ހަބަރު

ޔޫއޭއީގެ އެމްބަސީ އަޅަން ހުޅުމާލޭން ބިމެއް ދޫކޮށްފި

ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތައް އެއް ތަނެއްގައި ހެދުމަށް ހުޅުމާލޭގެ ދެވަނަަ ފިޔަވަހީގައި ކަނޑައެޅި ބިމުގެ ސަރަހައްދުގައި ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫއޭއީ) ގެ އެމްބަސީ ގާއިމު ކުރުމަށް އެ ސަރައްދުން ބިމެއް ދިވެހި ސަރުކާރުން މިއަދު ދޫކޮށްފި އެވެ.

ބޭރު ގައުމުތަކުގެ އެމްބަސީތައް ގާއިމު ކުރުމަށް ކަނޑައެޅި "ޑިޕްލޮމެޓިކް އެކްލޭވް" ސަރަހައްދުން މީގެ ކުރިން ވަނީ އިންޑިއާއާއި، ސްރީލަންކާއާއި، ބަންގްލަދޭޝް، އަދި ޗައިނާއަށް އެމްބަސީ ގާއިމު ކުރުމަށް ބިން ދޫކޮށްފަ އެވެ. ނަމަވެސް އެ ގައުމުތަކަށް އަދި ޔޫއޭއީއަށް ވެސް ދޫކުރި ބިމުގެ ބޮޑުމިނުގެ އެއްވެސް ތަފުސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ޑިޕްލޮމެޓިކް އެންކްލޫވްއެއްގެ ގޮތުގައި ހުޅުމާލޭން ވަކި ސަރަހައްދެއް ކަނޑައަޅަން ނިންމީ އެހެން ގިނ ގައުމުތަކެއްގައި ވެސް އެ ކަން ކުރާ އުސޫލުން އެ އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފަސޭހައަކަށެވެ.

އޭގެ އިތުރުން މާލެއަކީ މިހާރު ވެސް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ރަށަކަށްވާތީވެ، ރާއްޖޭގައި ކުރިއަށް އޮތް ތަނުގައި ވެސް ގިނަ ގައުމުތަކެއްގެ އެމްބަސީތައް ހުޅުވޭއިރު ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެތީވެ ހުޅުމާލޭން އެ ކަމަކަށް ހާއްސަ ބިމެއް ކަނޑައަޅަން ނިންމީ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މާލޭގައި ހުރި އެމްބަސީތަކުގެ ވެހިކަލްތައް ޕާކް ކުރުމަށް ދިމާވާ ދަތިތަކަށް ލުއެއް ލިބިގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.