ލައިފްސްޓައިލް

ކިސްކުރުން: މިއީ އިންސާނުން ކިހިނެތް ދަސްކުރި ސިފައެއް؟

Jul 19, 2015

އިންސާނުންގެ މި ބޮޑު އާބާދީއަށް ބަލާއިރު ދެ ބައިކުޅަ އެއްބައި މީހުންނަކީ ތުންފަތް ޖޯޑުކޮށް ބޮސްދިނުމުގެ އާދައެއް ނުވަތަ ސަގާފަތެއް ގެންގުޅޭ ބައެއް ނޫނެވެ. މިއީ ފަހުގެ ދިރާސާއަކުން ދައްކާފައިވާ ނަތީޖާ އެކެވެ. އަނެއްކޮޅުން މި ގޮތަށް ތުންފަތް ޖޯޑުކޮށްގެން ލޯބި ކުރުމަށް ނުވަތަ އިހްސާސްތަކެއް ބަދަލުކުރުމަކަށް ޖަނަވާރުންގެ ވެސް މާ ބޮޑު ޝައުގުވެރިކަމެއް ނެތެވެ.

އެހެންވީމަ ބޮސްދިނުން ނުވަތަ ދޮންދިނުން ނުވަތަ ހެނދުވުން މިއީ އިންސާނުންގެ ތެރޭގައި ކިހިނެތް އާންމުވި ކަމެއް ހެއްޔެވެ؟

ލޯބިކުރުން ނުވަތަ ދޮންދިނުން އެއް ފަރާތްކޮށް، ދެ މީހަކު ތުންފަތް ޖޯޑުކޮށް ދޮންދިނުމާ މެދު ވިސްނާލާއިރު މިއީ އަސްލު، ފަކުރުން ފުރިގެން އަންނަ ކަމެކެވެ. ކިސްކުރުމުގެ މަރުހަލާ އަކީ ދެ މީހެއްގެ ތުންފަތާއި ތުންފަތް ބައްދަލުވެ، އަނގަ އާއި އަނގަ ބައްދަލުވެ ދެ މީހުންގެ އަނގައިގެ ތެރެއިން އަނެކަކުގެ އަނގަ ތެރެއަށް ކުޅާއި އެހެން އެތައް ބެކްޓީރިއާއެއް ވެސް ބަދަލުވާ މަރުހަލާ އެކެވެ.

އެންމެ "ކިސް" އަކުން ދެ މީހެއްގެ އަނގައިން އަނގަ އަށް 80 މިލިއަން ބެކްޓީރިއާ އަރާ ކަމަށް ދިރާސާތަކުން އެނގެ އެވެ. މިހުރިހައި ބެކްޓީރިއާ އަކީ އަދި ރަނގަޅު ބެކްޓީރިއާއެއް ވެސް ނޫނެވެ.

ނަމަވެސް މިއީ ލޯބީގައި ޖެހިގެން ގޮސް ތުންފަތް ޖޯޑުކޮށްގެން ތިބޭ ދެ މީހުން ނުވަތަ މިގޮތަށް ލޯބިކުރާ މީހުންގެ ފަރުވާލެއް އޮތް ކަމެއް ނޫނެވެ. އަދި އެންމެން ވެސް އެމީހުންގެ ފުރަތަމަ ލޯތްބާ އެކު "އަލަތު ދޮން" ނުވަތަ "ފަސްޓް ކިސް" މަތިން ހަނދާން ހުރެ އެވެ. ބައެއް މީހުންނަށް އެއީ ލަދެކެވެ. އަނެއް ބަޔަކަށް އުފަލެކެވެ.

ކޮންމެއަކަސް އިންސާނުންގެ މެދުގައި ލޯބީގެ އިޝްގީ ގުޅުން އާ އުސްމިންތަކަކަށް ގެންގޮސް ދިނުމުގައި "ބޮސްދިނުން" އަދާކުރާ ރޯލު ވަރަށް ވެސް ބޮޑެވެ.

މިއީ އިންސާނުންގެ މެދުގައި އެންމެން ވެސް ކޮށް އުޅޭ ކަމެއް ކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަނީ މި ސަބަބާ ހެދި ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް އިންސާނުންގެ ނަސްލުތަކާއި ދަރިފަސްކޮޅު އެކި ސަގާފަތްތަކަށް ބެހިގެންގޮސްފައިވާއިރު، މިފަހުން ކުރި ދިރާސާއަކުން އެނގިފައި ވަނީ ދުނިޔޭގެ އެކި ސަގާފަތްތަކަށް ބަލާއިރު ލޯބީގެ ދާނުގައި ބޮސްދީ އުޅެނީ މީގެ ތެރެއިން 46 ޕަސެންޓް ސަގާފަތުގައި ކަމެވެ.

މި ދިރާސާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 148 ސަގާފަތެއްގެ މީހުން ބައިވެރިކޮށް ސުވާލުކޮށްފައިވެ އެވެ.

އެހެންވީމަ "ކިސް ކުރުމަކީ" އެންމެން ދަންނަ ކަމެއް ނޫނެވެ.

މިސާލަކަށް ދިރާސާގައި ބައިވެރިވި ބްރެޒިލްގެ އެކަހެރި ދަރިކޮޅެއް ކަމުގައިވާ، މެހިނަކޫ ގަބީލާގެ މީހުންނަކަށް "ކިސް ކުރުމަކީ" ނުވަތަ ތުންފަތް ޖޯޑުކޮށްގެން ލޯބިކުރުމަކީ ބަޔަކު މީހުން ކޮށް އުޅޭ ކަމެއް ކަމެއް ވެސް ނޭނގެ އެވެ.

އެމީހުންގެ ނަޒަރުގައި އެއީ ވަރަށް ލަދު ހުތުރު ސިފަ އެކެވެ. އަދި އެހާމެ ފަކުރު ގަންނަ މުޑުދާރު ކަމެކެވެ.

މިއީ އިންސާނުންގެ ފުރަތަމަ ޖީލުގެ މީހުން ދިރިއުޅުނު ލައިފްސްޓައިލާ އެންމެ ގާތްކުރާ ވައްތަރަށް މިހާރު ދުނިޔޭގައި އުޅޭ މިފަދަ ގަބީލާތަކުގެ މީހުން "ކިސް ކުރުމާ" މެދު ދެކޭ ގޮތެވެ. އެހެންވީމަ ތަޖުރިބާކާރުން ބުނަނީ އެންމެ ފުރަތަމަ އިންސާނުން ތުންފަތް ޖޯޑުކޮށް އުޅުކަމެއް ވެސް ނޭނގޭ ކަމަށެވެ.

މި ދިރާސާ އަށް ފަހު ތަޖުރިބާކާރުން ވަނީ، ދޮންދިނުން ނުވަތަ ކިސްކުރުން "ޔުނިވާސަލް" އަމަލަކަށް ނުވާނެ ކަމަށް ނިންމައިފަ އެވެ. ދިރާސާގައި އިސްކޮށް އުޅުއްވި، އެމެރިކާގެ ޔުނިވާސިޓީ އޮފް ނެވާޑާގެ ވިލިއަމް ޖޭންކޮވެއިކް ވިދާޅުވެފައި ވަނީ މިހާރު ގަބޫލުކުރެވޭ ގޮތުން "ކިސް ކުރުމަކީ" ހުޅަނގުގެ ސަގާފަތްތަކުގެ ތެރެއިން ނުކުމެ ދުނިޔެ އަށް އާންމުވެފައިވާ ކަމެކެވެ.

ތަޖުރިބާކާރުން މި ވާހަކަ އަށް ބާރު ދޭ އެހެން ވާހަކައެއް ވެސް އެބައޮތެވެ.

"ކިސް ކުރުމަކީ" ނިކަން ފަހުގެ ކަމެއް ކަމަށް އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ތަޖުރިބާކާރެއް ކަމަށްވާ ރަފައެލް ވްލޮޑާސްކީ ވެސް ބުނެ އެވެ. އޭނާ އަކީ އިންސާނުންގެ މެދުގައި "ކިސްކުރުމުގެ" ސަގާފަތެއް އުފެދި ބަދަލުވެ އެ އާދައެއް ދިގުދެމިގެން ގޮސްފައިވާ ގޮތް ތާރީޚުގެ ތެރެއިން ބަލައި ދިރާސާ ވެސް ކުރަމުން އަންނަ ފަރާތެކެވެ.

މީގެ އިތުރުން މިސްރުގެ އެންމެ ތާރީޚީ ކުރެހުންތަކުގައި ވެސް މީހުން އެކެއްގެ މޫނާ އަނެކަކުގެ މޫނު ކައިރިކޮށްލައިގެން ތިބޭ މަންޒަަރު ފެނިފައި އެބަހުއްޓެވެ. ނަމަވެސް "ބޮސްދިނުމެއް" ފެންނާކަށް ނެތެވެ.

އެހެންވީމަ މި ވަނީ ކިހިނެތް ހެއްޔެވެ؟ މިއީ އިންސާނުންގެ ތަބީއަތުގައި ވާ ކަމެއް ހެއްޔެވެ؟ ނުވަތަ އަމިއްލަ އަށް އުފައްދައިގެން އުޅޭ ކަމެއް ހެއްޔެވެ؟

ޖަނަވާރުންނަށް ބަލާލާއިރު އިންސާނުންގެ ލައިފްސްޓައިލާ އެންމެ އެއްވައްތަރު ގޮތަކަށް އުޅޭ ކަމަށް ފާހަގަކުރެވޭ ޗިމްޕަންޒީ އަކީ ލޯބިން ދޮންދީ އުޅޭ ޖަނަވާރެކެވެ. ކުރިމަތިލުމަކަށް ފަހު ޗިމްޕަންޒީން އެކަތި އަނެކައްޗާ ބައްދައި ދޮންދީ އުޅެ އެވެ.

މިފަދަ ޖަނަވާރުންގެ އަހުލާގާއި ދިރިއުޅުން ދިރާސާކުރާ ފަރާތްތަކުން ބުނަނީ "ކިސް ކުރުން" މި ޖަނަވާރުންގެ މެދުގައި އޮންނަނީ ގުޅުން އާލާކޮށްލުމުގެ އަމަލެއްގެ ގޮތުގައި ކަމަށެވެ. އެއްގޮތަކަށް ވެސް އިޝްގީ ލޯބީގެ ޖަޒުބާތުތަކެއް ބަންޑުންވެގެން އެސޮރުމެން ކޮށްއުޅޭ ކަމެއް ނޫން ކަމަށެވެ.

އޭޕްގެ ވައްތަރުތަކުގެ މެދުގައި "ކިސް ކުރުމުގެ" މިފަދަ އާދައެއް އޮތަސް އެހެން ޖަނަވާރުންގެ މެދަކު މިކަމެއް އެއްގޮތަކަށް ވެސް ނެތެވެ. އަދި ވަކިން ހާއްސަކޮށް ތުންފަތް ލިބިފައިވާ ޖަނަވާރުންގެ މެދުގައި ވެސް މިކަމެއް ނެތެވެ.

ކިސްކޮށް އެކަތީގެ އަނގައިން އަނެކަތީގެ އަނގަޔަށް ކުޅު ބަދަލުކޮށް ލޯބީގެ ކުޅިވަރު ކުޅުމަކީ ޖަނަވާރުތަކަށް އެނގޭ ވައްތަރެއްގެ ލޯތްބެއް ނޫނެވެ.

އަނެއްކޮޅުން ތަޖުރިބާކާރުން ބުނަނީ ޖަނަވާުރުންނަކީ ލޯބިކުރުމަށް ބަލާއިރު އިންސާނުންނަށް ބޭނުންވާ ފަދަ މާހައުލެއް ނުވަތަ ގައިގޯޅިވުމެއް ވެސް ބޭނުންވާ އެއްޗެހިތަކެއް ނޫން ކަމަށެވެ.

ދިރާސާތަކުން އެނގިފައިވާ ގޮތުން އިންސާނުން "ކިސް ކުރުމުގެ" އެންމެ ބޮޑު ސިއްރަކީ ވަސް ބެލުމެވެ. އެކަކު އަނެކަކުގެ ވަހަށް ޝައުގުވެރިވުމަކީ ދެ މީހެއްގެ ދެމެދުގައި ޖިންސީ އެދުންވެރިކަން ވެސް ލައްވާލާ ހިސާބެއް ކަމަށް ސައިންސްގެ ދިރާސާތަކުން އެނގިފައިވެ އެވެ.

އެގޮތުން ދިރާސާތަކުން ދައްކާ ގޮތުން "ކިސްކުރާ ވަގުތު" އެންމެ މުހިންމު ކަމަކަށް ވެފައި އޮންނަނީ ވަހެވެ. މީހަކަށް ބޮސްދޭއިރު އެމީހެއްގެ ގައިން އަރާ ވަހަކަށް އެންމެ ބޮޑު ސަމާލުކަމެއް ދެވޭއިރު މި ސަމާލުކަން އަންހެން މީހާ ދަރިމައިވާ ދުވަސްކޮޅު އާދަޔާހިލާފަށް ބޮޑުކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.

ނަމަވެސް ތުންފަތް ޖޯޑުކޮށްގެން ލޯބިކުރުން އުފެދިގެން އައީ ކިހައި ހިސާބަކުން ކަމެއް ބުނެދޭކަށް ނޭނގެ އެވެ. --ބީބީސީ