ޖެފް ބެޒޯސް

ޖެފް ބެޒޯސްއާއެކު 18 އަހަރުގެ ޒުވާނަކު ފަޒާއަށް

ޖެފް ބޭޒޯސްގެ ބްލޫ އޮރިޖިން ރޮކެޓްގައި ފަޒާއަށް ދަތުރު ކުރާ ފުރަތަމަ ކަސްޓަމަރަކީ 18 އަހަރުގެ ޒުވާނެކެވެ.

ޑަޗް ޒުވާނެއް ކަމަށްވާ އޮލިވާ ޑޭމިއަން މި ދަތުރުގައި ބައިވެރިވާކަން އިއުލާން ކޮށްފައި ވަނީ ބްލޫ އޮރިޖިން އިން ކުރި ޓްވީޓެއްގަ އެވެ. އަދި މި ދަތުރު ކުރަން ހަމަޖައްސާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

ޑަޗްގެ "ޕްރައިވެޓް އިކުއިޓީ އެގްޒެކެޓިވް" އެއްގެ ދަރިއެއް ކަމަށްވާ ޑޭމިއަން މި ޖާގަ ހޯދާފައިވަނީ މިދިޔަ މަހު ބޭއްވި ޓިކެޓް ނީލަމަކުންނެވެ.

ޑޭމިއަން އަށް ޖާގަ ލިބިފައި ވަނީ ދެވަނަ ދަތުރުގައި ބައިވެރި ވުމަށެވެ. ނަމަވެސް ފުރަތަމަ ދަތުރުގެ ޓިކެޓް ގަނެފައި ވާ ފަރާތުން ދަތުރު ލަަސް ކުރުމުން ފުރަތަމަ ދަތުރުގައި ބއިވެރި ވާން ޖާގަ ލިބުނީ އެވެ.

ފުރަތަމަ ދަތުރުގެ ޓިކެޓްގެ 28 މިލިއަން ޑޮލަރުގެ ނީލަން ކާމިއާބު ކުރި ފަރާތުގެ ނަން އަދިވެސް ހާމަ ކޮށްފައެއް ނުވެ އެވެ. އަދި ބްލޫ އޮރިޖިން އިން ބުނި ގޮތުގައި އެ މީހާ ފަހުގެ ދަތުރެއްގައި ބައިވެރި ވާނެ އެވެ.

ބްލޫ އޮރިޖިންގެ މި ދަތުރަކީ އެ ކުންފުނީގެ "ސަބް އޯބިޓަލް" ރޮކެޓް ތަކުގައި ފުރަތަމަ ފަހަރަށް އިންސާނުން ދަތުރު ކުރާ ފަހަރެވެ.