ވިޔަފާރި

ކުރުނބާ މޯލްޑިވްސް އަށް ޓްރެވަލް ލައިފް ގޯލްޑް އެވޯޑު ލިބިއްޖެ

Jul 19, 2015

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި، ރިސޯޓުކަމަށްވާ ކުރުނބާ މޯލްޑިވްސްއަށް "ޓްރެވަލް ލައިފް ގޯލްޑް" އެވޯޑު ލިބިއްޖެ އެވެ.

ތިމާވެށްޓަށް މީހުން ހޭލުންތެރި ކުރުވައި، ތިމާވެށި ހިމާޔަތް ކުރުމަށް އިސްކަންދޭ ފަރާތްތަކަށް ހާއްސަކޮށްގެން ދޭ މި އެވޯޑު ރާއްޖޭގެ ކުރުނބާ މޯލްޑިވްސް އަށް ލިބިފައިވަނީ އެ ރިސޯޓުން މި ދާއިރާ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެގޮތުން ދެމެހެއްޓެނިވި ޓޫރިޒަމްގެ މާހައުލެއް ބައްޓަން ކުރުމަށްޓަކައި ރިސޯޓަށް ޖަމާވާ ކުނި މެނޭޖުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.

މީގެ އިތުރުން ކުރުނބާ މޯލްޑިވްސްއަށް މި އެވޯޑު ލިބުމުގައި އެ ރިސޯޓަށް ހަކަތަ ހޯދުމަށް ބޭނުންކުރާ ނިޒާމު ތަކަށް ގެނެސްފައިވާ ހެޔޮ ބަދަލުތައް ހިމެނެ އެވެ. އެ ބަދަލުތަކުގެ ތެރޭގައި ރިސޯޓުގައި ބޭނުންކުރާ ލައިޓުތައް "ލެޑް ލައިޓަށް" ބަދަލު ކުރުމާއި ރިސޯޓުގައި ބޭނުންކުރާ އެއާ ކޮންޑިޝަންތައް "އިންވާޓާ" އެއާކޯނަށް ބަދަލު ކުރުން ހިމެނެ އެވެ. މީގެ އިތުރުން އާއްމުން ހޭލުންތެރި ކުރުވުމަށް ގިނަ ހަރަކާތްތަކެއް ހިންގުމާއި މެދުކެނޑުމެއް ނެތި ކޮންމެ އަހަރަކު ވެސް "އާތް އަވާ" ކުލަގަދަ ކޮށް ފާހަގަ ކުރުން ހިމެނެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ކުރުނބާ މޯލްޑިވްސްއަކީ ދުނިޔޭގެ މަޝްހޫރު ގިނަ ބަޔަކު ޒިޔާރަތް ކުރާ ރިސޯޓެވެ. އެ ގޮތުން މި ރިސޯޓު މަގުބޫލުވެފައިވަނީ އިވެންޓްތައް ބޭއްވުމާއި ރާއްޖެއަށް އަންނަ "ވީއައިޕީ" މީހުން މަޑުކުރާ ރިސޯޓެއްގެ ގޮތުގަ އެވެ. މި ރިސޯޓަށް ޒިޔާރަތްކުރި މަޝްހޫރު މީހުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަށް އާއި ޖޯޖް ޑަބްލިއުބުޝްގެ އިތުރުން އދ. ގެ ސެރެކްޓްރީޖެނެރަލް ކޯފީއަނާން ހިމެނެ އެވެ.