ވިކްޓަރީ

ސީޒަންގައި ކުޅެވޭނެ ކަމުގެ ޔަގީންކަން އެބައޮތް: ވިކްޓަރީ

ކުރިއަށް އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަންގައި ވާދަ ކުރެވޭނެ ކަމުގެ ޔަގީން ބޮޑު ކަމަށް، ވިކްޓަރީ ސްޕޯޓްސް ކުލަބުން ބުނެފި އެވެ.

އޭއެފްސީން ވަނީ، މިއަހަރު އޭއެފްސީ ހުރިހާ ގައުމެއްގެ ޓޮޕް ޑިވިޝަންގައި ކުޅޭ ޓީމުތަކަށް ލައިސެންސް ފުރިހަމަ ކުރަން ޖެހޭނެ ގޮތަށް ގަވާއިދުގައި ލާޒިމު ކޮށްފަ އެވެ. އެހެންވެ ރާއްޖޭގެ ކުލަބުތައްވެސް އެގޮތަށް އަމަލު ކުރުން ލާޒިމުވެ އެވެ.

ލައިސެންސަށް އެދި ފުރިހަމަ ކުރަން ޖެހޭ އެންމެ ފަހުގެ ޑޮކިޔުމެންޓް ފުރިހަމަ ކުރުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ ހޮނިހިރު ދުވަހު އޮފީސް ބަންދުވުމުގެ ކުރިންނެވެ. އެންމެ ފަހުން ހުށަހަޅަން ޖެހޭ ކަމަކީ ކުލަބުގެ މުސާރަ ހިނގާ އެންމެންނަށް މުސާރަ ހަލާސް ކޮށްފައިވާ ކަމުގެ ސައްހަ ލިޔުމެވެ.

ވިކްޓަރީއަށް ކުޅުނު ބައެއް ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ މައްސަލަ ކުޅުންތެރިންގެ ފަރާތުން ވަނީ އެފްއޭއެމްއަށް ހުށަހަޅާފަ އެވެ. ވިކްޓަރީގެ އޮފިޝަލަކު ބުނީ ފައިސާ ހަމަކުރެވޭނެ ކަމުގެ ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށެވެ.

ވިކްޓަރީއަށް ކުޅުނު ޖަޕާންގެ މިޑްފީލްޑަރު އަޓްސުޝީ ޝިމޯނާއަށްދޭން ޖެހޭ މުސާރައިގެ މައްސަލަވެސް ހައްލު ކުރެވިފައި ވުމުން އެކަމަށް އިތުބާރު ބޮޑު ކަމަށް އޮފިޝަލް ބުންޏެވެ.

"ގާތްގަނޑކަށް ފަސް ލައްއްކައެއް ހާ ރުފިޔާ މި ވަގުތައް ހަމަ ކުރަން ޖެހެނީ، އަޅުގަނޑުމެންނަށް ވަރަށް އުންމީދު އެބައޮތް އެ ފައިސާގެ ކަންކަން ހައްލު ކުރެވޭނެ ކަމަށް." ވިކްޓަރީގެ ބޯޑު މެންބަރަކު ބުންޏެވެ.

އެފްއޭއެމްގެ ކުލަބު ލައިސެންސިންގެ ހެޑް، އަބްދުﷲ ޝިބާއު ވިދާޅުވީ، ލައިސެންސް ލިބޭ ކުލަބުތަކަކީ ކޮބައިކަން އެނގޭނީ އަށް ވަނަ ދުވަހަށް ފަހު ކަމަށެވެ.

"އަދި އެއްވެސް ކުލަބަކަށް ލައިސެންސެއް ނުދެން، އަށް ވަނަ ދުވަހަކީ ފައިނޭންސް ކުރައިޓީރިއާގެ ދަށުން ހުށަހަޅަން ޖެހޭ ޑޮކިޔުމެންޓްތައް ހުށަހަޅަން ޖެހޭ ދުވަސް،" ޝިބާ ވިދާޅުވި އެވެ. "އެއަށް ފަހު ކުލަބުތަކުން ހުށަހަޅާފައިވާ ހުރިހާ ޑޮކިޔުމެންޓެއް އަޅުގަނޑުމެން ރީ ޗެކު ކުރާނަން، އެ މަރުހަލާގައި ހުރިހާ ކަމެއް ފައިނަލު ވާނެ."

ފައިނޭންސް ކްރައީޓީރިއާ ފިޔަވައި، އެހެން ޑޮކިޔުމެންޓްތައް ހުށަހެޅުމުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ވަނީ ހަމަވެފަ އެވެ.

އާ ސީޒަންގައި، ވިކްޓަރީގެ ކުރީގެ ވާދަވެރިޔާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ނުފެންނާނެ އެވެ.