ހަބަރު

އެމްބަސީތަކަށް ހުޅުމާލޭން ސަރަހައްދެއް ކަނޑައަޅައިފި

Jun 6, 2019
8

މާލޭގައި ހުރި ގައުމުތަކުގެ އެމްބަސީތައް ހުޅުމާލެއަށް ބަދަލު ކުރުމަށް ދެވަނަ ފިޔަވަހިން ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު "އަވަސް" އަށް ވިދާޅުވި ގޮތުގައި، މާލޭގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން، މާލޭގައި ހުރި އެމްބަސީތައް ހުޅުމާލެއަށް ބަދަލު ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށެވެ.

އެގޮތުން، އިންޑިއާ ހައިކޮމިޝަން އަޅަން ހުޅުމާލޭން ދޭން ނިންމާފައިވާ ބިން ވެސް ހަމަޖައްސާފައި ވަނީ އެ ސަރަހައްދުން ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ. ދުނިޔޭގެ އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން، ބޭރުގެ މިޝަންތައް އެއް ސަރަހައްދެއްގައި ގާއިމު ކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 30،000 އަކަ ފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށް "އަވަސް" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ނަމަވެސް، އެ ސަރަހައްދުގެ ބޮޑުމިން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

އެ އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި، ބޭރުގެ އެމްބަސީތަކަށް އެ ސަރަހައްދުން ބިން ދޫކުރާނީ އެ ގައުމަކުން އެދިއްޖެނަމަ އެވެ.

"މިހާރުވެސް މާލޭގައި ޖާގައިގެ ދަތިކަން ބޮޑު. އަދި ރާއްޖޭގައި އެމްބަސީ ގާއިމު ކުރަން އެހެން ގައުމުތަކުން ވެސް ދަނީ އެދެމުން. އެހެންވީމަ ސަރުކާރުގެ ވިސްނުމަކީ އެމްބަސީތަކަށް އެއް ސަރަހައްދެއް ހަމަޖެއްސުން. އޭރުން ސެކިޔުރިޓީ ކަންތައްތަކަށްވެސް ފަސޭހަ ވެގެންދާނެ،" އޮފިޝަލު ވިދާޅުވި އެވެ.

މިހާރު މާލޭގައި ހުރި ޗައިނާ، ބަންގްލަދޭޝް، ޕާކިސްތާނު، ސައުދީ އަދި ސްރީލަންކާ އެމްބަސީ ހުޅުމާލެއަށް ބަދަލުކުރަން ހުޅުމާލޭން ބިން ދޭނީ އެ ގައުމަކުން އެދިއްޖެ ހިނދެއްގައިކަމަށް އޮފިޝަލް އިތުރަށް ވިދާޅުވި އެވެ.

އާ އިންޑިއާ އެމްބަސީ އަޅަން ހުޅުމާލޭން ދިން ބިމުގައި އަޅާ އިމާރާތުގެ ބިންގާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޮނިހިރު ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އަޅުއްވައި ދެއްވުމަށް ހަމަޖެހިފައިވާކަން ވަނީ އެނގިފަ އެވެ.