ހަބަރު

މޯދީގެ ދަތުރުފުޅުގައި އާ އިންޑިއާ އެމްބަސީގެ ބިންގާ އަޅުއްވާނެ

Jun 6, 2019
28

އަންނަ ހޮނިހިރު ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، އާ އިންޑިއާ ހައިކޮމިޝަން އެޅުމަށް ހުޅުމާލޭން ދޭން ނިންމާފައިވާ ބިމުގައި އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވާނެކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މިދިޔަ މާޗް މަހު އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އިންޑިއާ ހައިކޮމިޝަން އަޅަން ހުޅުމާލޭން ބިމެއް ދޭން ނިންމާފައިވާކަން ވަނީ އިއުލާނުކޮށްފަ އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު "އަވަސް" އަށް ވިދާޅުވި ގޮތުގައި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ހުޅުމާލެ ދެވަނަ ފިޔަވަހިން އިންޑިއާ ހައިކޮމިޝަން އަޅާ ބިން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

އަދި މޯދީގެ ދަތުރުފުޅުގައި އެތަނުގެ ބިންގާ އެޅުއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ. އިންޑިއާ ހައިކޮމިޝަން އަޅަން ބިން ދެނީ، މާލޭގައި ހުރި އެހެން އެމްބަސީތައްވެސް ހުޅުމާލެއަށް ބަދަލުކުރެވޭގޮތަށް ކަނޑައަޅާފައިވާ ހާއްސަ ސަރަހައްދަކުން ކަމަށް ވެސް "އަވަސް" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެހެން ގައުމުތަކެކޭ އެއްފަދައިން، ޑިޕްލޮމެޓިކް މިޝަންތައް ހުންނަ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 30،000 އަކަ ފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވާކަމަށް ވެސް ވަނީ އެނގިފަ އެވެ. ނަމަވެސް، ރަސްމީކޮށް އެ ސަރަހައްދުގެ ބޮޑުމިން އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއްނުވެ އެވެ.

ދެ ދުވަހުގެ މުއްދަތަށް މޯދީ ކުރައްވާ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފަ އެވެ.

ބޮޑުވަޒީރުގެ ދަތުރުފުޅާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް ބޭފުޅުން ވިދާޅުވީ ސިވިލް ސާވެންޓުންނަށް ތަމްރީނު ދިނުމާ ގުޅޭ އެއްބަސްވުމަކާއި ކަސްްޓަމްސް އާއި ޝިޕިން އާއި ގުޅޭ މުހިއްމު އެއްބަސްވުންތަކެއްގައި ވެސް ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް އެކި ދާއިރާތަކުން އެހީވުމުގެ އެއްބަސްވުންތަކުގައި ސޮއިކުރާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.