މެޗުގެ ފަހު ވަގުތުގައި ކްރިސްޓިއާނޯ ރޮނާލްޑީ ހެދި ހެޓްރިކާއެކު ސްވިޒަލޭންޑްގެ މައްޗަށް 3-1 ން މޮޅުވެ، ޔޫއެފާ ނޭޝަން ލީގްގެ ފައިނަލަށް ޕޯޗުގަލް ދަތުރު ކޮށްފި އެވެ.
އަމިއްލަ ދަނޑުގައި ހޯމް އެޑްވާންޓޭޖާއެކު ކުޅުނު ޕޯޗްގަލްއަށް ރޮނާލްޑޯ ޖަހައިދިން ފުރަތަމަ ލަނޑަކީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ކާމިޔބު ކުރި ލަނޑެކެވެ. ހިލޭ ޖެހުމަކުން ރޮނާލްޑޯ ލަނޑެއް މި ކާމިޔާބު ކުރީ ގާތްގަނޑަކަށް އެއް އަހަރު ދުވަސް ފަހުންނެވެ. ހިލޭ ޖެހުމަކުން މީގެ ކުރިން އޭނާ ލަނޑު ޖެހީ މިދިޔަ އަހަރުގެ ވޯލްޑްކަޕުގައި ސްޕެއިން އާއި ޕޯޗުގަލް ކުޅުނު މެޗުގަ އެވެ.
އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން ރޮނާލްޑޯ ވައްދާލީ ސީދާ އާރިއާގެ ތިރީ ކަނަށެވެ. ދެ ވަނަ ހާފުގައި، ސްވިޒަލޭންޑުން ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީގަ އެވެ. މެޗުގެ 57 ވަނަ މިނެޓްގައި ރިކާޑޯ ރޮޑްރިގުއިޒް ފޮނުވާލި ޕެނަލްޓީ ގޯލަށް ވަނީ ޕޯޗްގަލްގެ ކީޕަރު ރުއީ ޕެޓްރީޝިއޯ އަތުގައި ޖެހިފަ އެވެ.
މެޗުގެ 85 ވަނަ މިނެޓަށް ދިޔައިރު ނަތީޖާ ހަމަހަމަ ވެފައި އޮތުމުން ބެލެވުނީ އެކްސްޓްރާޓައިމްއަށް ދާނެ ކަމަށެވެ. މެޗުގެ 88 ވަނަ މިނެޓްގައި ބެނާޑޯ ސިލްވާ ތަނަވަސް ކޮށްދިން ފުރުސަތަކުން ރޮނާލްޑޯ ޕޯޗުގަލްގެ ދެ ވަަނަ ލަަނޑު ކާމިޔާބު ކޮށް ސްވިޒަލޭންޑްގެ އުންމީދުތައް ފެނަށް ދުއްވާލި އެވެ.
ރޮނާލްޑޯގެ ހެޓްރިކު އޭނާ ފުރިހަމަ ކުރީ، 90 ވަނަ މިނެޓްގައި ގޮންސާލޯ ގޭޖަސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އެއީ ރޮނާލްޑޯގެ 53 ވަނަ ހެޓްރިކެވެ. އަދި އޭނާގެ 16 އަހަރުވީ އިންޓަނޭޝަނަލް ކެރިއާގައި ޖެހި 88 ވަނަ ލަނޑެވެ.
އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި ޕޯޗުގަލް އާ ދެކޮޅަށް ނިކުންނަ ޓީމެއް އެނގިގެން ދާނީ، ސެމީ ފައިނަލު ފަހު މެޗުގައި މިރޭ ހޮލެންޑާއި އިންގްލެންޑް ބައްދަލު ކުރާ މެޗުންނެވެ.