އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާ ވަގުތަކީ މަޣުރިބު ނަމާދާއި އިޝާ ނަމާދާ ދެމެދުގެ ވަގުތަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ފަށްޓަވާނީ ހޮނިހިރު ދުވަހު އެވެ. ދެ ދުވަހަށް ކުރައްވާ އެ ދަތުރުފުޅުގައި މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެކަމުގެ ރުހުން ވެސް މަޖިލިސް މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ދީފަ އެވެ. އެ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ އިރުއޮއްސި 6:45 ގަ އެވެ.
އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ މަޖީހުގައި އިންޑިއާގެ ބޮޑުވަޒީރު ތަގުރީރު ކުރައްވާ ޖަލްސާ މަޣުރިބު ނަމާދާއި އިޝާ ނަމާދުގެ ދޭތެރެއަށްވާ ގޮތަށް އެޖެންޑާ ކުރަން ޖެހުނު ސަބަބާ މެދު ސުވާލު އުފައްދަވާފަ އެވެ. އެއީ ދިނާއި ސިޔާސަތު ވަކިކުރުމުގެ ވިސްނުމެއްގައި ކުރި ކަމެއްތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ވަޑައިގަތުމަކީ މުހިއްމު ކަމެއް ކަމަށާއި ދެ ގައުމުގެ ގުޅުން ބަދަހިވާނެ ކަމެއް ކަމަށެވެ. ނަމަވެސް ބޮޑުވަޒީރު ތަގުރީރު ކުރެއްވުމަށް ދެ ނަމާދު ދޭތެރޭގައި މަޖިލިސް ޖަލްސާއެއް ބޭއްވުމަކީ ރާއްޖޭގެ އާދަކާދައާ ސަގާފަތާއި ބީރައްޓެހި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގަޑީގެ މަޖިލިސް ޖަލްސާ ބާއްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ނަމަވެސް ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
"އިންޑިއާއިން ވެސް ރާއްޖޭގެ ސަގާފަތަށް އިހުތިރާމު ކުރާނެ. އަދި ދިވެހި ސަރުކާރުން މާ ބޮޑަށް އެ ކަންކަމަށް ބައްލަވާނެ ކަމަށް އުއްމީދު ކުރަން. ބޮޑަށް ގަބޫލު ކުރެވެނީ ސްޓޭޓް ވިޒިޓެއްވީމަ އެހެން ވަގުތެއް ނުލިބުނީ ކަމަށް. އިންޑިއާއާއެކު ގުޅުން ބަދަހި ކުރުމަށް ތާއީދު ކުރަން. ޖަލްސާއަށް ދާނަން." އާދަމް ޝަރީފުގެ ޕޯސްޓުގައިވެ އެވެ.
މީގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވަނީ އެ ކަމަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފަ އެވެ. ތޯރިގު ވިދާޅުވީ ބޮޑުވަޒީރު މޯދީއަށް ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދިނުމަށް މަޖިލީހުގައި ނެގި ވޯޓުގައި ވެސް ބައިވެރިވެވަޑައިނުގަންނަވާ ކަމަށާއި މޯދީ ތަގުރީރު ކުރެއްވުމުގެ ކުރިން މަޖިލިސް ޖަލްސާ ދޫކުރައްވާ ނުކުމެވަޑައިގަންނަވާނެ ކަމަށެވެ.
"ދީނާއި ސިޔާސަތު ވަކިކުރާ ސެކިއުލާ ވިސްނުމަށް ވަކާލާތު ކުރާ ފަރާތްތަކުން ރާއްޖެ، ސެކިއުލާ ސްޓޭޓަކަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަޅަކީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޣުރިބު ނަމާދާއި އިޝާ ނަމާދާ ދޭތެރެއަށް ހަމަޖެއްސުން." ޓޮމްގެ ޕޯސްޓްގައިވެ އެވެ.