ބްރެޒިލް

ނޭމާއަށް އަނިޔާވުމުން ވިލިއަން ގައުމީ ޓީމަށް

ކޮޕާ އެމެރިކާގެ ކުރިން ބްރެޒިލް ކުޅުނު އެކުވެރިކަމުގެ މެޗުގައި، ނޭމާ ޖޫނިއާ އަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ޗެލްސީގެ ވިންގާ ވިލިއަންއަށް ޖާގަ ދީފި އެވެ.

އަންނަ ހޮނިހިރު ދުވަހު އަމިއްލަ ގައުމުގައި ބާއްވާ ކޮޕާ އެމެރިކާއަށް ތައްޔާރު ވުމަށް އެކުލަވާލި ސްކޮޑުން ވިލިއަން އަށް ޖާގަ ދީފައެއް ނުވެ އެވެ. ޔޫރޮޕާ ލީގް ފައިނަލަށް ފަހު އޭނާ ހުރީ ޗުއްޓިގަ އެވެ. ސްކޮޑުން ވިލިއަންއަށް ޖާގަ ދޭން ބްރެޒިލްގެ ކޯޗް ޓީޓޭ ބޭނުންވުމުން، ޗުއްޓީ ކުރު ކޮށްލުމަށް ފަހު ވިލިއަން ވަނީ ޓީމާ ގުޅެން ދަތުރު ކޮށްފަ އެވެ.

ރެއާލް މެޑްރިޑްގެ ޒުވާން ފޯވަޑް، ވިނީސިއުސް ޖޫނިއާއަށް ޖާގަ ދީފާނެ ކަމަށް ބެލެވުނު ނަމަވެސް، ވިލިއަންގެ ނަން ޓީޓޭ އިހްތިޔާރު ކުރީ އޭނާގެ ތަޖުރިބާ އަށް ބެލުމަށް ފަހު އެވެ. އަދި ޗެލްސީ އާއެކު ޔޫރޮޕާ ލީގް ފައިނަލުގައި ކުޅެފައި ވުމުން އޭނާގެ މެޗު ފިޓްނަސް ރަނގަޅު ވާނެތީ އެވެ.

ނޭމާއަށް އަނިޔާވީ، ގަތަރާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗުގަ އެވެ. މެޗުގެ ކުރީ ކޮޅު އޭނާއަށް ލިބުނު އަނިޔާއާ ގުޅިގެން ދަނޑުން ބޭލީ އެހީތެރިން އެހީގައި އަތުލަފި ކޮށްގެންނެވެ. ދަނޑުން ބޭލިއިރު އޭނާއަށް ހުރީ ރޮވިފަ އެވެ.

މިދިޔަ ދެ އަހަރު ފާހަގަ ކުރެވުނީ އަނިޔާގައި ނޭމާއަށް އުނދަގޫ ކުރިމަތިވި ދުވަސްތަކެއްގެ ގޮތުގައެވެ. މިދިޔަ އަހަރު ވޯލްޑަކަޕަށްވެސް އޭނާ ކުރިމަތިލީ، ކުލަބުގައި ލިބުނު އަނިޔާއިން ރަނގަޅުވެ ރިކަވާވި ތަނުންނެވެ. އެހެންވެ ވޯލްޑްކަޕުގައިވެސް އޭނާގެ އަސްލު ކުޅުން ދެއްކޭ ގޮތެއް ނުވި އެވެ.

މި އަހަރުވެސް އޭނާގެ ކަކުލު ހުޅަށް އަނިޔާވެ ޕީއެސްޖީގެ ސީޒަންގެ ބޮޑުބައެއް އޭނާއަށް ގެއްލުނެވެ. އަނިޔާއިން މުޅި ރަނގަޅުވެ ކޮޕާ އެމެރިކާއާ ކުރިމަތިލާން ތައްޔާރުވީއިރު އަނެއްކާވެސް އޭނާއަށް އަނިޔާގެ މައްސަލަ ކުރިމަތިވީ އެވެ.