ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއު އާއި، މަސްވެރިކަން ތަރައްގީ ކުރަން 771 މިލިއަން ރުފިޔާގެ އެހީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ދިނުމާ ބެހޭ އެއްބަސްވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ސޮއި ކުރައްވައިފި އެވެ.
މި ދެ މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރު ޝާހިދު ސޮއިކުރެއްވީ މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ މި އެއްބަސްވުންތަކާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށެވެ. އަދި ސައޫދީއިން މި އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އިގުތިސޯދަށް ދިމާވި ހީނަރު ކަމާއެކު، ބޭރުގެ މާލީ އެހީތެރި ކަމަށް ރާއްޖެއިން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.
މި އެހީއާއެކު މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި، އަތްފޯރާ އަގެއްގައި ދިވެހިންނަށް ބޯހިޔާވަހިކަން ހޯދުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް އަންނާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
ސައޫދީ އަރަބިއްޔާއަކީ އަބަދުވެސް ރާއްޖޭގައި ހިންގަމުން އަންނަ އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް އެހީވާ ގައުމެއްކަން ފާހަގަކުރައްވައި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމާއި، ހުޅުމާލޭ ދެވަނަ ފިޔަވަހި މިސާލެއްގެ ގޮތުގައި މިނިސްޓަރު ނެންގެވިއެވެ. އަދި ސައޫދީއިން އަބަދުވެސް ރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސައޫދީ ރަސްގެފާނު، ދެ ހަރަމްގެ ހާދިމް ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދާއި، ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއި ދިވެހި ސަރުކާރާ ރައްޔިތުންގެ ފަރާތުން ހާއްސަ ޝުކުރެއް މިނިސްޓަރު ޝާހިދު އަދާކުރެއްވިއެވެ.
މި އެއްބަސްވުމުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއަށް 25 މިލިއަން ޑޮލަރު އަދި މަސްވެރިކަން ތަރައްގީ ކުރުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިގެން ދާނެއެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހިންގާ ސޯޝަލް ހައުސިން ޕްރޮޖެކްޓުން 2700 މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށާއި، މަސްވެރިކަމުގެ ސިނާއަތުގައި ހިންގާ މަޝްރޫއުން މަސްވެރިކަމާ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ 25000 ދިވެހިންނަށް އެކަމުގެ ސަބަބުން ފައިދާވެގެންދާނެ ކަމަށް މިނިސްޓަރު ޝާހިދު މިއަދު ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މާލޭގައި ހުންނަ ސައޫދީ އެމްބަސީގެ އިސް އޮފިޝަލުންނާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.