ތިން ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި މިދިޔަ ހޯމަ ދުވަހު އެންމެ ފުރަތަމަ ހައްޔަރުކުރި ދެ މީހުންގެ ތެރެއިން ފިރިހެން މީހާގެ ބަންދު އިތުރުކޮށް އަންހެން މީހާ ދޫކޮށްލައިފި އެވެ. އެ ދެ މީހުންނަކީ މަންމައަކާއި ދަރިފުޅެވެ.
ފުލުހުން ބުނި ގޮތުގައި އެ ދެ މީހުންގެ ބަންދު އިތުރު ކުރުމަށް މިއަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން 25 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފަ އެވެ. އަންހެން މީހާ ދޫކޮށްލީ އެމީހާގެ ބަލި ހާލަތަށް ރިއާޔަތްކޮށްފަ ކަމަށް ފުލުހުން ބުންޏެވެ.
އެންމެ ފުރަތަމަ ހޯމަ ދުވަހު އެ ދެ މީހުން ހައްޔަރުކުރީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. ބަންދު ޖެހުމަށް ގެންދިޔައީ ކުރިމިނަލް ކޯޓަށެވެ. ނަމަވެސް 25 އަހަރުގެ ފިރިހެން މީހާ އާއި 52 އަހަރުގެ އަންހެން މީހާ ބަންދުކުރުމަށް ނެރެފައިވާ އަމުރުގައި އިޖުރާއީ މައްސަލަތަކެއް އުޅޭތީ ކުރިމިނަލް ކޯޓުން އެންގީ އެ ދެ މީހުން ދޫކޮށްލުމަށެވެ. ބަލައި ފާސްކުރަން ނެރެފައި އޮތް އަމުރުގައި އެ އަމުރު ނެރުނު ފަނޑިޔާރުގެ ނަމެއް ނެތެވެ. ނަން އޮތުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ލާޒިމް ކުރާ ކަމެކެވެ.
އެމީހުން ދޫކޮށްލުމުން ހުޅުމާލެ ކޯޓުން އިތުރު އަމުރެއް ހޯދައިގެން ރޭ ނޫން ކުރީ ރޭ އަނެއްކާވެސް އެ ދެ މީހުން ހައްޔަރުކުރި އެވެ. އަދި މިފަހަރު ބަންދު ޖެހުމަށް ގެންދިޔައީ ހުޅުމާލެ ކޯޓަށެވެ. ނަމަވެސް ހުޅުމާލެ ކޯޓުން ވެސް އެންގީ އެ ދެ މީހުން ދޫކޮށްލުމަށެވެ. އެއީ ބަންދު ޖެހުމަށް ހުށަހެޅުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތް ފުލުހުން ފުރިހަމަ ނުކުރާ ކަމަށް ބުނެ އެވެ.
މި މައްސަލާގައި ފުލުހުންނާއި ހުޅުމާލެ ކޯޓު އަދި ކުރިމިނަލް ކޯޓުން ވެސް ވަނީ ވާހަކަ ދައްކާފަ އެވެ. ފުލުހުން ދައްކަނީ ކޯޓުތަކުގެ އިހުމާލެވެ. ދެ ކޯޓަށް ވެސް ގޯހީ ފުލުހުން އަމަލު ކުރާ ގޮތެވެ. ފުލުހުން ބުނާ ގޮތުގައި އެ މައްސަލާގައި ވެސް އަމަލު ކުރަނީ އެހެން މައްސަލަތަކުގައި އަމަލު ކުރާ ގޮތަށެވެ. އިޖުރާއަތްތަކާ ފުލުހުން ހިލާފުވެފައެއް ނޯންނާނެ އެވެ.
ނަމަވެސް ކުރިމިނަލް ކޯޓުން ރޭ ބުނެފައިވަނީ އެ މައްސަލާގައި ފުލުހުން އަމަލު ކުރާ ގޮތާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ. އަދި ފުލުހުން ވަނީ އަދުލުގެ ނިޒާމްގެ ތަރުތީބު މުގުރާލާފައިވާ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ބަދަލުގައި އާ އަމުރެއް ހޯދައި އަލުން އެ މީހުން ހައްޔަރުކޮށް ބަންދު އިތުރު ކުރުމަށް ކުރިމިނަލް ކޯޓުގެ ބަދަލުގައި ހުޅުމާލެ ކޯޓަށް ގެންދިޔުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ކުރިމިނަލް ކޯޓުން ބުންޏެވެ.