17 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު ފަޒާލް އެވެ. މާޒިޔާއިން ލަނޑު ޖެހީ ދެ ވަނަ ހާފުގައެވެ. އެ ލަނޑު ކާމިޔާބު ކުރީ މުހައްމަދު އަރީފެވެ.

ޕެނަލްޓީގައިި މާޒިޔާއަށް ލަނޑު ޖަހައިދިނީ، ހަމްޒާ ހުސައިން، އަހްމަދު ނާޒް 'އާކޭ' އަދި މުހައްމަދު އަރީފެވެ. ޕެނަލްޓީ ޝުޓްއަޓުގައި ޑީއެސީއަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ. އެއީ ހަމްދާން ޖައުފަރު އާއި އަލީ ޝަރީފް 'އައްޔަ' ކާމިޔާބު ކުރި ޕެނަލްޓީ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ، މާޒިޔާގެ ގޯލްކީޕަރު މުހައްމަދު ޝިނާން 'ނާނީ' އެވެ. އެންމެ މޮޅު ގޯލްކީޕަރަކީވެސް އޭނާ އެވެ. ވެޓަރަންސް ސުޓާ އޮފް 2019 ގެ އެވޯޑް ގެންދިޔައީ އޭދަފުށީ ވެޓަރަންސްގެ އަބްދުރައްޒާގް ޔޫސުފް އެވެ. މުބާރާތުގެ 35 އަހަރާއި 39 އަހަރާ ދެމެދުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑީއެސްސީގެ އަހްމަދު ފަޒާލް އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަކީ، އޭދަފުށީ ވެޓަރަސް ފުޓްބޯޅަ ކުލަބުގެ އިސްމާއީލް މުހައްމަދު 'އިއްސޭ' އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ މާޒިޔާގެ ކޯޗް އަކުރަމް ރަމްޒީ އެވެ.

މުބާރާތުގެ އެންމެ މޮޅު ފޯވަޑަކީ، ޑީއެސްސީއަށް ކުޅުނު، ކުރީގެ ގައުމީ ކެޕްޓަން އައްސަދު އަބްދުލް ގަނީ، އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައި ވަނީ މާޒިޔާގެ އަބްދުލް ވާހިދުއެވެ. އެންމެ މޮޅު ޑިފެންޑަރަކީ، ޑީއެސްސީގެ އަލީ ޝަރީފް 'އައްޔަ' އެވެ.

މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިޔަކީ ޑީއެސްސީގެ އިސްމާއީލް އަނިލް އެވެ. ފެއާޕްލޭ ޓީމަކީ ޑީއެސްސީ އެވެ.