ނޭމާ

ކޮޕާ އެމެރިކާއިން ނޭމާއަށް ފުރުސަތު ގެއްލިއްޖެ

ކޮޕާ އެމެރިކާގެ ކުރިން، ގަތަރާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗުގައި ބްރެޒިލްގެ ފޯވަޑް ނޭމާ ޖޫނިއާގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އޭނާއަށް ނުކުޅެވޭނެ ކަން ޔަގީން ވެއްޖެ އެވެ.

މެޗުގެ ކުރީ ކޮޅު ނޭމާއަށް ލިބުނު އަނިޔާގައި، އޭނާ ދަނޑުން ބޭލިއިރު އޭނަ އަށް ހުރީ ރޮވިފަ އެވެ. ބްރެޒިލްގެ ފެޑްރޭޝަނުން ބުނީ، ނޭމާއަށް ނުކުޅެވޭނެ ކަން ޔަގީންވެފައިވާ ކަމަށެވެ.

މިދިޔަ ދެ އަހަރު ފާހަގަ ކުރެވުނީ އަނިޔާގައި ނޭމާއަށް އުނދަގޫ ކުރިމަތިވި ދުވަސްތަކެއްގެ ގޮތުގައެވެ. މިދިޔަ އަހަރު ވޯލްޑަކަޕަށްވެސް އޭނާ ކުރިމަތިލީ، ކުލަބުގައި ލިބުނު އަނިޔާއިން ރަނގަޅުވެ ރިކަވާވިތަނުންނެވެ. އެހެންވެ ވޯލްޑްކަޕުގައިވެސް އޭނާގެ އަސްލު ކުޅުން ދެއްކޭ ގޮތެއް ނުވި އެވެ.

މި އަހަރުވެސް އޭނާގެ ކަކުލު ހުޅަށް އަނިޔާވެ ޕީއެސްޖީގެ ސީޒަންގެ ބޮޑުބައެއް އޭނާއަށް ގެއްލުނެވެ. އަނިޔާއިން މުޅި ރަނގަޅުވެ ކޮޕާ އެމެރިކާއާ ކުރިމަތިލާން ތައްޔާރުވީއިރު އަނެއްކާވެސް އޭނާއަށް އަނިޔާގެ މައްސަލަ ކުރިމަތިވީ އެވެ.

މިއީ ބްރެޒިލްގެ ކޯޗް ޓިޓޭ އަށް ކުމަތިވާނެ ބޮލުގެ ރިހުމެކެވެ. ރޭގެ މެޗަށް ފަހު އޭނާ އުންމީދު ކުރީ ނޭމާގެ އަނިޔާ ސީރިއަސް ނުވާނެ ކަމަށެވެ. އެހެންނަމަވެސް ހެދި ޓެސްޓްތަކުން އެނގުނީ ނޭމާގެ ފައިގެ ކުޑަ ހުޅުގެ ލިގަމެންޓަށް އަނިޔާވެފައިވާ ކަމަށެވެ.

ބްރެޒިލްގައި ބާއްވާ މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ބްރެޒިލް ނިކުންނާނީ ބޮލީވިއާ އާ ދެކޮޅަށެވެ.