ވާހަކަ

އީޝަލް

(2 ޖޫން 2019 އާ ގުޅޭ)

"ކާކު؟" ދޮރަށް ފުރަގަސްދީގެން ފާރުގައި އަރިއަކަށް ޖެހިލައިގެން އިން އަންހެންމީހާ ސުވާލުކުރިއެވެ. މަޑުކުރެވުނީ މާގިނައިރުކަން ޠަލަބްއަށް ރެއަކާލީ ދެނެވެ. އޭނާ ދަގަނޑު ދޮރުގެ ތޭރިތަކުން ނެއްޓި ނިވާވެލިއެވެ. މަޑުމަޑުން އެ އަންހެންމީހާ އެނބުރިލިއެވެ. އެހިނދު ޠަލަބް ދިޔައީ ސިއްސައިގެންނެވެ.

އެ އަންހެނާގެ މުސްކުޅިކަން ފެނި ބިރުގަތީއެއް ނޫނެވެ. އޭނާގެ ދެ ލޯ ވަނީ ކޮނެލާފައި އެވެ. އަނދައިގެން ގޮސް ކަޅުކުލަ އަރާފައެވެ. ދެއަތް ވަނީ އުޅަންބޮށްޓާ ހަމައިން ބުރިކޮށްލާފަ އެވެ. ޠަލަބް ހަލުވިކޮށް ގޮސް ރައުލް އޮތް ގޮޅިއަށް ވަނީ އެވެ.

"ކާކު؟... އަނގައިންނުބުނެ ދިޔައީތަ؟" މަޑުމަޑުން އަންހެން މީހާ ބުނެލިއެވެ. ނަމަވެސް އޭރު އެތަނުގައި ހުރި މީހަކު ހިނގައްޖެކަން އޭނާ ދެނެގަތެވެ.

"މިތަނަށް އިތުރު ބަޔަކު އަތުވެއްޖެ" އަމިއްލަ ނަފްސަށް ބުނެލި ފަދައިން އެ އަންހެންމީހާ ވާހަކަދެއްކިއެވެ.

* * * * *

ފަރުވާ ދިނުމަށްފަހު އެނބުރި ނުކުމެގެން ދިޔަ ޙަކީމުންނާއެކު މައި ދޮރާ ހަމައަށް ލާވީ ނުކުތެވެ. އެމީހުންނަށް ޝުކުރު އަދާކުރިއެވެ. ލާވީ ގޭތެރެއަށް ވަނީ ޚަކީމުންގެ ތިން މީހުން ދިޔައީމައެވެ. އޭނާ އައިސް ރާވިން އޮތް އެނދުގެ މަގަތުގައި އިށީނެވެ. އުނަގަނޑާ ހަމާގައި އަޅާފައި އޮތް ފޮތިގަނޑުން އެ ޒުވާން ހަށިގަނޑު ނިވާކުރެވިފައި އޮތެވެ. ހަރަކާތްކެނޑިފައިވި ދެއަތް ފުށުންޖެހި އަތްތިލަ އޮތީ ހުޅުވިފައެވެ. ދެ ލޯ މަރާލައިގެން އޮތްއިރު ނޭވާވަނީ ހަމައަކަށް އެޅިފައެވެ. ނަމަވެސް ލާވީގެ ނަޒަރު ހުއްޓިފައި ހުރީ ރާވިންގެ ކަރުގައި އަޅާފައި އޮތް ބޭސްގަނޑަށެވެ. އޭނާއަށް ލިބިފައިވާ އެންމެ ބޮޑު ޒަޚަމަކީ އެއީއެވެ. ދަރިފުޅުގެ ނިތްކުރީގައާއި މޭގައި ލާވީ ފިރުމާލި އެވެ. ގިނައިރެއްނުވެ ހޭއަރާފާނޭ ޙަކީމުން ބުނެފައި ވެއެވެ. އެވަގުތައް ލާވީ އިންތިޒާރު ކުރާ ކަހަލަ އެވެ. ނަމަވެސް އޭނާ ފިކުރު އެ ކުރަނީ އެ ދަރިފުޅު ހޭ އަރައިފިނަމަ ދެން ކަންތައް ވާނޭ ގޮތަކާމެދުއެވެ. އެހެންވެ އަމިއްލަ ނިންމުމާމެދު ވެސް ލާވީ އިނީ ސުވާލު އުފެދިފައެވެ. ނިންމިނިންމުންތަކަކީ އެންމެ ރަނގަޅު ނިންމުންތަކެއްތޯ އަމިއްލަ ޟަމީރުގެ ކައިރިން އެހީ ޖަވާބެއް ހޯދުމަށެވެ.

* * * * *

އެންމެންނާ އެކަހެރިވެ ބޭރީތު އައިސް ހުރީ އޭނާއާއި ޖިލައްޔާގެ ވަގުތު ގަނޑުވަރުގައި ހޭދަކުރެވުނު ބައިގައެވެ. ފައްވާރުގެ ކުރިމަތީ ހުއްޓި އޭގެ މެދުގައި ހުރި ރަނުގެ ބުދަށް ބަލަހައްޓައިގެންނެވެ.

"ޖިލައްޔާ!... ކަލޭ އަހަރެންނާއެކު ދިރިއުޅުމެއް ފަށަން ރުހުނަމަ މިއަދު އަހަރެންގެ މި އެކަނިވެރިކަން ފިލައި ދިޔައީސް، ކަލޭގެ އަހުލުވެރީންގެ މައްޗަށް ފަހަރެއްގައި އަހަރެންގެ ހިތުގައި ރަހުމުގެ ވެސް އުފެދުނީސް، ސުލްހަވެރި އުފާވެރި ހަޔާތަކަށް ވުމުގެ ފުރުސަތު ވެސް އޮތީސް، އެހެނެއްނުވި... ނުވާނޭކަން ކަލޭ ޔަގީންކޮށްދިން، ކަލެއަށް ބޭނުންވި ވަރަށް އަހަރެންގެ ހަޔާތުގައި އެއްވެސް އަންހެނަކަށް ނޭދެން، ވިހުރާލެވިފައިވާ ދިގު އިސްތަށިގަނޑުގެ ތެރެއިން ކޯރުގެ އައްސޭރި ފަށުން ގަދަ އައްޔެއްފާޅުވި ކަހަލަ، އެރޭ އަހަރެންނަށް ގޮވީ ކަލޭގެ ޢާއިލާއިން، ޖިލައްޔާ!... އަހަރެންނަށް ކަލޭ ދެއްކީ ސައިފުލްކަރީމް، ކަލޭގެ ބޮޑުބޭބެ... އެއީ ކަލޭމެންގެ ތެރެއިންވީ ދަހިވެތި އަޑިނުބައި ޖިންނިއެއް، ކަލޭމެންގެ ރަސްކަމަށް ޖެހުނު ނުބައި ބަލިމަޑުކަމަކީ އެއީ، ކަލެއަށް އެކަން އޮތީ ޝައްކުވެފައިކަން ވެސް އެނގޭ، އޭނާއަށް މުހިންމީ ރަސްކަމުގެ ބާރައި ޢިއްޒަތް، އެމީހުންގެ ތެރެއިން ދުށް އެންމެ ރީތި އަންހެނަކީ ތީ، އެކަމަކު ކަލޭގެ ރީތިކަމަށް ގޮންޖަހާލެވޭ ރީތިކަމެއް ކަލޭގެ ދަރިފުޅު ޚިޔާރުކުރީ... އޭނާގެ ފުށުން އަހަރެންނަށް ފައިދާއެއްނުވުމަށް ކަލޭގެ ކަލާނގެއަށް ދަންނަވަމެންނު، އެނގޭތަ!... އޭނާ މަރުވެއްޖެ... މިއަދު ކަލޭ ދިރިހުރިނަމަ މި ޚަބަރު އިވުނީމާ ކަލޭ ކަންތައްކުރާނީ ކިހިނެއްބާއޭ ހިތަށް އަރާ؟... އެ ދަރިފުޅު މަރުވީތީ އުފާކުރާނީތޯ ނޫނީ ކަލޭ އެ ދަރިފުޅާމެދު ހިތާމަކޮށް ކަރުނަ އަޅާނަންތަ؟... ޖިލައްޔާ!... މިހެން މިވީ ކީއްވެކަން އެނގޭތަ، ކަލޭމެންގެ އަހުލުންގެ ގާތަށް އޭނާ ދިއުމުން ބަލިކަށިވީ، އެހެންވެ އޭނާގެ ފުރާނަ އެ ދިޔައީ... އަހަރެންގެ ގާތުގައި ހުރިއިރު ރައުލްއާ ކުރިމަތިލާން ޖިންނީން ޖެހިލުންވޭ، ޚުދު ކަސްދިޔާގެ ޒަގަންއަށް އޭނާގެ މައްޗަށް ކުރި ލިބިފައެއްނުވޭ، އެކަމަކު މިއަދު އޭނާ އެ އައީ ކަލޭގެ ދަރިފުޅު މަރާފައި... ކަލޭގެ ބަދުދުޢާ އެ ދަރިފުޅަށް ޖެހުނީ... ކަލޭ އެދުނު ފަދައިން އަހަރެންގެ އަތުން އޭނާ ބީވެގެން ހިނގައްޖެ، ކަލޭ ދުނިޔޭގައި ހުރިނަމަ ކަލޭގެ ފުށުން ދަރިއަކު އުފަންކުރާނަންކަން ޔަގީން، ގެއްލިގެންދިޔަ ރައުލްގެ ބަދަލުގައި ދެވަނަ ރައުލްއެއް އުފަންކުރާނަން، އަދި އޭނާ ބޮޑުކުރުމުގައި އަހަރެންނަށް ހެދުނު ގޯސްތައް ރަނގަޅުކުރާނަން" ބޭރީތުގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. ޒަގަން ފޮނުވީ ބޭރީތު އަމިއްލައަށް ވިޔަސް ރައުލް ވަކިވެގެން ދިއުމުން އެކަމުގެ ސަބަބުން އަސަރުތަކެއްކުރީއެވެ. ދަރިއަކު ބޮޑުކުރުމުގައި އެ ދަރިއެއްގެ ހަޔާތުގައި އެންމެބޮޑަށް ބޭރީތުގެ ހިއްސާއެއްވި ހަމައެކަނި ދަރިއަކީ ރައުލް އެވެ. އޭނާ އުފަންވީ އެހެން ދަރީން ފަދައިންނެއްނޫނެވެ. ހާލަތު މުޅިން ތަފާތެވެ. ރައުލް އުފަންވީ ނަފުރަތުގެ ހޫނު ދާނެއްގައި މަޖުބޫރު ހިތްހަމަޖެހުމަކާއި ވޭނުގެ ރުއިމުގެ ތެރެއިންނެވެ.

"ސިއްރުތައް ހިފެހެއްޓުމުގެ ބޭނުން ކެނޑިއްޖެ، ކަލޭގެ އަހުލުންގެ ތެރޭގައިވަނިކޮށް އޭނާ އެ ދިޔައީ... ކަލޭ އެދޭކަހަލަ ޖަނާޒާއެއް އެ މީހުން އެ ދަރިފުޅަށް ޓަކައި ބާއްވާނެ، އެކަމަކު ބުނަން... ކަލޭ ފަދައިން އެ އަންހެންކުއްޖާ އަހަރެމެންގެ ތެރެއަށް ދަރިއަކު އުފަންކުރާނެ، އަހަރެންނަށް ކަލޭ ރައުލް އުފަންކުރި ފަދައިން، އޭނާ އަހަރެންގެ ޒަގަންއަށް ދަރިއަކު އުފަންކުރާނެ، ކަލޭފަދަ ބަލިކަށި އަންހެނެއްނޫންކަން އެނގޭ އީޝަލްއަކީ، ޖިލައްޔާ!... އޭނާ އަހަރެމެންގެ ތެރެއަށް އެތައް ދަރީންނެއް އުފަންކުރާނެ" ބޭރީތު ޔަގީންކަމާއެކު ބުނެލިއެވެ. އާރެއްބާރެއްނުވާ ރަނުން ހެދިފައިވާ ޖިލައްޔާގެ ސޫރައާ ބޭރީތު ވާހަކަދައްކަމުން ދިޔައީ ޖިލައްޔާގެ މައްޗަށް ހިތުގައި އޮތް ޝަކުވާތައް ނުހިފެއްޓިގެންނެވެ. އަދި ޖިލައްޔާއާ ބައެއްކަންކަމުގައި ގޮންޖަހާލަން ބޭނުންވެފައި ހުރެއެވެ. ބޭރީތުގެ އެންމެ ބޮޑު ހިތާމައަކީ އެއީއެވެ. އޭނާ ބޭނުންވި ދިރިއުޅުން ޖިލައްޔާއާއެކު ނުލިބުމެވެ. ރުޅިވެރިކަމުން މީހާ ހިސާރުވަނީ އެހެންވެއެވެ.

ދަރުބާރަށް ބޭރީތު އައިއިރު އެތަނުގައި ޒަގަން ހުއްޓެވެ. އޭނާއާއެކު ކަސްދިޔާ ވެސް ހުއްޓެވެ. ދަރިފުޅުގެ ކަންކަން ހަމަޖެހިއްޖެނަމަ ޒަރޫރީ ކަމަކު ބޭރީތުގެ ގާތަށް އައުމަށް ލާވީއަށް ގޮވާލިއެވެ. އަދި ކަސްދިޔާގެ ގާތުގައި ދަރުބާރުން ނުކުންނަން ބޭރީތު އެންގިއެވެ. ރައުލް މަރުވި ނަމަވެސް މީހެއްގެ ފަރާތުން އޭނާއަށް ދެރަބަހެއް ބުނާއަޑު އަހާކަށް ބޭރީތު ނޭދެއެވެ. ކަސްދިޔާ ހުރެއްޖެނަމަ ރައުލްއާ ގުޅުވައި ބޭރީތު ނުރުހޭފަދަ އެއްޗެކޭ ބުނާނޭކަން އެނގޭތީވެ ގަސްދުގައި ދަރުބާރުން އޭނާ ބޭރުކުރީއެވެ. އެކަމާ ވިއްދާ އެއްޗެއް ބުނަން ކަސްދިޔާ އުޅުމުން އެކަމަށް ހުރަސްއެޅީ ޒަގަންއެވެ. ދަރިފުޅުގެ ބަސް ޤަބޫލުކޮށް ބޭރީތަށް ކުރުނީސްކުރަމުން ދަރުބާރުން ކަސްދިޔާ ނުކުތެވެ. ދަރުބާރުގެ ތެރެއިން ވަދެވެން ހުރި މަޝްވަރާ ކޮޓަރިއަށް ޒަގަން ގޮވައިގެން ބޭރީތު އައިސް ވަނެވެ. އެތަނުގައި ހުރި ގޮނޑިތަކުގައި އެ މީހުން އިށީނެވެ. ޒަގަންގެ ހަށިގަނޑުން ފާޅުވާ ޒަޚަމްތަކަކީ އަމިއްލައަށް ހަށިގަނޑަށް ދީފައި ހުރި ޒަޚަމްތަކެއްކަން ބޭރީތަށް ވެސް ދެނެގަންނާކަށް ނޭނގުނެވެ. ލާވީ އެތަނަށް އަންނަންދެން ޒަގަންގެ ޒަޚަމްތަކާ ގުޅުވައި ބޭރީތު އެއްސެވެ. އެކަމުގައި ޚަކީމުންގެ ބަސް އޮޅުންފިލުވިއެވެ.

ލާވީ ވަދެގެން އައުމާއެކު އޭނާއަށް އިށީނުމަށް ބޭރީތު އިޝާރާތްކުރިއެވެ. އެއަށްފަހު ފުރަތަމަ ވެސް ބޭރީތު އަހާލީ ރާވިންގެ ހާލަކީ ކޮބައިތޯ އެވެ. ލާވީގެ ޖަވާބު އަޑުއެހުމަށް އެ ބައްދަލުވުމުގެ ހަޤީޤީ ބޭނުމަށް ސަމާލުވިއެވެ. ރައުލްއާ ކުރިމަތިލުން ހިނގިގޮތް ފެށިގެން ނިމެންދެން ކިޔައިދިނުމަށް ޒަގަންއަށް ބޭރީތު އެންގިއެވެ. އޭނާ ޒިޔަޒެލްމެންގެ ރޭވުންތެރިކަމާއި އެ މީހުންގެ އެތުރުން ތިބި ގޮތާއި ލޮނުގަނޑުގެ ތެރެއިން ފަސްގަނޑަށް އެރުމަށް ކުރިމަތި ހުރަސްތައް ކިޔާދިނެވެ. އެމީހުންގެ ތެރޭގައި އޮތް ހައިވާނެއްގެ ބާރާމެދު ޖެހިލުންވާންޖެހޭ ކަމުގެ އިންޒާރު ޒަގަން ދިނެވެ. އޭތި ގަތުލުކޮށްލައިފިނަމަ އެ މީހުންގެ ތެރެއަށް ގަދަވުމަކީ އެއްވެސް ކަމެއްނޫންކަމުގައި ބުނެލިއެވެ. ރައުލްއާ ދެ މީހުންގެ ކުރިމަތިލުން ހިނގައިދިޔަ ގޮތް ތަފްސީލުކޮށްދިނުމަށް ބޭރީތު އެދުނެވެ. ޒަގަން އޭނާގެ ބައްޕައަށް އޮޅުވާލައި ދޮގު ހަދަން ފެށީ ދެނެވެ. ދާރިއުސްއާއި ސޭމެސް ބަލިވެފައިވާއިރު ކަސްދިޔާގެ ގާތުގައި ބުނި ފަދައިން ހަތޯރުގެ ދުވަސް ހިނގައްޖެކަމުގައި ޒަގަން ބުންޏެވެ. އަދި ޒިޔަޒެލްމެންގެ ބާރު އެއްކޮށް ކެނޑިޖެކަމެވެ. ރާވިން ގެންދަން ފެށުމުން އޭނާ ހުއްޓުވަން އީޝަލް އައުމުން އިފްރީތާއި އީޝަލްއާ ދެމެދު ހިނގި ކުރިމަތިލުމުގައި އެހެން ޖިންނިތައް އަރައިގަތްކަމެވެ. އަދި އިފްރީތު އީޝަލްގެ އެއް ވަރަފަތް ބިންދާލައި އުފުރާލިކަން ބުންޏެވެ.

"ވަރަ ބިންދައިގެން ގޮސްފައި އިން ދޫންޏެއް ހިފަން ދެން އުނދަގުލެއްނުވާނެ، ދެން އޮތީ އެކަން... އޭނާ ހުންނާނީ އަޅުގަނޑާއެކު މިގަނޑުވަރުގައި، އަޅުގަނޑު ބޭނުން ވީ އެންމެ އަވަހަކަށް ކައިވެނިކުރަން" ހިނިތުންވެލަމުން ޒަގަން ބުންޏެވެ. ބޭރީތު އެކަމާ ދެކޮޅެއް ނުހެދިއެވެ. ބޭރީތު ވަޢުދުވެފައިވާ ފަދައިން އީޝަލް ގޮވައިގެން ޒަގަން އަތުވެއްޖެނަމަ އެ ދެ މީހުންގެ ކައިވެނި ގަނޑުވަރުގައި ކުލަގަދަކޮށް ކުރެވޭނޭކަމުގެ ޔަގީންކަން ޒަގަންއަށް ދިނެވެ. އެހެންނަމަވެސް އޭނާ އެދުނީ އިހަށް އަވަސް އަރުވާނުލައި ޒަޚަމްތައް ފަސޭހަވަންދެން މަޑުކުރުމަށެވެ. އެއަށްފަހު ބަޔަކާއެކު އީޝަލް ބަލާ ދާނީ ކަމުގައެވެ. އެ މީހުންގެ ބާރު ކެނޑިފައިވާނަމަ އެމީހުންގެ ތެރޭގައި ތިބި ދާރިއުސްއާއި ސޭމެސް ގެންނަން ބޭރީތު ލަފާ ދިނެވެ. އެކަމުގައި ލާވީގެ ޚިޔާލަކަށް އެދުމުން އޭނާ ވެސް އެއްބަސްވީ އެގޮތެވެ. ރައުލް ވެސް އެ މީހުންގެ ތެރޭގައި ނެތްއިރު ދާރިއުސްއާއި ސޭމެސް އެ މީހުންގެ ތެރޭގައި މަޑުކުރުމުގެ ބޭނުމެއް މިހާރު އޮތްކަމަށް ނުދެކޭކަން ލާވީ ހާމަކުރިއެވެ.

* * * * *

"އިކަރޯސް، ކަލޭތަ؟" ދަގަނޑު ދޮރު ހުޅުވިގެން ދިޔަ އަޑާއެކު އެ އަނދިރި ގޮޅީގެ ތެރޭގައި އިން މުސްކުޅިޔާ އަހާލީ މޫނު ކުރިއަށް ނެރެ ވަހެއްދުވާތީ އެ ވަސްދެނެގަންނަން މަސައްކަތް ކުރަމުންނެވެ.
"ލައްބަ، ފެންތަށްޓެއް ހިފައިގެން" އިކަރޯސް ޖަވާބު ދިނެވެ.

"ކޮއެފުޅާ، ކަލޭގެ ހެޔޮކަމުގައި ﷲ ބަރަކާތްލައްވާނެ، ކަލޭގެ ބިރުކުޑަކަން، ބޭރީތުގެ ސިފައިންނަށް ކަލޭގެ ޢަމަލުތައް ފެނިއްޖެނަމަ މިތަނުގައި ގައިދުކުރުމުގެ ކުރީން ކަލޭ ގަތުލުކުރާނޭކަން ނޭނގޭތަ" އެ މުސްކުޅިޔާ ބުނެލިއެވެ.

"މިތަނަށް އަހަރެންނޫނީ އަންނާނޭ މީހަކުނެތް، މީ މަރުގެ ހުރަގެއެއް... އަހަރެން މިތަނުގެ ދަށުގައި މަސައްކަތްކުރާއިރު މިތަނުގެ ޤައިދީން ރޯއަޑު އިވިއިވި ހުރޭ... ޚާއްޞަކޮށް ކަލޭ ކިޔާ ލަވަ އަހަރެން މިތަނަށް އަންނަން މަޖުބޫރުކުރީ، ކަލޭގެ އެ ލަވައިން މިތަނުގައިވީ ޤައިދީންގެ ރޯއަޑުތައް ކެނޑިއްޖެ، ކަލޭގެ ވާހަކަތަކަށް އުފެދުނު ޝައުގު ބޮޑުވެ އެކަމަށް ހިތްޖެހިއްޖެ" އިކަރޯސް ބުންޏެވެ.

"އޭނާ އަތުވެއްޖޭ އަހަރެންގެ ހިތްބުނޭ، އިކަރޯސް... އަހަރެންގެ ގާތަށް މިއަދު ގޮތްނޭނގޭ ޖިންނިއަކު އަތުވެއްޖެ، ބޭރީތުގެ ޖައްބާރު ދަރި މިތަނަށް ވަދެފައި ދިޔަފަހުން، ކޮއިފުޅާ... ދޭބަލަ... ކަލޭގެ ލޮލުން އަހަރެންނަށް ޔަގީންކޮށްދީބަލަ، މި ހުރަގެއަށް އެކުއްޖާފުޅު ގެނެވިއްޖެތޯ ބަލާބަލަ، ނޫނީ އަހަރެންގެ މަރު ގާތްވެއްޖެހެން ހީވޭ... މިކުރެވޭ އިހްސާސަކީ މަރުގެ ސަކަރާތަކީ ކަންނޭނގެ" މުސްކުޅިޔާގެ ބުރިވެފައިވާ ދެ އަތް ކުރިއަށް ނެރެލަމުން ބުނެލިއެވެ.

"ޒޮރައިދާ!... މިތަނުގައި ތިޔަފަދަ ކަމެއްނެތް؟ ކަނބުރުގެއަކީ އަހަރެންގެ ގެ... އެތަނުން ނުކުތުމަކީ އަހަރެން ކުރާކަމެއްނޫން، އަހަރެންގެ ބައްޕަ ބުނާގޮތުން ގަނޑުވަރުގެ ކަނބުރުންނަށް ހުއްދަލިބިގެނެއްނުވޭ މިނިވަންކަމާއެކު ނުކުމެ އުޅުމަކަށް، އަހަރެން ބޮޑުވެ ޒުވާނަކަށްވީއިރު އެންމެ ގިނައިން އަހަރެން އަޑުއެހީ ކަލޭގެ އަޑު، ކޮންމެ ދުވަހަކު އެތައް ފަހަރަކު ތަކުރާރުކޮށް ކަލޭ އެއްލަވައެއް ތިކިޔަނީ، މިތަނަށް ސިއްރުން ވަންނަން ހިތްވަރު ލިބުނީ އެހެންވެ، ކަލޭގެ ތި ލަވައިގެ ހަޤީޤަތް ކިޔައިނުދޭންވީ ސަބަބެއް އަހަރެންނަކަށް ނުވިސްނުނު، ކަލޭގެ އަހުލުންނާއި ކަލޭގެ ދީން އަހަރެންނަށް އޮޅުން ފިލުވައިދީފީމު، އެކަމަކު އެ މީހުންގެ ތެރެއަށް ގޮސް އެ މީހުންގެ ދިރިއުޅުން އަމިއްލަ ލޮލުން ދުށުމަށް މިވަނީ ކެތްތެރިކަން ކުޑަވެފައި" މުސްކުޅިޔާ އިން ގޮޅީގެ ދޮރުކަނީގައި ލެނގިލައިގެން ހުރެ އިކަރޯސް ވާހަކަދެއްކިއެވެ. އޭނާއަކީ ގަނޑުވަރުގެ އެންމެ އަޑީގައި ހުރި ކަނބުރު ގޭގައި މަސައްކަތް ކުރާ ޒުވާން ޖިންނިއެކެވެ. އޭނާ އުފަންވީ އެ މީހުންގެ ތެރެއަކަށްނޫނެވެ. އެހެންނަމަވެސް އޭނާ އެތަނަށް ގެނައީ ގަނޑުވަރުގައި ހުރި އެންމެ ކުޅަދާނަ ކަނބުރެވެ. ހަތިޔާރު ހެދުމަށް މަޢުދަން ހޯދުމުގައި އުޅުނު އުޅުމުގެ ތެރެއިން އާދަޔާ ޚިލާފު ޔަތީމު ކުއްޖަކު ފެނި އޭނާގެ ހިތަށް ރަހުމުވަދެ ބޭރީތުގެ ހުއްދައާއެކު ގަނޑުވަރަށް ގެނެސް އެ ކަނބުރުގެ ބެލުމުގެ ދަށުގައި ހުރެ ބޮޑުވީއެވެ. އޭނާއަކީ އުޅޭ ޖިންނިއެއްކަމެއް ވެސް ދެން އުޅޭ ޖިންނީންނަށް ނޭނގެއެވެ. އޭނާ ބޮޑުވަމުން އައިއިރު ހަމައެކަނި އިވޭ އަޑަކީ މަތީގައި ހުރި ހުރަގެއިން އިވޭ ޤައިދީންގެ އަޑުތަކެވެ.

"އިކަރޯސް، ކަލޭ ނިކަން ގޮސް ބަލާބަލަ... މިތާ ތެރޭގައި އިހު ނެތް ކުށްވެރިއަކު ވޭތޯ" ޒޮރައިދާ އާދޭހުގެ ރާގުގައި އެދުނެވެ. އެއާއެކު އިކަރޯސް އެކަމާ އެއްބަސްވެ ހިނގައިގަތެވެ. އޭނާގެ ހިތުގައި އެތަނުގައި ދެން ތިބި އެއްވެސް ޤައިދީއަކަށް ހަމްދަރުދީގެ ކަންފުޅެއް ވެސް ނުވެއެވެ.

(ނުނިމޭ)