ހަބަރު

ކުޑަރިކިލު އެނބުރޭ ދޮރާއި ބާ މިސްކިތް ޒުވާނުން ސާފުކޮށްފި

Jun 6, 2019
7

ކުޑަރިކިލުގައި ހުންނަ އާސާރީ މިސްކިތް، "ބާމިސްކިތް" އެރަށު ޒުވާނުން ނުކުމެ ސާފުކޮށްފި އެވެ.

އެމަސައްކަތް ކޮށްފައިވަނީ އެރަށުގައި އޮންނަ ޒުވާން ބޮޑުބެރު ގުރޫޕް، ހިއްޗާ ބޮޑުބެރު ގުރޫޕުންނެވެ. އެގުރޫޕުން އެމަސައްކަތް ކޮށްފައިވަނީ އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާ މިނިސްޓްރީ އާއި އެރަށު ކައުންސިލާއި ގުޅިގެނެވެ.

ހިއްޗާ ބޮޑުބެރު ގުރޫޕުން ބުނީ، އެގުރޫޕް އިސްނަގައިގެން އެމަސައްކަތް ކުރީ އެތަނަކީ މުޅި ރާއްޖޭގައިވެސް ނުފެންނަފަދަ އާކިޓެކްޗާ މަސައްކަތްތަކެއް ހުރި ތަނަކަށްވެފައި އެތަނަށް އަޅާނުލައި ގިނަދުވަސްތަކެއްވެ، މުޅި ތަން ވަރަށް ބޮޑަށް ހަޑިވެފައިވާތީ ކަމަށެވެ. އެހެންކަމުން އެތަން ރީތިކުރަން ވިސްނައި މިއަދު އެމަސައްކަތް ކުރީ ކަމަށް އެގުރޫޕުން ބުންޏެވެ.

އެގުރޫޕުން ބުނީ، އެތަން މިހާރަށްވުރެ ބޮޑަށް ބަލަހައްޓައި މިނިސްޓްރީގެ އެއްބާރުލުމާއެކު އެމިސްކިތް އަލުން ބިނާ ކުރުމަކީ ޒުވާނުންގެ އުންމީދެއް ކަމަށެވެ.

ކުޑަރިކިލު ބާކިސްކިތަކީ ފަންނުވެރިކަން ދައްކުވައިދޭ މިސްކިތެކެވެ. މިސްކިތުގެ ފާރުގައި ހަދާފައިވާ ސަމުގާއެއް ރަމްޒްކޮށްދޭ ދެ ކުޑަ ދޮރު ހުރެ އެވެ. ދެ ދޮރުވެސް ފަރުމާކޮށްފައި ވަނީ ކުކުޅު ބިހުގެ ބައްޓަމަށެވެ. ފާރުގެ ތެރެއިން ކަނޑާ ނަގާފައިވާ އެ ދެ ދޮރު ވެސް ހުންނަނީ އަނބުރާ ލެވޭ ގޮތަށެވެ.

ކުޑަރިކިލުގެ ބާމިސްކިތާއި މި ދެ ދޮރަކީ މި ރަށް ދުށް ގަލާއި އުވައިގެ ވަޑާމަށް އެންމެ ކުޅަދާނަ ބޭފުޅާ މުހައްމަދު އަލި މަނިކު (ނައިބު ކަލޭފާނު) ގެ ފަންނުވެރި ކަމެވެ. އޭނާގެ ޑިޒައިނެކެވެ. މި މިސްކިތް އިމާރާތް ކުރެއްވީ ވެސް ނައިބުކަލޭފާނެވެ.

އެމިސްކިތުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ 1989 ވަނަ އަހަރު އެވެ. އެމިސްކިތަށް އަޅާނުލައި ހުރުމުން ވަރަށް ބޮޑަށް ވަނީ ވީރާނާވެފަ އެވެ. އެމިސްކިތުގެ ފުރާޅުވެސް ވަނީ އެއްކޮށް ހަލާކުވެފަ އެވެ.

ހިއްޗާ ބޮޑުބެރު ގުރޫޕަކީ ޒުވާނުންނަށް ނަމޫނާ ގުރޫޕެކެވެ. އެގުރޫޕުން ކޮންމެ ކުޑަ އީދެއްގައި އީދު ފާހަގަ ކުރަނީ އެރަށުގައި ތިބޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކު އެވެ. މިއަހަރު ކުޑައީދުވެސް އެގުރޫޕުން ފާހަގަ ކުރީ ހާއްސައެހީއަށް ބޭނުންވާ ކުދިންނާއެކު އެވެ. އެގުރޫޕުން މިއަހަރުވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާހަށް 10،000 ރުފިޔާގެ ތަކެތި ހަދިޔާކުރަންވެސް ނިންމާފަ އެވެ.