ހަބަރު

އެމްބަސީތައް ބަދަލު ކުރަން ބިލިއަނެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމް ކުރާ ޑިޕްލޮމެޓިކް އެންކްލޭވަށް ބޭނުންވާ ބިން ގަތުމަށް އެއް ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފި އެވެ.

ފޮރިން މިނިސްޓްރީން ނިންމާފައި ވަނީ ޑިޕްލޮމެޓިކް އެންކްލޭވްއެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅައި، ރާއްޖޭގައި ގާއިމްކޮށްފައިވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް އެއް ސަރަަހައްދެއްގައި ގާއިމް ކުރަން ނިންމައިފަ އެވެ. އެއީ އެހެން ގިނަ ގައުމުތަކެއްގައި ވެސް އެކަން ކުރާ އުސޫލުން އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފަސޭހަ ވެގެންދާނެތީ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އެ މަސައްކަތަށް އެއް ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ އިރު ސަރުކާރުން މިހާރު ވަނީ އިންޑިއާ، ޗައިނާ، ސްރީލަންކާ އަދި ބަންގްލަދޭޝްއަށް ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ހަމަޖައްސާދީފަ އެވެ. އަދި އިންޑިއާގެ އާ ހައިކޮމިޝަން އިމާރާތް އަޅަން ހުޅުމާލެއިން ދީފައިވާ ބިމުގައި އެ އިމާރާތުގެ ބިންގާވެސް ވަނީ އަޅާފައެވެ.

ޑިޕްލޮމެޓިކް އެންކްލޭވަށް ހުޅުމާލެއިން ދިނުމަށް ހަމަޖެހިފައި ވަނީ 30،000 އަކަފޫޓުގެ ބިމެކެވެ.