ނައުޝާގެ ހެލްތު ކޮލަމް

ތައިރޮއިޑް ހުރޭ، ތައިރޮއިޑް ނުހުރޭ!

"ތައިރޮއިޑް ހުރޭ!" ނުވަތަ "ތައިރޮޑެއް ނުހުރޭ!" މިއީ އާންމުކޮށް ދިވެހިންގެ ތެރޭގައި ބޭނުންކޮށް އުޅޭ އިބާރާތްތަކެކެވެ. ތައިރޮއިޑަކީ ހަގީގަތުގައި ކޮބައި ހެއްޔެވެ؟

ތައިރޮއިޑް ގްލޭންޑަކީ ކޮންމެ މީހެއްގެ ހަށިގަނޑުގައިވެސް ހުންނާނެ ގުނަވަނެކެވެ. މިއީ ކަރުގެ ކުރިމަަތި ފަރާތުގައި އިންނަ ގްލޭންޑަކަށް ކިޔާ ނަމެކެވެ. މި ހާއްސަ ގްލޭންޑަކީ ހަށިގަނޑުގައި ހިނގާ ނުހަނު މުހިންމު މަސައްކަތްތަކަށް އެހީތެރިވެދޭނެ ހޯމޯންސް ތަކެއް އުފައްދައި ދޭ ގްލޭންޑެކެވެ. ވީމާ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތަށް އެއްވެސް ބުރުލެއް އަރައިފިނަމަ، އެތަކެއް ސިއްހީ މައްސަލަތަކާ ދިމާވެ އެވެ. އެގޮތުން ތައިރޮއިޑް ހުރުން ނުވަތަ ނުހުންނަ ކަމަށް ގިނަ ބަޔަކު ނިސްބަތް ކުރަނީ މިފަދަ ތައިރޮއިޑް ގްލޭންޑްއަށް ޖެހޭ އެކި އެކި ބަލިތަކަށެވެ. އެގޮތުން ތައިރޮއިޑް ދުޅަވުން، ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އިތުރުވެ ތައިރޮޑް ހޯމޯން ހަށިގަނޑުގައި އިތުރުވުމަށް ނުވަތަ މިއާ ހިލާފަށް ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވެ ހަށިގަނޑުގައި ތައިރޮއިޑް ހޯމޯން މަދުވުން ހިމެނެ އެވެ. އަދި މަދުން ނަމަވެސް ތައިރޮއިޑް ގްލޭންޑްގެ ކެންސަރު ވެސް ފާހަގަ ކޮށްލެވެ އެވެ.

ހައިޕޯތައިރޮއިޑިސްމް - ތައިރޮއިޑް ދަށްވުން

ހައިޕޯ ތައިރޮއިޑްސްމް އަކީ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވެ ތައިރޮއިޑް ހޯމޯން ހަށިގަނޑުގައި މަދުވުމަށެވެ. މީގެ ސަބަބުން ހަށިގަނޑުގެ ގިނަ ގުނަވަންތަކެއްގެ މަސައްކަތް ކުރުމަށް ބަދަލުތަކެއް އާދެ އެވެ.

ހައިޕޯތައިރޮއިޑްސްމްގެ އަލާމާތްތައް

  • ވަރުބަލިވެ ވަރުދެރަވުން
  • ފިނިތަންތާގައި ހުންނަން އުދަނގޫވުން
  • ކެއުމަށް މާ ބޮޑު ބަދަލެއް ނުގެންނަ އިރުވެސް ފަސޭހައިން ފަލަވުން
  • ހަންގަނޑު ހިކިވެ، ކުރަކިވުން
  • އިސްތަށި ތުނިވެ ފޭބުން
  • މައްސަރުކަންތައް ގަވައިދުން ނުޖެހުން
  • ތޫނުފިލިކަން ކުޑަވެ އަބަދު ނިދިއަސް ހުންނަ އިހްސާސް ކުރެވުން
  • ބަނޑުހަރުވުން
  • ކަންކަމާމެދު އަވަހަށް މާޔޫސްވެ ދެރަވުން

މިއީ ހައިޕޯތައިރޮޑިސްމް ހުންނަ ފަރާތްތަކުގެ ކިބައިން ފެނިގެންގޮސްދާނެ ބައެއް އަލާމާތްތަކެވެ. މިނޫންވެސް އެތަކެއް އަލާމާތްތަކެއް މިބަލި ހުންނަ ފަރާތްތަކުގެ ކިބައިން ފެނުން އެކަށޭނަ އެވެ. އެހެނީ މިއީ ކޮންމެ މީހަކަށްވެސް މި ބަލި ޖެހިދާނެ އެވެ. ނަމަވެސް އާއިލާގައި މިބަލި ހުންނަ އެހެން މީހެއް ހުރުން، އުމުރުން ދުވަސްވުން މިއީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކޮށްދޭ ކަންކަމެވެ.

ހައިޕޯތައިރޮއިޑިސްމްގެ ފަރުވާ

މިއީ ތައިރޮއިޑް ހޯމޯން މަދުވުމުން ދިމާވާ މައްސަލައެއް ކަމުން ތައިރޮއިޑް ހޯމޯން ލޭގައި ހުރި ވަރުބެލުމަށްފަހު މި ހޯމޯން ލޭގައި ހުންނަ މިންވަރު އިތުރު ކުރުމަށް ބޭހެއް ޑޮކްޓަރު ދޭނެއެވެ. މި ބޭސް ބޭނުން ކުރަންޖެހޭ މުއްދަތު ކަނޑައަޅާނީ ހޯމޯން މަދުވުމަށް މެދުވެރިވި ސަބަބަށް ބިނާ ކޮށެވެ. އެހެނީ ކޮންމެވެސް ސަބަބަކާހުރެ ތައިރޮއިޑް ގްލޭންޑް އެކީގައި ނަގާފައިވާ ފަރާތްތަށް މިބޭސް އުމުރަށް ކާން ޖެހޭނެއެވެ. މި ބަލި ހުންނަ ފަރާތްތައް ތައިރޮއިޑް ލެވެލް ލޭގައި ހުރި މިންވަރު ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ގަވައިދުން ޗެކް ކުރަންވާނެ އެވެ. ހޯމޯން ލެވެލްސް އަށް އަންނަ ބަދަލް ތަކާއެކު ބޭސް ކާންޖެހޭ މިންވަރާއި ވަގުތުތަކަށް ބަދަލުއައުން އެކަށޭނަ އެވެ.

ބައެއް ހާލަތްތަކުގައި ހައިޕޯތައިރޮއިޑް ހުންނަ ފަރާތްތަކުގެ ތައިރޮއިޑް ގްލޭންޑް ދުޅަވުމަށްވެސް މެދުވެރިވެ އެވެ. މިދުޅައިގެ ސަބަބުން ގްލޭންޑް ގެ ކައިރީގައި ހުންނަ އެހެން ގުނަވަންތައް ކަމަށްވާ ނޭވާ ހޮޅި ފިތި އަދި ދުޅަ އިތުރުވެ ކެންސަރަށް ބަދަލު ވެދާނެކަމުގެ ޝައްކު ވެއްޖެ ނަމަ އޮޕަރޭޝަނެއްކޮށް ތައިރޮއިޑް ގްލޭންޑް ނެގުމަކީވެސް ފަރުވާއެކެވެ.

ތައިރޮއިޑް ހޯމޯން ހަށިގަނޑުގައި މާ ބޮޑަށް މަދުވެ، ފަރުވާ ނުކުރެވިއްޖެނަމަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވުން ގާތެވެ. އެގޮތުން މިއީ ފަލަވުމަށް މެދުވެރި ކުރުވާ ބައްޔެއްކަމުން، ހަށިގަނޑުގައި ސަރުބީ ގިނަވެ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތުތަކާއި އަދި ސްޓްރޯކެއް ޖެހުމުގެ ފުރުސަތުތައްވެސް އިތުރު ވެގެން ދެއެވެ. މީގެ އިތުރުން ދޭންވާ ފަރުވާ ނުލިބިއްޖެ ނަމަ، މިކްސްއެޑީމާ ނަމަކަށް ކިޔާ ހާލަތެއް މެދުވެރި ވެދާނެ އެވެ. މިކްސްއެޑީމާ އަކީ ހަށިގަނޑުގެ ޓިޝޫތައް ދުޅަވެ، ހިތް އަފި ފެއްޕާމޭގެ ވަށައިގެން ފެން ފަށަލައެއް އުފެދި، ހަށިގަނޑުގެ މަސްތަކުގެ ބާރުދެރަވުން ފަދަ ގިނަ ސިއްހީ މައްސަލަތަކެއް މެދުވެރި ކުރުވާ ބައްޔެކެވެ. އަދި ހަމަ އެހެންމެ މާބަނޑު ދުވަސްވަރު ތައިރޮއިޑް ދަށްވެ، އެކަމަށް ފަރުވާ ނުކުރެވިއްޖެނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް އޭގެ ނޭދެވޭ އަސަރު ކުރުމަކީވެސް ގާތް ކަމެކެވެ. ވީމާ ހައިޕޯތައިރޮއިޑިސްމް އަކީ އެކަމަށް އެކަށޭނަ ފަރުވާ ހޯދަންވާނެ ބައްޔެކެވެ.