(3 ޖޫން 2019 އާ ގުޅޭ)
ކައިވެނި ކުރުމަށް އެންމެ ދެދުވަހަށް ވެފައިވަނިކޮށް މަންހާ ވިޝާލްއަށް ގުޅިއެވެ. ބައްދަލު ކުރުމަށް އެދުނެވެ. ގިނަ ބަހަނާތަކެއް ދެއްކުމަށްފަހުވެސް އެއްބަސްވީ މަންހާ ކުރި އާދޭހުންނެވެ.
"ވިޝާލް، ޕްލީޒް ތިހެން ނުހަދާ، އަހަރެންގެ ކައިވެނި ކުރެވޭވަގުތު އަހަރެންގެ ގާތުގައި ވިޝާލް ހުރުމަށް އަހަރެން ބޭނުން، އަހަރުމެން ދެމީހުންނަށް ކުރީގަ އުޅުނު ގޮތަށް ދެރަޙުމަތްތެރިންނަށް ނުވެވޭނެތަ؟" މަންހާ އަހާލިއެވެ. އޭނަ އިނީ ވިޝާލް އާއިއެކު އޭނަގެ ކާރުގެ ތެރޭގައެވެ.
"އަހަންނަށް މަންހާ އާއި ދޭތެރޭ ފީލްވާގޮތެއް ބަދަލެއް ނުކުރެވޭނެ..........އަހަރެން އަދިވެސް މަންހާދެކެ ލޯބިވޭ، މަންހާގެ އުފަލަކަށް އަހަރެން ހުރައެއް ނާޅާނަން..........ތިދެމެދަށް އަހަރެން ވަންނާކަށް ބޭނުމެއްނޫން، ރަޙުމަތްތެރިކަމުގެ ނަން ދެވުނަސް މިހިތްދެކޭނީ އެހެންގޮތަކަށް" ވިޝާލް ކުރިމަތިން ފެންނަން އޮތް ހަލަބޮލި މަގަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ.
"ވިޝާލްގެ ހިތުގަވަނީ ކީކޭކަންވެސް އެނގޭ، އަހަރެންގެ އަމިއްލަ އެދުން ކުރިއަށް ނެރެވުނީ..........ވިޝާލްގެ އެކުވެރިކަން އަހަރެންގެ ހިތަށް ހަމަޖެހުން ގެނެސްދިން، އަހަރެންގެ އެކަނިވެރިކަން ފިލި، މިއަދު ދެރަވަނީ އެއެކުވެރިޔާ ގެއްލެންއުޅޭތީ، އަހަރެންގެ ހަޔާތުގައި އަންނަ އެންމެ އުފާވެރި ދުވަހު ކައިރީގައި ހުންނާނެ ނަމައޭ ހިތަށްއެރީ..........ވިޝާލް އަހަރެންދެކެ ހިތްހަމަ ނުޖެހިފަ ނުހުންނައްޗޭ؟ އަހަންނަށް މާފުކުރާނަންތަ؟" މަންހާ އިނީ ވަރަށް ދެރަވެފައެވެ.
"މަންހާއަށް އަހަރެން އެހާ ހާއްޞަތަ، މާފަށް އެދޭވަރުގެ ކަމެއް ކުރީ އަހަރެން، ދެން މަންހާ މާފަށް ތިއެދެނީ ކޮންކަމަކާ" ވިޝާލް މަންހާއަށް ބަލާލިއެވެ.
"އަހަންނަށް ވިޝާލްދެކެ ލޯބި ނުވެވުނީމަ، އެކަމަކު އަހަރެންގެ ހިތުގެމައްޗަށް އަހަންނަށް ބާރެއްނުފޯރުވޭ، އެހިތް ހިޔާރުކުރީ ދާއިން............އެހެންވިޔަސް ވިޝާލްގެ އެކުވެރިކަން އަހަރެން ބޭނުން، ތިވެސް އަހަރެންގެ ހަޔާތަށް އައި ވަރަށް ޙާއްޞަ މީހެއް.........އަހަރެންދެކެ ލޯބިވި ފުރަތަމަ ފަރާތް........." މަންހާ އިސްޖަހާލަމުން ބުނެލިއެވެ.
މަންހާ ގެނެސް ގެއަށް ލާދިން އިރުވެސް ވިޝާލް އެއްވެސް އެއްޗެއް ނުބުނެއެވެ. މަންހާ ކާރުން ފައިބާ ގެއަށްވަނުމުން ކާރު ދުއްވާލީއެވެ. މަންހާއަށް ވިޝާލް ގެއްލުނުކަމުގެ އިޙްސާސް ކުރެވުނެވެ. ދެރަވިއެއްކަމަކު އެކަމުގައި ދެން ކުރެވޭނެކަމެއް ނެތްކަން އެނގުނެވެ.
މަންހާގެ ކައިވެނިވީ އާއަހަރުގެ ކައިވެންޏަކަށެވެ. ދާއިންގެ ކައިވެންޏަށް އޭނަގެ ގިނަ ވާހަކަތައް ހިއްސާކުރަމުން އަންނަ ދޮންބެ އާއި އޭނަގެ އަންހެނުންނާއި ދަރިފުޅު މާލެ އައެވެ. އެމީހުންގެ ފަރާތުންވެސް ދާއިންއަށް ހޫނު މަރުޙަބާއެއް ކިޔެވެ. ދާއިން ޒާރާގެ ބޮޑުދައިތަ ފަހީމާއަށާއި ދައްތަ ފަލަކްއަށް އެކައިވެނީގެ ވާހަކައެންގިއެވެ. ދެރަވެފައިހުރެވެސް ފަހީމާ ދާއިންގެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަން ފާހަގަކުރިއެވެ. އަދި އުފަންދަރިއަކު ފަދައިން ލޯބިވާ ޒާރާ އާއިމެދު ހަމްދަރުދީފާޅުކުރިއެވެ. އެއާއި ހިލާފަށް ފަލަކް ދެކޮޅުހެދިއެވެ. އެކަމާ އެއްވެސް ފަރުވާލެއް ދާއިން ނުބެހެއްޓިއެވެ. އޭނައަށް މުހިއްމީ ފަހީމާގެ ހިޔާލު ހުރިގޮތެއް އެނގުމެވެ.
"ފަހަރިކޮއްކޮގެ ފޮޓޮއެއްހާ ހިސާބުވެސް ނެއްތަ، ކައިވެނި ކުރާ ވަގުތުނޫނީ ނުފެންނާނެތަ؟ ކޮންއިރަކުންތަ އެމީހުން މިގެއަށް އަންނާނީ، މިހާރު އެއޮތްގެން ހަތެއްޖަހަނީ" ދާއިންގެ ކޮޓަރީގައި އޭނަގެ އެނދުގައި އިށީނދެލައިގެން އިން މާކިން އަހާލިއެވެ. އޭނަ ވަނީ މަންހާ ބަލާލާހިތުން ކެތްމަދުވެފައެވެ.
"އަހަންނަށްވުރެ ދޮންބެގެ ހާލު މާބޮޑުކަންނޭގެ ދޯ، އެކަމަކު އަހަރެންގެ ކައިވެންޏޭ މިއުޅެނީ ކުރެވެން.........ދޮންބެއަށް އެނގޭތަ، ދެވަނަ ކައިވެނި ކުރަން އުޅުނަސް އަހަރެން ވަރަށް ނާވަސްވޭ، ކީއްވެކަމެއްނޭގެ ވަރަށް ހާސްވާކަހަލަ ގޮތްތަކެއްވަނީ........" ލޯގަނޑު ކުރިމަތީ ހުރެ ދާއިން އޭނަގެ ގަމީހުގެ އަތްކުރި އޮޅާލަމުން ބުނެލިއެވެ.
"އެހެންވާނެ، އިންނަންވެސް ތިއުޅެނީ ޅަކުއްޖަކާވިއްޔަ، އަނެއްކާވެސް ހިތް ޒުވާންވީ ދޯ" މާކިން އޭނަގެ އެއްބަނޑު އެއްބަފާ ކޮއްކޮއާއި ދިމާކޮއްލިއެވެ.
"ހެ ހެ ހެ ހެ ހެ..........ތިއެއްނޭގެ، ދޮންބެއަށްވެސް މަންހާ ކަމުދާނެކަން ޔަގީން، ޝީޒް ސްޕެޝަލް" ހެމުން ހެމުން ދާއިން މާކިންއަށް ބަލާލާފައި ބުނެލިއެވެ.
"މިހާރު އެއީ އޭންޖަލްކަން އެނގިއްޖެތަ؟" މާކިން އަހާލިއެވެ.
"ނޭގެ، ޔަގީންކޮށް ބުނާކަށް ނޭގޭ، މަންހާގެ އާއިލާގެ ކޯޅުން ގަނޑާހެދި އަހަރެން ޕޯސްޓު ބޮކްސް ބަލާލަންވެސް ހަނދާނެއްނެތް........މިހާރު ޔަގީން ބައިވަރު ސިޓީތައް ހުންނާނެކަން" ދާއިން ހިނިއައިސްފައި ބުނެލިއެވެ.
"ކޮންއިރަކުން ކޭކު ފަޅާނީ" ކުއްލިއަކަށް ކޮޓަރިއަށްވަތް ޒާރާ ދާއިންގެ ގާތުގައި އަހާލިއެވެ.
"ޕާޓީއަށް ހުރިހާ ކުދިން އައިމައެއްނު..........ކޮބާ މަންމަ، ހުރިހާ ކަމެއް ތައްޔާރުވެއްޖެތަ؟" ދާއިން އަހާލިއެވެ. ޒާރާއަށް ހީވެފައިވަނީ ގޭގައި އުފަންދުވަހުގެ ޕާޓީއެއް ބާއްވަން އުޅެނީ ކަމުގައެވެ. ގޭގެ ޓެރެސް ޒީނަތްތެރި ކުރެވިފައިވަނީ އެހެންވެ ކަމުގައެވެ.
"ޒާރާގެ ފުރެންޑު އަންނާނެތަ" ޒާރާ ތުއިގޮތަކަށް އަހާލިއެވެ.
"ޒާގެ ފުރެންޑަކީ ކާކުތަ؟" ޒާރާގެ ހަރަކާތްތަކަށް ބަލަން އިން މާކިން ސުވާލުކޮއްލިއެވެ.
"ދާންގެ އޮފީސް ފުރެންޑެއް، އެކަމަކު މިހާރު އެއީ ޒާގެ ފުރެންޑެއް............ދޮންބެއަށް އެނގޭތަ........ވަރަށް ރީތި ފުރެންޑެއް އެއީ.............ޒާމިހާރު ހަނދާނެއްނެތް އެފުރެންޑަށް ކިޔާނަމެއް، ދާން ބުނެބަލަ ދޮންބެ ކައިރީ...........ވަރަށް ރީތި ހެނދުން ލާނެ....." ޒާރާ މަންހާގެ ވާހަކަ މާކިންއަށް ކިޔައިދިނެވެ.
"މަންހާތަ؟" ދާއިން ނޭގޭކަމަށް ހަދާލަމުން ބުނެލިއެވެ.
"އާން..........މަންހާ ކިޔަނީ ޒާގެ ފުރެންޑަށް..........މަންހާގެ ބާތުޑޭ ކާކުފެޅުން އޮތީ މިގޭގަ، ދާން ބުނީ ދެން ދުވަހަކުވެސް މަންހާ ނުދާނެއޯ، މިގޭގަ ޒާ އާއިއެކު ދެން މަންހާވެސް އުޅޭނީ..........ދޯ ދާން" ޒާރާ ގެ ޅަހިޔާލުތަކުގެ މައްޗަށް ވާހަކަދެއްކިއެވެ.
"ޒާ، ދެންދޭ އަވަހަށް މަންމަ ކައިރިއަށް، މިރޭ ވަރަށް ބަސްއަހަންވާނެ އިނގޭ" ދާއިން އަނެއްކާވެސް ހަނދާންކޮއްދިނެވެ.
މަންހާގެ ވަށައިގެން އެކިމީހުން އުޅެމުންދިޔައީ އޭނަގެ ހިދުމަތުގައެވެ. ތައްޔާރުވެ ނިމިގެން ގޭން ނުކުންނަން ހިނގައިގަތްވަގުތު އޭނަގެ ކުރިމައްޗަށް އައިސް ހުއްޓުނީ ވިޝާލްއެވެ. އަތްދިއްކޮލަމުން އޭނައާއިއެކު ހިނގާށޭ ބުނާފަދަ ގޮތަކަށް އިޝާރާތްކޮއްލިއެވެ. މަންހާގެ ހާސްވެފައިވާ ހިތަށް ކުޑަނަމަވެސް ފިނިކަމެއް އިޙްސާސްކުރެވުނެވެ.
"ލެޓް މީ..........ޔޫ އަރ ބިއުޓިފުލް، ނޯވޯޑްސް ކެން ޑިސްކްރައިބް ޔޫ ޓުނައިޓް..........ދުނިޔޭގައިވި އެންމެ ރީތި އަންހެނުންތަކުގެ ތެރޭ މަންހާވާނެކަން ޔަގީން..........." ވިޝާލްގެ ދުލުން ތައުރީފުގެ ބަސްތައް ހިފެހެއްޓުމެއްނެތި އޮހިގަތެވެ. މަންހާގެ ލަދުވެތިކަމަށްވުރެ ދެލޮލަށް ކަރުނަ ޖަމާވާންފެށީ ލިބުނު ބޮޑު އުފަލުންނެވެ. ވިޝާލްގެ އަތުގައި މަޑުމަޑުން ޖަހާލީ ދެން ހެވޭ ބުނާފަދައަކުންނެވެ.
މަންހާ އާއި އޭނަގެ އާއިލާ ދާއިން މެންގެއަށް އައެވެ. ނަމަވެސް ވަސީމާއެއް އެތަނަކުން ނުފެނުނެވެ. ކައިވެނީގެ ހެދުމުގައި މަންހާހުރިއިރު އޭނަ އެދަރިފުޅު ބަލާލަން އެއްފަހަރުވެސް ނުނިކުމެއެވެ. ސަޢީދުގެ އެތަށް އާދޭހަކަށް ދިނީ ފުރަގަހެވެ. ވަސީމާއަށް ރޮވުނީ ރުޅި ގަދަވެގެންކަމެއް، ލޯބިވާ އަންހެން ދަރިފުޅު ވަކިވެގެން ދާތީކަމެއް ނޭގެއެވެ. ކޮޓަރީގައި ދެއަތްތިލާގެ ތެރޭ މޫނު ފޮރުވާލައިގެން އިނދެ އޭނައަށް ރޮވެނީއެވެ.
ޓެރެސްގެ މެދުގައި ހުރި މޭޒުގެ ވަށައިގެން ކައިވެނި ކޮއްދޭން އައިސްތިބި މީހުންނާއިއެކު ދާއިން އާއި މަންހާ އިނެވެ. ވަލީވެރިޔާ އާއި ހެކިވެރިންވެސް ތިއްބެވެ. ޤާޟީގެ ނަސީޙަތުގެ ބަސްކޮޅަށްފަހު މަންހާ އާއި ދާއިންގެ ކައިވެނި ކުރުމުގެ ވަލީއަށް އެދުމާއިއެކު ސަޢީދު ވަލީދީފިއެވެ. ދެން އައީ އެތަކެއް އަހަރުތަކެއްވަންދެން މަންހާ އިންތިޒާރުކުރި ވަގުތުކޮޅެކެވެ. ޤާޟީ ދާއިންގެ ގާތުން އަނބިގަބޫލު ކުރުމަށް އެދުނުހިނދު މަންހާގެ ހިތްނުހުއްޓުނީ ކިރިޔާއެވެ. ހެނދުމުގައި ބާރަށް ހިފަހައްޓާލައިގެން އިނދެވުނެވެ.
"އަނބިގަބޫލު ކޮއްފިން" ދާއިން ޤާޟީ އަށާއި މަންހާއަށް ބަލާލަމުން ބުނެލިއެވެ. ދެލޯ މަރާލަމުން އެތެރެއަށް ހިފަހައްޓާލައިގެން އިން ނޭވާ މަންހާއަށް ދޫކޮއްލެވުނެވެ. އޭނައަށް ލިބުނު ހިތްހަމަ ޖެހުމާ އުފާވެރިކަން ބަޔާންކުރުމަކީވެސް ވާނެކަމެއްނޫނެވެ.
ދާއިން ތެދުވުމާއިއެކު މަންހާވެސް އޭނަ އާއިއެކު ތެދުވިއެވެ. ޤާޟީ އާއި ދެންތިބި މީހުންނާއި ދާއިން ސަލާމްކުރިއެވެ. އަދި ކެއުންތައްޔާރު ކުރެވިފައިވާ މޭޒުގެ ކައިރިއަށް ދައުވަތުއަރުވަމުން އެމީހުންނާއިއެކު ހިނގައިގަތެވެ. މަންހާ ކުޑަކޮށް ފަހަތަށް ޖެހިލުމާއިއެކު އަލީޝާ އާއި އަމާނީ އަވަސް އަވަހަށް އައިސް އޭނަގެ ދެއަތުގައި ދެފަރާތުން ހިފާލިއެވެ. އެދެއެކުވެރިން އައިއިރު ޝިފްނާއަށް އާދެވޭގޮތެއް ނުވިއެވެ. އަލީޝާ ގުޅިޔަސް ޝިފްނާގެ ފޯނު އޮންނަނީ ނިއްވާލާފައިކަމުގައި ބުނެއެވެ. ޖެނީ އާއި ޖޫންވެސް މަރުޚަބާ ކިޔަން އަވަސްވެގަތެވެ. މޫމިނާ އާއި ޒާރާގެ އިތުރުން އަފްޝީން އާއި އޭނަގެ ދަރިފުޅު ހިނިއައިސްފައި މަންހާއަށް ބަލަހައްޓައިގެން ތިއްބެވެ. ނަމަވެސް ޒާރާއަކަށް މާގިނައިރަކު މަންހާގެ ގާތަށް ނައިހެއް ނުހުރެވުނެވެ.
"ތެދެއް މަންހާ ދެން އުޅޭނީ މިގޭގަތަ؟" މަންހާ އޭނަގެ ގާތް މީހުންގެތެރޭގައި ލަދުވެތިކަމާއިއެކު ހުއްޓައި ޒާރާ އައިސް ހުއްޓިލަމުން އަހާލިއެވެ.
"ކިހިނެއްވީ، ޒާރާގެ އެއްވެސް މައްސަލައެއް އެބައޮތްތައް؟" މަންހާ ހިނިތުންވެލަމުން ޒާރާގެ އަތުގައި ހިފާލާފައި ބުނެލިއެވެ. ޖެނީ އާއި ޖޫންގެ ލޮލުން ފެނިގެންދިޔަ ހައިރާންކަން މަންހާއަށް ފާހަގަވިއެވެ.
"ޒާ ބޭނުންވަނީ މަންހާ މިގޭގަ އުޅެން، ދެން ނުދައްޗޭ އެނގޭ......." މަންހާ އޭނަގެ އަތުގައި ހިފާލައިގެން ހުރިއިރު ދެފަރާތަށް އަތްތަޅުވަމުން ބުނެލިއެވެ.
"ޒާރާ....ޒާރާ......." މޫމިނާގެ އަޑުއިވިގެންދިޔައެވެ.
"މަންމަ ކައިރިއަށް މިދަނީ، ދާންބުނީ މިރޭ މީ މަންހާގެ ސްޕެޝަލް ހެޕީބާތްޑޭއެކޭ، އެހެންވެ ޒާ މިހިރީ ބަސްއަހައިގެން އެނގޭ...." ޒާރާ ދާން ހިނގައިގަންނަމުން ބުނެލިއެވެ. އަދި ހިނިތުންވެލީ އަނގައިގާވާ ދަތްތައްވެސް ފެންނަވަރަށެވެ.
"އެއީތަ ދާއިންގެ ވައިފްއަކީ......" ޖޫންއަށް އަހާލެވުނެވެ. މަންހާ އާއެކޭ ބުނުމުން އެތަށްސުވާލެއް ކުރިމަތިވިއެވެ. މަންހާ ވަކިޖަވާބެއް ނުދެވިގެން އުޅެނިކޮށް ޒާރާގެ ހާލަތު އަލީޝާ ކިޔާދިނެވެ.
"އެހެންވެ ދޯ ދާއިން ދެވަނަ ކައިވެންޏެއް ކުރަން ބޭނުންވަނީ" ޖޫންއަށް ބުނެލެވުނެވެ.
"އޯ......ހާދަ ދެރައޭ......." ޖެނީ ޒާރާއަށް ބަލަން ހުރެ ބުނެލިއެވެ.
ކައިވެނި ކޮއްދޭން އައި މީހުން އެނބުރި ދިއުމުން ދާއިން މަޑުކޮއްލައިގެން ހުރީ ސަޢީދުމެންގެ ގާތުގައެވެ. އެވަގުތު މަންހާއަށް ހައިރާންކަން ވެރިވެގެންދިޔައީ ޓެރެސްއަށް އަރައިގެން އައި ކާއިލް ފެނުމުންނެވެ. ލާނެތް ހިނިތުންވުމެއް އޭނަގެ ތުންފަތަށްވެރިވެފައިވެއެވެ. އަދި އަތުގައި ރީތިބޮޑު ގުލްދަސްތާއެއް އޮތެވެ.
"މަރުޚަބާ......." ކާއިލް އައިސް މަންހާގެ ކުރިމަތީ ހުއްޓެމުން ބުނެލިއެވެ.
"ތެންކިއު.........." މަންހާ ހިނިއައިސްފައި ބުނެލިއެވެ. އެކައިވެނި ހަފްލާގައި ކާއިލް ފެނިދާނެކަމަށް ހީނުކުރެވުނީއެވެ. ކާއިލް ހިނގައިގަތީ އެއްދިމާލެއްގައި އެއްވެފައިތިބި ފިރިހެންވެރިންގެ ވާހަކައިގައި ބައިވެރިވެ ދާއިން އާއި ވާހަކަ ދައްކާލުމަށެވެ. ކައިވެނި ފެށުނީއްސުރެ ދާއިން އާއިއެކު އުޅުނު ޒައުލް އޭނަ އާއި ވަކިނުވެއެވެ. ކާއިލް އާއި ދެމީހުން ބައްދަލުވުމުން ހަދާގޮތެއް ބަލަން މަންހާ ހުއްޓެވެ. އަލީޝާއަށް ކާއިލް ވަރަށް ކަމުދިޔަކަން އެނގުނީ އޭނަ ކާއިލްގެ ވަނަވަރު އަހަންފެށުމުންނެވެ.
ދެއާއިލާގެ މެންބަރުން އެކަކު އަނެކަކަށް ތަޢާރަފްކޮއްދެމުން ދާއިން ދިޔައެވެ. މޫމިނާ އޭނަގެ ތިންވަނަ ޅީދަރިފުޅަށް މަރުޙަބާ ކިޔެވެ. އަދި އޭނަގެ ފަރާތުން މަންހާއަށް ހަދިޔާއެއް ދިނެވެ. މާކިން އާއި އަފްޝީންވެސް މަންހާއަށް މަރުޙަބާކިޔެވެ. ދެއާއިލާގެ މެދުގައި އެކިއެކިވާހަކަތައް ދެކެވެމުންދިޔައެވެ. އެމީހުންގެ ތެރެއިން މަންހާ ވަގުތުކޮޅެއް ހޯދީ އެންމެނާ އެކަހެރިކޮށް ކޯކުތައްޓެއް ހިފައިގެން ހުރި ވިޝާލްގެ ކައިރިއަށް ދިއުމަށެވެ.
"ކިހިނެއްވެފަ ތިހުރީ" މަންހާ ވިޝާލްގެ ފުރަގަހުން އޭނަގެ ކޮނޑުގައި އަތްޖައްސާލަމުން އަހާލިއެވެ.
"ކަމެއްނުވޭ.........ދެން ހަމަ ހުރީ......." ވިޝާލް މަންހާއަށް ބަލާލަމުން ބުނެލިއެވެ.
އެންމެނަށްވެސް ވަނީ މަންހާގެ މަންމަގެ ވާހަކައަޑުއިވިފައެވެ. އެހެންވެ ވަސީމާ ކޮބާތޯ އެކަކުވެސް ސުވާލެއް ނުކުރެއެވެ. ސަޢީދުގެ ދެލޯވަނީ ފެންކަޅިވެފައެވެ. ލޯބިވާ އަންހެން ދަރިފުޅު އެހެންބައެއްގެ އަތްމައްޗަށް ދޫކޮއްލަން ޖެހުމުންނެވެ. މޫމިނާގެ އަމިއްލަ ދަރިއެއްފަދައިން މަންހާދެކެ ލޯބިވާނަން ކަމުގައި ސަޢީދު ގާތު ބުނަމުންދިޔައެވެ. ދާއިން އާއި ޒައުލް އަމިއްލަ ވާހަކައެއްގައި ހުރިއިރުވެސް ދާއިންގެ ނަޒަރުވަނީ މަންހާއަށް ހުއްޓިފައެވެ. އަނބިގަބޫލުކޮއްފީމޭ ބުނިފަހުން އަދި ދެމީހުން އެކުގައިވާނެ ވަގުތުކޮޅެއް ނުލިބެއެވެ. ހުދުކުލައިގެ ދިގުދިގު އެހެނދުމުގައި މަންހާ ހުރިއިރު އަދިވަކިން ދިގުހެން ހީވެއެވެ. އެމޫނަށް ދޭތެރެ ދޭތެރެއިން ހިނިތުންވުން ވެރިވެގެންދާތަން ދާއިންއަށް ފެނުނެވެ. އެންމެނާއި ބައްދަލު ވިއިރުވެސް މަންހާ އާއިއެކު ހުރި ޒުވާނާ އާއި ބައްދަލުވާގޮތެއް ނުވެއެވެ. އެހެންނަމަވެސް އޭނަ އެޒުވާނާ މީގެ ކުރިން ދެކެފައިވެއެވެ.
"ހޫން ސާބަހޭ ދާއިން، މިހާރުއްސުރެ ކުރާނެކަންތައްތައް ރާވާލަނީ ދޯ......" ޒައުލްއަށް ދާއިންގެ ނަޒަރު ހުއްޓިފައިވާ ދިމާ ފެނުމުން ބުނެލިއެވެ.
"ހެ ހެ ހެ......" ދާއިން ހީލިއެވެ. އަދި އިސްޖަހާލަމުން ޒައުލް ބުނި އެއްޗަކާއިމެދު ވިސްނާލެވުނެވެ.
ރޭގަނޑު ދިހައެއް ޖަހަންވިއިރު މަންހާގެ އާއިލާ އޭނަ އާއި ވަދާޢުގެ ސަލާމް ކުރަމުންދިޔައެވެ. މަންހާއަށް ޖެނީ އާއި ޝަރަފްގެ ގުޅުން ފެނިގެންދިޔައެވެ. އެކަމާ އުފާކުރިއެވެ. ކޮންމެ މީހެއްގެ ފަރާތުން ލޯތްބާއި ނަސޭހަތުގެ ބަސްތައް އަޑުއިވެމުންދިޔައެވެ. ވިޝާލް މަންހާގެ ދެއަތްތިލާގައި ހިފާބާރުކޮއްލިއެވެ.
"ޝީޒް މައި އެވްރީތިންގް، އިފް ޔޫ މޭކް ހަރ ކްރައި އައިލް ކިލް ޔޫ........." މަންހާގެ އަތުގައި ހިފަހައްޓާލައިގެން ހުރި ވިޝާލް ކައިރީގައި ހުރި ދާއިންއަށް ބަލާލަމުން ބުނެލިއެވެ. އަދި ދާއިންއަށް މަންހާގެ ދެއަތްތިލަ އުފުލާލަމުން ދިއްކޮއްލިއެވެ.
"ހެ ހެ ހެ ހެ ހެ.......ވިޝާލް........ހީޒް މައި ބެސްޓް ފްރެންޑް" މަންހާ ހިނިއައިސްފައި ދާއިންއަށް ބަލާލިއެވެ. އެދެލޮލުގައިވި ވިދުން ވިޝާލްއަށް ފާހަގަ ކުރެވުނެވެ. ހަމައެފަދައިން ދާއިންއަށްވެސް އެކަން ފާހަގަ ކުރެވުނެވެ. ދާއިން މަންހާ އޭނަ އާއި ކައިރިކޮއްލަމުން މަންހާގެ އުނަގަނޑުގައި ހިފާލިއެވެ.
"އައި ވޯންޓް މޭކް ހަރ ކްރައި........އިޓްސް އަ ޕްރޮމިސް.......ވިޝާލް، އިޓްސް ނައިސް ޓު މީޓް ޔޫ ފައިނަލީ...." ދާއިން ހިނިތުންވެލަމުން ވިޝާލްއާއި ސަލާމްކޮއްލިއެވެ. އެންމެން އެކުގައި ޓެރެސްއިން ފައިބަން ހިނގައިގަތެވެ. މަންހާގެ ދިރިއުޅުމުގައި ޚާއްޞަ ހުރިހާ އެންމެނާއި ދާއިން އާއި ބައްދަލުވެވިއްޖެއެވެ. އެކުޑަކުޑަ ޕާޓީ ނިމުނުއިރު އަލީޝާ އާއި އަމާނީ ސިޑިން ފައިބައިގެން ތިރިއަށް ދިޔައީ ކާއިލް އާއި އެކުއެވެ. އެތަންފެނި މަންހާގެ ކައިރިއަށް ހިނިއައެވެ. މަންހާ އާއި ދާއިން ފައިބަމުން ދިޔައީ އެންމެންގެ ފަހަތުންނެވެ. އެހެންނަމަވެސް އެމީހުންގެ ފަހަތުން އައި ޒައުލްގެ ކަމަކަށްވީ މަންހާ އާއި ދިމާކުރުމެވެ. ދޭތެރެއަކުން ދާއިން ޒައުލް އާއި ދިމާލަށް ފަހަތަށް އަތްހޫރާލައެވެ.
މަންހާގެ އާއިލާ އާއިވަކިވުމުގެ ސަލާމްކުރުމަށްފަހު އޭނަ ލިފްޓަށްއެރިއެވެ. ދާއިން އާއިއެކުއެވެ. ފުރަތަމަ ފަހަރަށް އެރޭ އެދެމީހުން އެކަނިވުމާއިއެކު މަންހާގެ ހިތަށް ބުނެދޭންނޭގެ ގޮތްތަކެއް ވެގެންދިޔައެވެ. ދާއިންގެ ޢަމަލްތައް ހުންނާނެގޮތެއް ނޭގޭތީ އޭނަހުރީ ޖެހިލުންވެފައެވެ. ޒައުލްގެ ވާހަކަތަށް ހިތަށް އެރުމުން ލަދުގަންނަގޮތްވިއެވެ. ދާއިންގެ ހަރަކާތްތައް ހުންނާނީ އެގޮތަށް ބާއޭ ހިތަށްއެރިއެވެ. ރަކި ހިނިތުންވުމެއް ވެރިވީ އަމިއްލަ ސިކުނޑިވެސް ކުރާ ލާނެތް ސަމަސާތަކުންނެވެ. ލިފްޓު ހުޅުވެގެން ދިއުމާއިއެކު ދާއިން ލިފްޓުން ނުކުމެއްޖެއެވެ. އަދި މަންހާއަށް ނުކުމެވެންދެން މަޑުކޮއްލިއެވެ.
"މަންހާ......." އެޕާރޓްމެންޓުގެ ދޮރުހުޅުވާލާފައި ދާއިން އާއިއެކު ވަތް މަންހާ ފެނުމުން ޒާރާ ދުވެފައި އައެވެ. މޫމިނާ ޒާރާގެ ގާތަށް ޖެހިލަމުން ވާހަކަދެއްކިއެވެ. އެހިނދު ޒާރާ އޭނަގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. އެއްފަރާތުގައި ހުރި އަފްޝީން އާއި މާކިން ހިނިއައިސްފައި ބަލަންތިއްބެވެ. މޫމިނާ މަންހާގެ އަތުގައި ހިފާލުމާއިއެކު ހިނިތުންވެލިއެވެ. އޭނައަށް މަންހާ ހުރީ ފިނިވެފަކަން އެނގުނެވެ. ކޮންމެ އަންހެން ކުއްޖަކަށްވެސް ކައިވެންޏަށްފަހު އެފަދަ އިޙްސާސްތައް ކުރެވޭނެކަން މޫމިނާއަށް އެނގޭތީ ހިނިތުންވެލެވުނީއެވެ.
"މިރެއިން ފެށިގެން ތީވެސް މަންމަގެ ދަރިއެއް، މަންމަގެ ދާއިންގެ ނިންމުން ވަރަށް ފުރިހަމަ، މިއާއިލާއަށް ދަރިފުޅަށް މަރުޙަބާ ކިޔަން، އެއްގޮތަކަށްވެސް ދެން ދުރުވެގެން ނުވާނެ........." މޫމިނާ ބުނެލިއެވެ. އަފްޝީންވެސް މަންހާއަށް މަރުޙަބާ ކިޔެވެ. އަދި އެދެމަފިރިންގެ ފަރާތުން ހަދިޔާއެއް ދިނެވެ.
"ތެންކިއު......ވަރަށް ރީތި......" މަންހާ ބުނެލިއެވެ. އޭނަގެ އަތުގައި އޮތީ ގަހަނާސެޓެއް ލާފައިވާ މަހުމާ ފޮއްޓެކެވެ.
"ކުޑަ ފަހަރީގެ ކައިވެނި ކުރެވެން ވާއިރަށް ދޭން އުޅުނީ، އެކަމަކު މި ދާއިން އެއްގޮތަކަށްވެސް އަހަރުމެންނަށް މަންހާ ދައްކާ ހިޔާލެއް ނުކުރި........." މާކިން ކުރިއަށް ޖެހިލަމުން ބުނެލިއެވެ. މަންހާގެ ކޯތާފަތް ރަތްވެގެން ދިޔަކަން އެންމެނަށް ފާހަގަވިއެވެ.
"ދެން އެކުއްޖާ ލަދުނުގަންނުވަބަލަ............ދަރިފުޅު ދޭ މަންހާއަށް އޭނަގެ ކޮޓަރި ދައްކާލަން" މޫމިނާ ބުނެލިއެވެ. އަދި މާކިންގެ ހަރަކާތުން އަދިވެސް ހިނިއައިސްފައި ހުރެ ދެފަރާތަށް މަޑުމަޑުން ބޯހޫރުވާލިއެވެ.
މަންހާ ހުރީ އުފަލުންނެވެ. ވަރަށް އުފަލުންނެވެ. ދާއިންގެ އާއިލާ އޭނަ ގަބޫލުކުރީތީއެވެ. ދާއިން އާއި އޭނަ އާއި ދެމެދުގައިވާ ފަރަގުތަކުގެ ވާހަކަ އެމީހުން ނުދައްކާތީއެވެ. އެއާއިލާގެ މެމްބަރެއްކަމުގައި މަންހާ ބަލައިގަތީމައެވެ. މަންހާ ހުރީ އޭނަގެ ކޮޓަރިއަކީ ކޮބާކަން އެނގެން ބޭނުންވެފައެވެ. ޒާރާގެ ކޮޓަރިއާއި ޖެހިގެން ބާއޭ އޭނަގެ ހިތަށް އެރިއެވެ. ނަމަވެސް ދާއިން އެދުނީ އޭނަ އާއިއެކު އެ އެޕާރޓްމެންޓުން ނުކުތުމަށެވެ. މަންހާ އެންމެނަށް ބަލާލަމުން ދާއިން އާއިއެކު ނުކުތެވެ. ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބިފައިހުރެއެވެ.
"ޓެރެސް އާއި ޖެހިގެން އިން ބުރިއަކީ މަންހާއަށް އަހަރަން ޚާއްޞަކުރި ބުރިއެއް" ދާއިން ހިނިތުންވެލަމުން ބުނެލިއެވެ. މަންހާވެސް ހިނިތުންވެލިއެވެ. އެހެންނަމަވެސް ހިތަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރުވިއެވެ. ދާއިން އަނެއްކާ އޭނަގެ އާއިލާ އާއި މަންހާ ދުރުކޮއްލަނީބާއޭ ހިތަށް އަރާފައެވެ. ހީކުރެވުނީ އެންމެން އެކުގައި އުޅޭނެކަމަށެވެ. އެހެންނަމަވެސް ދާއިންގެ ނިންމުމަކީ މިވަގުތަށް އެންމެ ރަނގަޅު ނިންމުމަށް ވެދާނެ ކަމުގައި މަންހާ ވިސްނިއެވެ. ހުރިހާކަމެއް ބޭނުންހާ ގޮތަކަށް ނުވާނެކަން އަވަސް އަވަހަށް ހިތަށް ވިސްނާދިނެވެ.
ދާއިންގެ ޖީބުން ނެގި ތަޅުދަނޑިފަތިން މަންހާއަށް ޚާއްޞަކުރެވިފައިވާ އެޕާރޓްމެންޓުގެ ދޮރު ހުޅުވާލިއެވެ. އެތަނުގައި އެއްވެސް އެއްޗެއް ނުވެއެވެ. މިއިން ޒަމާނެއްގައި އެތަނުގައި މީހަކު އުޅުނުހެންވެސް ހިއެއްނުވެއެވެ. މަންހާ ހައިރާންކަމާއިއެކު ދާއިންއަށް ބަލާލިއެވެ.
(ނުނިމޭ)