ޓެކްނޯލޮޖީ

ފަޒާއަށް ދިޔަ ފުރަތަމަ ބިލިއަނަރަކަށް ރިޗަޑް ބްރެންސަން

މުޅި ދުނިޔެއިން އެންމެ ފުރަތަމަ ފަޒާއަށް ދިޔަ ބިލިއަނަރަށް މަޝްހޫރު ރިޗަޑް ބްރެންސަން ވެއްޖެ އެވެ.

މިރޭގެ ވަގުތެއްގައި ރިޗަޑް ވަނީ އޭނާގެ ކުންފުނި ވާޖިންގެ "ވާޖިން ގެލެކްޓިކްސް" ގެ ޖައްވީ އުޅަނދެއްގައި ޖައްވަށް ގޮސް މި ލަގަބު ހާސިލު ކޮށްފަ އެވެ. އަދި މި ދަތުރަށް "ޔުނިޓީ 22 މިޝަން" ގެ ނަމުން ނަންދީފައި ވެއެވެ.

ރިޗަޑް ބްރޭންސަންގެ ތާރީހީ މި ދަތުރު 20 މިނިޓަށް ދެމިގެން ދިޔަ އެވެ. އެއީ އެ އުޅަނދު ބިމުން ނައްޓާލުމާއި ފަޒާގައި ހޭދަ ކުރި ވަގުތާއި އަދި އަނބުރާ ޖެއްސި ވަގުތުގެ ޖުމްލަ އެވެ. އަދި މި ދަތުރުގައި ރިޗަޑް ބްރެންސަން އާއި އެއްކޮށް ކްރޫ މެމްބަރުންގެ ގޮތުގައި ފަސް މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ޕައިލެޓުންގެ ގޮތުގައި ޑޭވް މެކޭ އަދި މައިކަލް މެސުޗީ ބައިވެރިވި އިރު ކެބިންގައި ޗީފް އެސްޓްރޮނޯޓް އިންސްޓްރަކްޓާ ބެތު މޯޒެސް، ލީޑް އޮޕަރޭޝަންސް އިންޖިނިއާ ކޮލިން ބެނެޓް އަދި އެ ކުންފުނީގެ ގަވަމެންޓް އެފެއާސް އެންޑް ރީސާޗްގެ ނައިބު ރައީސް ސިރިޝާ ބަންޑްލާ ބައިވެރިވި އެވެ. ޖުމްލަ ހަ މީހުން މި ދަތުރުގައި ހިމެނެ އެވެ.

ރިޗަޑްގެ މި ދަތުރު ކޮށްފައި ވަނީ ބްލޫ އޮރިޖިންގެ ޖެފް ބޭޒޯސް ފަޒާއަށް ދަތުރު ކުރަން ނިންމާފަ ވަނިކޮށެވެ.

މި ތާރީހީ ދަތުރުގެ ކުރިން ވަނީ މި ދެ ކުންފުނީގެ މެދުގައި ބަހުގެ ހަމަލާތަކެއް ވެސް ބަދަލު ކޮށްފަ އެވެ. ސޯޝަލް މީޑިއާގައި ޖެފް ބޭޒޯސް ބުނެފައި ވަނީ ވާޖިން ގެލެކްޓިކްގެ ދަތުރުގައި ބައިވެރިވާ ދަތުރުވެރިންނަކީ އަސްލު ފަޒާއަށް ދަތުރު ކުރާ ބައެއް ނޫން ކަމަށެވެ. ސަަބަބަކީ ބައިނަލްއަގުއާމީ މިންގަނޑުގެ ތެރެއިން ފަޒާ ކަމަށް ބެލެވޭ "ކާމަން ލައިން" އާއި ހިސާބަށް އެ ޖައްވީ އުޅަނދު ދަތުރު ނުކުރާތީ އެވެ.

ވާޖިން ގެލެކްޓިކްއިން ދުނިޔޭގެ 55 މޭލު މަތިން ދަތުރު ކުރާނެ އެވެ. ނަމަވެސް "ކާމަން ލައިން" އަކީ ދުނިޔޭގެ 62 މޭލު މައްޗެވެ.

ވާޖިން ގެލެކްޓިކް އާއި ހިލާފަށް ބްލޫ އޮރިޖިން އިން އެ ކުންފުނީގެ ޖައްވީ އުޅަނދު "ކާމަން ލައިން" އާއި ހިސާބަށް ދަތުރު ކުރާނެ އެވެ.

ޖެފްގެ މިބަހަށް ރައްދު ދެމުން ވާޖިން ގެލެކްޓިކްއިން ބުނެފައި ވަނީ އެމެރިކާގައި ބޭނުންކުރާ މިންގަނޑުތަކަށް ބަލާއިރު ފަޒާ ކަމުގައި ކަނޑައެޅިފައިވާ އުސް މިނަށް އެ އުޅަނދަށް ދަތުރު ކުރެވެ އެވެ. މި ދަތުރުގައި ވާޖިން ގެލެކްޓިކްއިން 55 މޭލު މައްޗައް ދަތުރު ކުރި އެވެ. އެމެރިކާގައި ފަޒާ ކަމަށް ކަނޑައަޅާފައި ވަނީ 50 މޭލު މައްޗެވެ.

ރިޗަޑްގެ މި ދަތުރު ބައްލަވާލަން ސްޕޭސް އެކްސްގެ ބާނީ އިލޮން މަސްކް ވަނީ ނިއުމެކްސިކޯއަށް ގޮސް ހަމަ ލޮލުން މި މަންޒަރު ބައްލަވާފަ އެވެ.