ނާސާ

ނާސާއިން ޖައްވަށް ޓޫރިސްޓުން ގެންދަނީ

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ޖައްވުގައި ގާއިމްކޮށްފައިވާ އިންޓަނެޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ފަތުރުވެރިންގެ ގޮތުގައި ޕްރައިވެޓް އެސްޓޮރޮނޯޓުން ގެންދަން ނިންމައިފި އެވެ. އައިއެސްއެސް ޕްރައިވެޓް އެސްޓޮރޮނޯޓުން ގެންދަން ފަށާނީ 2020 ގައެވެ.

ނާސާގެ ޑެޕިއުޓީ ޑައިރެކްޓާ ރޮބީން ގެޓެންސް ވިދާޅުވީ، އައިއެސްއެސްއަށް ފަތުރުވެރިންގެ ގޮތުގައި އެސްޓްރޮނޯޓުން ގެންދާނީ އަހަރަކު ދެ ފަހަރު ކަމަށެވެ. އަދި ޓޫރިސްޓުންނަށް އައިއެސްއެސްގައި މަޑު ކުރެވޭނީ 30 ދުވަހުގެ މުއްދަތަށް ކަމަށެވެ.

އައިއެސްއެސް އަށް ދަތުރު ކުރަން ބޭނުންވާ އެސްޓްރޮނޯޓުން ނާސާއަށް 35،000 ޑޮލަރު ދައްކަން ޖެހެ އެވެ. ނާސާއިން ބުނީ ޕްރައިވެޓް އެސްޓްރޮނޯޓުން އައިއެސްއެސް އަށް ގެންދަން ހަމަޖައްސާފައިވަނީ އިލޯން މަސްކުގެ "ސްޕޭސް އެކްސް" ކުންފުނި މެދުވެރިކޮށެވެ.

ސްޕޭސް އެކްސް އެސްޓޮރޮނޮޓުން ޖައްވަށް ގެންދާނީ "ޑްރެގަން ކެޕްސޫލް" ނަމަކަަށް ކިޔާ ޖައްވީ އުޅަނދެއްގަ އެވެ. ސްޕޭސް އެކްސް ކުންފުންޏަކީ މިހާރު ވެސް ނާސާއިން ޖައްވުމުގައި ކުރާ ތަހުލީތުތަކަށް އެސްޓްރޮނޯޓުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ. ޖައްވަށް ދެން އެސްޓްރޮނޯޓުން ގެންދިޔުމުގެ ނާސާއިން ހަމަޖައްސާފައިވާ ކުންފުންޏަކީ، ބޮއިންގެ ކުންފުންޏެވެ. ބޮއިން ކުންފުނިން މިހާރު ގެންދަނީ ސްޓާލައިނާ ނަމުގައި ޖައްވީ އުޅަނދެއް ބަނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އައިއެސްއެސްއަކީ ޖައްވީ ގޮތުން އެމެރިކާއާއި ވާދެވެރި ރަޝިއާގެ އެހީތެރިކަމާއެކު 1998 ވަނަ އަހަރު ޖައްވީ ހޯދުންތައް ހޯދުމުގެ އުފެއްދި ސްޓޭޝަން އެކެވެ. ދެހާސް އެއްވަނަ އަހަރު އެމެރިކާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޑެނިސް ޓިޓޯ ވަނީ 20 މިލިއަން ޑޮލަރު ރަޝިއާގެ ޖައްވީ އިދާރާއަށް ދިނުމަށްފަހު އައިއެސްއެސް ގޮސްފަ އެވެ. ޑެނިސް ޓިޓޯ އަކީ ޖައްވީ ސްޓޭޝަންއަށް ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިޔާ އެވެ.

އެމެރިކާގެ ސަރުކާރުން ދަނީ 2025 ވަނަ އަހަރުގެ ނިޔަލަށް އައިއެސްއެސް ފުރިހަމަ މިލްކުވެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.