(4 ޖޫން 2019 އާ ގުޅޭ)
"އިކަރޯސް، ކަލޭ ނިކަން ގޮސް ބަލާބަލަ... މިތާ ތެރޭގައި އިހު ނެތް ކުށްވެރިއަކު ވޭތޯ" ޒޮރައިދާ އާދޭހުގެ ރާގުގައި އެދުނެވެ. އެއާއެކު އިކަރޯސް އެކަމާ އެއްބަސްވެ ހިނގައިގަތެވެ. އޭނާގެ ހިތުގައި އެތަނުގައި ދެން ތިބި އެއްވެސް ޤައިދީއަކަށް ހަމްދަރުދީގެ ކަންފުޅެއް ވެސް ނުވެއެވެ.
އިކަރޯސްއާއި ޒޮރައިދާގެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތައް ރައުލްގެ ގާތުގައި ތިބި ޠަލަބްއާއި ސިއްތާއާ ދެ މީހުންނަށް ވެސް އަޑުއިވެއެވެ. އިކަރޯސްއޭ ކިޔާ ޒުވާނާ އައުމުގެ ކުރީން ރައުލް ފޮރުވަން އެ މީހުން ބޭނުންވިއެވެ. ނަމަވެސް އެ ތަނުން ނެރެގެން އޭނާ ގެންދެވޭނީ ހިލަހިލާގަނޑުން ރައުލް މިނިވަން ކޮށްގެންނެވެ. އެކަން ކުރަން ހަދައިގެން އެމީހުންނަށް ސަމާލުކަން ހުއްޓޭނެކަން އެނގެއެވެ. ދެން ހަދާނޭ ގޮތަކާމެދު ޠަލަބް ވިސްނަން ހުއްޓެވެ. ސިއްތާ ހުރީ ދަނގަޑު ތޭރިތަކުގެ ދޭތެރެއަކުން ބޭރު ބަލާށެވެ. މީހަކު އަންނަކަމުގެ ހިލަންވުމުން އޭނާ ޠަލަބްގެ ގާތަށް އައެވެ. ހެދޭނެ މާބޮޑު ގޮތެއް ނެތުމުން ޠަލަބް ޚިޔާލުދިނީ ރައުލްގެ ހެދުމުގެ ތެރޭ ފޮރުވިގެން ތިބޭނީ ކަމުގައެވެ. އެ އަންނަ މީހަކު ރައުލްގެ މައްޗަށް އަނިޔާވެރިވާތަން ފެނިއްޖެނަމަ އަމިއްލަ ފުރާނައަށް ބެލުމެއްނެތި ރައުލް ސަލާމަތްކުރުމަށް ޠަލަބްއާއި ސިއްތާ ނުކުންނާނީ ކަމުގައެވެ.
"ތީ ކާކު؟ ކޮންއިރަކު މިތަނަށް ގެނެވުނީ؟" އަރިއަކަށް އޮތް ޒުވާނެއް ފެނި އިކަރޯސް ސުވާލުކުރިއެވެ. އެއްވެސް ހަރަކާތެއް ނުކުރުމުން އޭނާ އެތެރެއަށް ވަދެ ބެލި ބެލުމުން އެ މީހަކު އެ އޮތީ ޚަބަރު ހުސްވެފައިކަން އެނގުނެވެ. އޭނާ އެ ތަނުން ނުކުމެ އެނބުރި ޒޮރައިދާގެ ގާތަށް އައެވެ.
"ހަރަކާތްކެނޑިފައި އޮތް ޒުވާނަކު އެބައޮތް، އޭނާގެ އަރިކަށީގައި ބޭސްގަނޑެއް އަޅާފައި އޮތީ..." އިކަރޯސް ބުންޏެވެ.
"އޭނާ ސިފަކޮށްދީބަލަ" ޒޮރައިދާ އެދުނެވެ.
"އެއީ އަލި މޫނެއް، ހަމުގެ ކުލަ އަލިވެފައި ބޮލުގައި ހުރީ ފަނޑު ނޫކުލައެއް، ކުރު އިސްތަށިގަނޑެއް، އަހަރެމެންގެ ތެރެއިން ފެންނަ ފަދަ ހެދުމެއްނޫން އަޅާފައި ހުރީ، ރިހި އެކުލެވޭ ހުދު ކުލައިގެ ދިގު ހެދުމެއް، އެކަމަކު އޭނާގެ ހެދުން ވަނީ ހަލާކުވެފަ" އިކަރޯސްގެ ވާހަކަ ނުނިމެނީސް ޒޮރައިދާ ވާހަކަދެއްކިއެވެ.
"ބޭސްއަޅާފައޭ... ބޯލުގައި ފަނޑުނޫކުލަ... އިކަރޯސް!... ކޮއިފުޅާ!... އޭނާގެ ބުރަކަށިން ދިގު ލަކުނެއްގެ އަސަރު ދުށީންތަ؟ އޭނާގެ ލޮލުގެ ކަޅި ހުރީ ކިހިނެއް؟" ޒޮރައިދާ އަވަސްއަރުވާލާފައި ސުވާލުކުރިއެވެ.
"އަހަރެން އޭނާގެ ގަޔަކު އަތެއްނުލަން" ފަރުވާކުޑަ ގޮތަކަށް އިކަރޯސް ބުންޏެވެ.
"ރައުލް..." ސިއްރުން ޒޮރައިދާގެ ހިތް ގޮވާލިއެވެ.
"ޒޮރައިދާ، އަހަރެންނަށް ތި ވިސްނާކަމެއް ކިޔައިދީބަލަ، ކަލޭ އިންތިޒާރު ތިކުރަނީ ކަލޭގެ ދަރިއަކަށްތަ؟ ނޫނީ ޢާއިލާ މީހަކަށްތަ؟ މިއަދު ކަލޭ ފެންނަނީ ތަފާތުކޮށް... ކަލޭގެ ފުށުން ކެތްތެރިކަން ކުޑަވެފައިވާކަމުގެ އަސަރު އަހަރެންނަށް އެބަފެނޭ، ޒޮރައިދާ!... އެއީ ކާކުކަން ބަލަން ކަލޭ ތިހާ ވަރަށް ބޭނުންވަނީ ކީއްވެތަ؟... ކަލޭގެ އަހުލުންގެ ތެރެއިން މީހަކީތަ؟" ވަގުތުކޮޅަކަށް ޒޮރައިދާ ހިމޭންވުމުން އިކަރޯސް ވާހަކަދެއްކިއެވެ.
"މިވަގުތު އަހަރެން ހިތަށް އަރަނީ އެ ޒުވާނާގެ ގާތަށް އަހަރެންނަށް ދެވޭނެނަމައޭ، އިކަރޯސް، އަހަރެންނަށް ޓަކައި ކަލޭ ކަމެއްކޮށްދޭނަމަ، އާދޭސްކުރަން... އަހަރެން މިބުނު ކަންކަން އެ ޒުވާނާގެ ފުށުން ފާހަގަވޭތޯ ބަލައިދީބަލަ" ދޮރާދިމާއަށް އެނބުރިއިން ޒޮރައިދާގެ ދެއަތް ދިއްކޮށްލައިގެން އިނދެ ހަރަކާތްކުރިއެވެ. ލޮލަށް ނުފެނުނަސް އޭނާގެ އެހެން ޚިއްސުތައް އިކަރޯސް ހުރި ތަނެއް ދެނެގަތީއެވެ.
"އެކަމަކު މީ ފަހުފަހަރު، ކަލޭ ހުރިހާ ވާހަކައެއް ކިޔައިނުދޭނަމަ ދެން އަހަރެން އޭނާގެ ގާތަކަށް ނުދާނަން" އިކަރޯސް ބުނެލިއެވެ. ޒޮރައިދާ އެއްބަސްވެލުމަށް ނިކަން އަވަހަށް ބޯޖަހާލިއެވެ.
އިކަރޯސް އައިސް ރައުލްގެ ލިބާހުން ކޮނޑާ ދިމާލުން އިރާލައި ބުރަކަށި ހާމަކޮށްލިއެވެ. އޭނާއަށް ހައިރާންކަން ލިބުނީ ރައުލްގެ ބުރަކަށީގައި ހުރި ލަކުނު ފެނިފައެވެ. އެވަގުތު ރައުލްގެ ގާތުން އިތުރު ބަޔަކު އުޅޭކަމުގެ ހިލަންވިއެވެ. އިކަރޯސް ކުއްލިއަކަށް ރައުލްއާ ދުރަށް ޖެހުނެވެ. ޠަލަބްއާއި ސިއްތާ ތިބީ ޖެހިލުންވެފައެވެ. ބިރުންނެވެ. އިފްރީތުންގެ ފުށުން ފެންނަ ފަދަ ބާރެއް އެތަނުގައި ހުރި އިކަރޯސްގެ ފުށުން އިޙްސާސް ކުރެވޭތީއެވެ. އަނެއްކޮޅުން އިކަރޯސްގެ މުޅިގައިގާ ހީވަނީ ދިޔާ އަލިފާނުގެ އާރެއް ދައުރުވާހެނެވެ. އެ ކަޅު ހަންގަނޑު ފަޅިފަޅިވެ ދޭތެރެތަކުން އަލިފާން ކުލަ ފާޅުވޭވޭ ހުއްޓެވެ. ދެ ލޮލުގެ ކަޅިއާއި މުޅި ލޯ ވެސް ހުރީ ގިނި ރަތް ކުލައިގައެވެ. ލޮލުގެ ހިމަކޮޅުންނާއި ނޭފަތުގެ ހިނދުރިން ދޭތެރެއަކުން ދުމުގެ އަސަރު ފާޅުވެލައެވެ. ބޮލުގައިވަނީ ރިހި އިސްތަށިގަނޑެކެވެ. ބޮލުގެ މަތިން ފެށިގެން ފަހަތަށް ވާގޮތަށް ފޯލިފޯޔަށް ގަތާފައި ދޫކޮށްލައި ހުއްޓެވެ. ނިތްކުރިމަތިން އުފުލިފައި ހުރި ދެ ދަޅު ތިރިވެފައި ފަހަތަށް ލެނބިފައި އޮތްބައި ކުރެވެ. އިކަރޯސްގެ މޭމަތީގައި ކަނޑާނަގާފައި ހުރި ނިޝާނެއް ފެންނަން ހުއްޓެވެ. ހަމައެކަނި އެ ހަށިގަނޑި ނިވާކޮށްފައިވަނީ ހަރުވާޅަކުންނެވެ. އެ ހަރުވާޅު ހަދާފައި ވަނީ ފެންނަފެނުމަށް ކިނބުލުގެ ތޮށިންނެވެ. ކިނބުލުގެ ހަމުގައި އުފުލިފައި ހުންނަހެން ފިތް ފިތް އުފުލިފައި ހުއްޓެވެ.
"މީ ކަލޭ ކުރާކަމެއްތަ؟" ވަށައިގެން ހޯދަމުންދިޔަ އިކަރޯސްގެ ނަޒަރު ރައުލްއަށް ހުއްޓާލިއެވެ. އަދި ދުރުގައި ހުރެ ފައިން ރައުލްގެ ގައިގާ ޖައްސާ ކޮއްޕާލިއެވެ. އެހިނދު ރައުލްގެ ހަށިގަނޑު ބަންޑުން ޖެހުނެވެ. އިރުކޮޅަކު ރައުލްއަށް ބަލަން ހުރެފައި އަނެއްކާ ވެސް އޭނާއާ އިކަރޯސް ގާތްވިއެވެ. މިފަހަރު އޭނާ ބެލީ ރައުލްގެ ދެ ލޮލެވެ. އަދި އެ އޮތްގޮތަށް ރައުލް ދޫކޮށްލައިފައި އިކަރޯސް އެތަނުން ނުކުމެގެން ޒޮރައިދާގެ ގާތަށް އަތުވެއްޖެއެވެ.
"އެއީ ކާކު؟" އިކަރޯސް އައިސް ޒޮރައިދާ އިން ގޮޅީގެ ކުރިމަތީ ހުއްޓުމާއެކު ވަގުތުން ސުވާލު ކުރިއެވެ.
"އޭނާގެ ފުށުން އަހަރެން ކިޔައިދިން ކަންކަން ފެނުނުތަ؟" ޒޮރައިދާ އެއްސެވެ. އޭނާއަށް ޖަވާބުދިނުމުގެ ކުރީން އިރުކޮޅަކު އިކަރޯސް މަޑުކޮށްލިއެވެ. މުސްކުޅިވެފައިވިޔަސް އޭނާއަކީ ވިސްނުންތޫނު އަންހެނެއްކަން އިކަރޯސްއަށް އޮތީ ފާހަގަވެފައެވެ. އެހެންވެ އޭނާއަށް އޮޅުވާލަން އުޅޭނަމަ އެކަން ޒޮރައިދާ ދެނެގަންނާނޭކަން ވެސް އިކަރޯސްއަށް އެނގެއެވެ.
"އެބަހުރި... ބޮޑުބައެއް ފިހިފައި ހުރިހެން ހީވަނީ" އިކަރޯސް ބުންޏެވެ.
"އެއީ އޭނާ... އެއީ އެ ކުއްޖާފުޅު... ޖިލައްޔާ..." އުފާވެރިކަން ޒޮރައިދާގެ މޫނުން ފާޅުވެލިއެވެ. ނަމަވެސް އެ އުފާވެރިކަން ހިތްދަތިކަމަށް ބަދަލުވީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ. ކަރުނަ ފޭބުމުގެ ބާރުނެތިފައިވާ ދެ ލޮލާއެކު އޭނާ ރޮނީއެވެ. ހިތުގައިޖެހިފާ މީހަކު ފަދައިންނެވެ. ޒޮރައިދާ އެފަދަ ހާލެއްގައި ވަނިކޮށް އިކަރޯސް ދުށް މީ ފުރަތަމަ ފަހަރެވެ. އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ އެ ހުރަގޭގެ ތެރެއިން މި ނޫނީ ޒޮރައިދާގެ ރުއިމުގެ އަޑެއް އިކަރޯސް ނާހައެވެ. ކަންބޮޑުވުމާއި ރަހުމު އޭނާގެ ހިތަށް ވަނެވެ. ޒޮރައިދާގެ ގާތުގައި ކަކޫޖަހާލުމާއެކު އޭނާއަށް ގޮވާލިއެވެ.
"ތި ރޮނީ ކޮންކަމަކާ؟ އަހަރެން ނުދެކެން ކަލޭ ހިތާމަކުރަނިކޮށް" އިކަރޯސް ބުންޏެވެ.
"ކަލެއަށް ކެރޭނެތަ އަހަރެންގެ މި ހިލަހިލާގަނޑު ބުރިކޮށްލައި އަހަރެން މިނިވަންކޮށްދޭން" ޒޮރައިދާ އެދުނެވެ. އިކަރޯސް އަނގަޔަކުން ނުބުންޏެވެ. އޭނާ ތެދުވެގެން ދުރަށް ދިޔައީކަން ޒޮރައިދާ ދެނަހުއްޓެވެ. ފާރުގައި ހަށިގަނޑު ލައްކޮށްލެވުމާއެކު ބޮލުން މަޑުމަޑުން އެ ފާރުގައި ތަޅަން ފެށުނެވެ.
"އެކުއްޖާފުޅުގެ ވަސް ޖެހޭހާ ގާތުގައި އަހަރެންވީއިރު، އެ ހިސާބަށް ދިއުމަށް އަހަރެން މިވަނީ ނުކުޅެދެވިފަ... މިއީކީނޫން އިންސާފަކީ، ޖިލައްޔާދެކެ ލޯބިވާކަމަށް ބޭރީތު ކުރި ދައުވާގެ އެއްވެސް އަގެއްނެތްކަން ސާބިތުވެއްޖެ، އެހެންނޫންނަމަ މިފަދަތަނަކަށް އެކުއްޖާފުޅު އެއްލައެއްނުލާނެ، ބޭރީތު!... ކަލޭ ބިރުގަތީތަ؟ ކަލޭގެ ބާރު އެކުއްޖާގެ މައްޗަށް ނުހިނގީކަން ޔަގީން" ރޮމުން ޒޮރައިދާގެ އަމިއްލަ ހިތާ ވާހަކަދެއްކުނެވެ. އޭނާ ސިހުނީ އިކަރޯސްގެ ހިލަން ވުމުންނެވެ. ދެން އިވުނީ އޭނާގެ ފައިގާވީ ހިލިހިލާގަނޑުގައި ބާރު އެއްޗަކުން ޖެހި އަޑެވެ.
"އިކަރޯސް" ފަނޑު ހިނިތުންވުމަކާއެކު ޒޮރައިދާއަށް ގޮވާލެވުނެވެ.
"އަހަރެންގެ މި ކޯރާޑިން ބުރި ނުވާނޭ ހިލިހިލާއެއް ނުވާނެ" އިކަރޯސް ފަޚުރުވެރިކަމާއެކު ބުނެލިއެވެ.
"އިކަރޯސް، މިއަދަށްފަހު ކަލޭގެ ދިރިއުޅުން ބަދަލުވާނޭކަން ދަންނާތި" ޒޮރައިދާ ބުންޏެވެ. އިކަރޯސް ލުއިގޮތަށް ހީނލީއެވެ.
ހިލިހިލާގަނޑުން ޒޮރައިދާ މިނިވަންވެއްޖެކަމުގައި އިކަރޯސް ބުނެލިއެވެ. އަދި އޭނާ ބޭރަށް ޖެހިލީ ޒޮރައިދާ ނުކުތުމަށް ތަންދިނުމަށެވެ. ނަމަވެސް އޭނާ އަޖައިބުވީ ބިންމަތީގައި ޒޮރައިދާ ބަނޑުޖަހައި ކޫތެންފެށުމުންނެވެ. އޭނާގެ އަތްބުރީގެ އެހީގައި ކުރިއަށް ދެމިގަނެވެ. އެވަގުތު އޭނާގެ ބާވެ ހަސްފަސްނެތިފައިވާ ދިގު ހެދުމުގެ ފަސްމައި މައްޗަށް ހިއްލުނެވެ. އިކަރޯސްއަށް ފެނުނީ ޗިސްކޮށްލެވިފައިވާ ދެ ފައިތިލައެވެ. އޭނާ ކުރިއަށް ޖެހި ކުޑަކަކޫ މައްޗަށް ތިރިވެލައި ޒޮރައިދާގެ ދެ ކޮނޑުގައި ހިފެހެއްޓިއެވެ.
"އަހަރެންގެ ދެއަތުގައި ކަލޭ ބޭނުންވާ ތަނަކަށް ގެންގޮސްދީފާނަން" އިކަރޯސް ބުންޏެވެ. އެހިނދު އިކަރޯސްގެ މޫނުގައި ޒޮރައިދާގެ އަތްބުރި ހިންގާލިއެވެ.
"މީ ﷲގެ މިންވަރުފުޅު... މެދުވެރިއަކަށް އަހަރެންގެ ގާތަށް ކަލޭ ފޮނުވީ އެކަލާނގެ، އިކަރޯސް، ކަލޭގެ ތި ބާރުގަދަ ދެއަތުގެ ތެރޭ އަހަރެން އެ ޒުވާނާއާ ހަމައަށް އަވަހަށް ގެންގޮސްދީބަލަ" ޒޮރައިދާ އެދުނެވެ. ނުހަނު ފަސޭހަކަމާއެކު އިކަރޯސްގެ އަތްދަނޑި މައްޗަށް ޒޮރައިދާ ނެގިއެވެ. އަދި އޭނާގެ ގޮޅިން ނެރުނުތަން ފެނި އެތަނުގައި ދެން ތިބި ޤައިދީންގެ އަޑުފަށްގަނޑު ގަދަވިއެވެ. އެއަޑަށް އިކަރޯސް ހަޅޭލަވައިގަތެވެ.
"ކަލޭމެން ހިމޭން ނުވެއްޖެނަމަ މިހާރު މިވަގުތު ކަލޭމެން ކޮންމެމީހެއްގެ ދުވަސް އަހަރެން ދުއްވާލާނަން" ހަރުކަށިކަމާއެކު އިކަރޯސް ބުންނެވެ. އެއާއެކު އަޑުތައް ކަނޑައިގެން ހިނގައްޖެއެވެ.
ރައުލް އިން ގޮޅިއަށް އިކަރޯސް ވަދެ ރައުލްގެ ގައިގާ ޖެހޭނޭހެން ޒޮރައިދާ ބެއިންދިއެވެ. ރައުލްގެ ގައިގާ ޒޮރައިދާ އަތް ޖެއްސިއެވެ. އަދި ގުދުވެ އެ ހަށިގަނޑުން އޭނާ ވަސްބެލިއެވެ. ފަނޑު ނަމަވެސް ހިނިތުންވުމެއް ޒޮރައިދާގެ ތުންފަތުން ފާޅުވެލިއެވެ.
"ޒޮރައިދާ... މީ ކަލޭގެ ކާކުތަ؟ އަދިވެސް ނުބުނާނަންތަ" އިކަރޯސް ސުވާލުކުރިއެވެ.
"ރައުލް... މީ ރައުލް... މި އަނދިރި ކިއްލާއިން ފާޅުވި އަލިގަދަ ދަންމަރެއް، އޭނާގެ ގައިން، އޭނާގެ އަހުލުންގެ ވަސް އަހަރެންނަށް އެބަދުވާ" ޒޮރައިދާ ބުންޏެވެ. އިކަރޯސްއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ.
"ތިޔައީ ކޮންބައެއްތަ؟... ތީ... ތީ ރައުލްގެ އެކުވެރީންތަ؟ ނޫނީ އޭނާގެ ހަށިފާރަވެރީންތަ؟" ޒޮރައިދާ ވާހަކަދެއްކިއެވެ.
"އަހަރެންނަށް ވެސް ހީވި މިތަނުގައި އިތުރުބަޔަކު ތިބިހެން" ޒޮރައިދާގެ ވާހަކަ އިވި އިކަރޯސް ނިކަން އަވަހަށް ބުނެލިއެވެ.
"ބިރުނުގަނޭ، އަހަރެމެންގެ ކުރިމައްޗަށް ފާޅުވެބަލަ... އަހަރެންނަކީ އުމްމު ޒޮރައިދާ، މި ކުއްޖާފުޅު އުފަންކުރި ފޫޅުމައި، އޭނާގެ މަންމަ، ޖިލައްޔާގެ ޚާދިމާއެއް، ދެން މިހުރީ އިކަރޯސް... އޭނާ އެހުރީ އަހަރެންނާއެކު، ނިކަން މި ކުއްޖާފުޅުގެ ޚަބަރު އަހަރެންނަށް ކިޔައިދީބަލަ" ޒޮރައިދާ އެދުނެވެ. ރައުލްގެ ކަންފަތްތެރޭ ފިލާ ތިބި ޠަލަބްއާއި ސިއްތާ ނުކުތެވެ. އަދި ރައުލްގެ ބޯ ކައިރިން އެ ދެ މީހުން ފާޅުވިއެވެ.
(ނުނިމޭ)