ކުޅިވަރު

ދިވެހި ފުޓްބޯޅައަށް ތާރީހީ ފެށުމެއް!

އައްޑޫގައި ބޭއްވި ގައުމީ ފުޓްބޯޅަ މުބާރާތާއި، އަދި އައްޑޫ އާއި ކުޅުދުއްފުށީގައި ބޭއްވި ޕްރެޒިޑެންޓް ކަޕަކީ، މާލެއިން ބޭރުގައި ބޭއްވި ރާއްޖޭގެ ރަސްމީ މުބާރާތްތަކެވެ. މިއަދު އެ ތާރީހު ފުށުން ޖެހިގެން އަންނަނީ ތަފާތު ބަދަލަކުންނެވެ. ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ސީޒަން ހޯމް އެންޑް އަވޭ އުސޫލުން ފެށިގެން ދިއުމެވެ. މާލެއަށް ނިސްބަތްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ށ. ފޯކައިދޫއަށް ނިސްބަތްވާ ފޯކައިދޫ ފުޓްބޯޅަ ކުލަބުން ސީޒަން ހުޅުވާ ޗެރިޓީ ޝީލްްޑްގައި މިއަދު ބައްދަލު ކުރާނެ އެވެ.

މިއަދު ފޯކައިދޫގައި ކުޅޭ މެޗަކީ، ފޯކައިދޫގެ ހޯމް މެޗެވެ. އަދި އެއީ ޗެރިޓީ ޝީލްޑްގެ ފުރަތަމަ ލެގް މެޗެވެ. މި މެޗަށް ފަހު ފޯކައިދުއިން މާލެއަށް އައިސް ގަލޮޅު ދަނޑުގައި ކުޅޭ މެޗަކީ، ޓީސީގެ ހޯމް މެޗެވެ. އަދި ދެ ވަނަ ލެގް މެޗެވެ.

ރާއްޖޭގެ ރަސްމީ ލީގް ހޯމް އެންޑް އަވޭ އުސޫލުން ބަދަލު ކުރުމަށް ދެކެވޭ ވާހަކަތައް މިދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭ ގަދަ ވެއްޖެ އެވެ. އެކަމަށް ބާރު އަޅާ ފުޓްބޯޅައިގެ ހަރަކާތްތެރިވާ އެކި ފަރާތްތަކުން ވާހަކަ ދައްކަ އެވެ. މިއަދު ޓީސީ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނަ ފޯކައިދޫގެ ކޯޗް އަލީ ނިޝްތާރު މުހައްމަދު ގަބޫލު ކުރާ ގޮތުގައި ދިވެހި ޕްރިމިއާ ލީގުވެސް ހޯމް އެންޑް އަވޭ އުސޫލުން ފެށުމުގެ ފުރަތަމަ ފިޔަވަޅަށް މިކަން ވެގެންދާނެ އެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ފުރަތަމަ އަހަރު މުބާރާތް ބޭއްވީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. އެހެންނަމަވެސް އެ ކަމުގެ ހަރަދު ބޮޑުކަމުން ބަދަލު ކުރީ އެވެ.

މިފަހަރު އެފްއޭއެމުން އެކަން މިފެށީ އާ ބަދަލަކާއެކު އެވެ. މާލެއިން ޓީމެއް އެހެން ރަށަކަށް ގޮސް އެ ރަށުގެ ޓީމާ ދެކޮޅަށް ކުޅެން ހަމަޖެއްސުމެވެ.

"ހޯމް އެންޑް އަވޭ ސިސްޓަމަކީ ވަރަށް ޕޮޒިޓިވް ބަދަލެއް،" ނިޝްތާރު ވާހަކަ ދެއްކި އެވެ. "އަހަރެމެން އުންމީދު ކުރަނީ އަވަސް މުސްތަގުބަލެއްގައި މިކަން ދިވެހި ޕްރިމިއާ ލީގުގައި ވެސް އަމަލު ކުރާނެ ކަމަށް، އަހަންނަށް ޔަގީން އެކަމުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަން ސަޕޯޓް ބޭސް އާއި ލޯކަލް ވިޔަފާރިތަކަށް ވެސް ރަނގަޅުވާނެ."

ނިޝްތާރު ބުނީ، އެކި ސަބަބުތަކާހެދި މާލޭގައި ދިރިއުޅެވެން ނެތް ކިތަންމެ ހުނަރުވެރި ކުޅުންތެރިޔެއް އަތޮޅުތެރޭގައި އެބަތިބި ކަމަށެވެ.

"ރަށްރަށުގައި އެބަތިބި ގައުމީ ޓީމުގެ ޖާގައަށް ޗެލެންޖު ކުރަން ބޭނުންވާ ކުޅުންތެރިން، އެ ކުޅުންތެރިންނަށް އެފުރުސަތު ތަނަވަސް ވާނީ ހޯމް އެންޑް އަވޭ ސިސްޓަމަށް ލީގްވެސް ބަދަލު ކުރެވިގެން،" ނިޝްތާރު ބުންޏެވެ. "އަހަރެން އުންމީދު ކުރަން އެފްއޭއިން އެގޮތަށް ބަދަލު ގެންނާނެ ކަމަށް."

މިއަދު ފޯކައިދޫ ކުޅޭ މެޗުގައި ފެންނާނެ އެންމެ ބޮޑު ތަފާތަކީ، ސަޕޯޓަރުންގެ ބޭސް އެވެ. އަމިއްލަ ދަނޑުގައި ކުޅޭ ރަށު ޓީމަށް ސަޕޯޓް ކުރަން ފޯކައިދޫގެ ރައްޔިތުން ދާނެ އެވެ. ގަލޮޅު ދަނޑުން ތަދު ވެފައި އޮތް ސަޕޯޓް މިއަދު ފެނިގެންދާނެ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ހަގީގީ ސަޕޯޓަރުން ތިބީ ރަށްރަށުގަ އެވެ.